12 ވަނަ ދިރާގު މޯލްޑިވްސް ރޯޑް ރޭސް މިއަހަރުގެ ނޮވެމްބަރުގައި!

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދުވުމުގެ އިވެންޓް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް މިއަހަރުގެ ނޮވެމްބަރު މަހުގެ 2 ވާ ހުކުރު ދުވަހު ބާއްވާނެކަން ދިރާގުން އާންމުކޮށް އިއުލާންކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނުގައި ދިރާގުން ބުނީ، މިދިޔަ 2 އަހަރެކޭ ވެސް އެއްފަދައިން މިއަހަރުވެސް އެ ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ކަމަށެވެ. މިއަހަރުގެ ރޯޑް ރޭހުގައި ދުވުންތެރިން އާންމުކޮށް ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު 16 ސެޕްޓެމްބަރުން ފެށިގެން 16 އޮކްޓޯބަރުގެ ނިޔަލަށް ދިރާގު ރޯޑްރޭސް ވެބްސައިޓުގައި ވަނީ ހުޅުވާލާފައެވެ.

ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހުމަތްތެރިކަން އާލާވާ ގޮތަށް ކުރިއަށްގެންދާ ދިރާގު ރޯޑް ރޭހަކީ ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެކެވެ. ދިރާގު ރޯޑް ރޭސް މި ފަހަރު ވެސް އޮންނާނީ ދެ ކެޓަގަރީ އަކަށެވެ. އެއީ 5 ކިލޯމީޓަރުގެ ބަޔާއި 10 ކިލޯމީޓަރުގެ ބަޔެވެ. ކޮންމެ ކެޓަގަރީ އަކުން ވެސް އޯޕަން ބަޔާއި 45 އަހަރުން މަތީގެ ބަޔާއި ސްކޫލް ކުދިންގެ 13 އަހަރުން ދަށުގެ ބަޔާއި 13 އަހަރުން މަތީގެ ބައި ހިމެނޭނެ އެވެ.

ދުވުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ކެޓަގަރީ އަކަށްވެސް ބައިވެރިވެވޭނެ އެންމެ ކުޑަ އުމުރުފުރާތަށް ވަނީ ކަނޑައަޅާފައިއެވެ. އެގޮތުން 5 ކިލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވުމަށް 1 ނޮވެމްބަރ 2018 ގެ ނިޔަލަށް 7 އަހަރު ފުރިފައިވާން ޖެހޭނެ ކަމަށާއި 10 ކިލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވުމަށް 1 ނޮވެމްބަރ 2018 އަށް 16 އަހަރު ފުރިފައިވާން ޖެހޭނެ ކަމަށް ދިރާގުން ބުނެއެވެ.

މިއަހަރުގެ ރޭހުގެ ވެސް ޝިޔާރަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ. އަދި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި އުޅޭ މަދަނީ އެކި ޖަމިއްޔާތަކާއި އެންޖީއޯތައް މިއިވެންޓުގައި ބައިވެރިވެ އިވެންޓުގައި ރަޖިސްޓްރީ ކުރުމަށް ވަނީ މިއަދުން ފެށިގެން 13 ސެޕްޓެމްބަރ 2018 ގެ ނިޔަލަށް ވަނީ ހުޅުވާލާފައިއެވެ.

ރަޖިސްޓްރީ ކުރާ ޖަމިއްޔާތައް ގައިޑްލައިނާ އެއްގޮތަށް ދިރާގު ރޯޑް ރޭހުގެ ވެބްސައިޓުގައި ޝާއިއު ކުރުމަށް ހަމަޖެހިފައިވާއިރު، ހުރިހާ ދުވުންތެރިންވެސް ވެބްސައިޓްގައި ޝާއިއުވެފައިވާ ޖަމިއްޔާތަކުގެ ތެރެއިން އެމީހެއްގެ ދުވުން ހާއްސަކުރާނީ ކޮން ޖަމިޔާއަކަށްކަން ކަނޑައަޅާނެއެވެ. މިގޮތުން އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ 5 ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ހަދިޔާކުރާނެ ކަމަށް ދިރާގުން ބުނެއެވެ.

އެހެން އަހަރުތަކާއި ހިލާފަށް މި ފަހަރުގެ ރޯޑް ރޭހަށް ރަޖިސްޓްރީ ކުރާއިރު ދުވުންތެރިންނަށް ބޭނުންވާ ޓީޝާޓްގެ ސައިޒް ހިޔާރު ކުރައްވާ، ދިރާގު ޕޭ މެދުވެރިކޮށް ޓީޝާޓް ގަތުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށް ދިރާގުން ބުނެއެވެ.

ކުޑަކުދިން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ފައިސާ ހޯދޭނެ ވަސީލަތެއް ޤާއިމްކޮށްދިނުމުގެ ގޮތުންނާއި އެ ޖަމިއްޔާއަކާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ފުރުސަތުވެސް ހޯދައިދިނުމުގެ މަޤްސަދުގައި އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ބައިވެރިވުމަށް ދުވުންތެރިން ގަންނަ ޓީޝާޓުތަކުން ލިބޭ ހުރިހާ ފައިސާއެއް ދިރާގު މޯލްޑްވްސް ރޯޑް ރޭހުގައި ބައިވެރިވާ ޖަމިއްޔާތަކަށް ކުޑަކުދިންގެ ހައްގުގައި ހަދިޔާކުރުމަކަށް ވަނީ ނިންމާފައެވެ. މިއަހަރު ޓީޝާޓު ވިއްކުމަށް ދިރާގުން ހަމަޖައްސާފައިވާ އަގަކީ މަދުވެގެން 100 ރުފިޔާ އެވެ.

2007 ވަނަ އަހަރުގައި ދިރާގުން ތައާރަފްކުރި ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާތާ މިއީ 12 ވަނަ އަހަރެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...