ސީރިޔާގައި ދިން ވަައިގެ ހަމަލާތަކެއްގައި އައިސިސް ޖަމާއަތުގެ 200 ހަނގުރާމަވެރިން މަރުވެއްޖެ!

ސީރިޔާގައި ދިން ވައިގެ ހަމަލާތަކެއްގައި އައިއެސް ޖަމާއަތަށް ނިސްބަތްވާ 200 ހަނގުރާމަވެރިން މަރާލެވިފައިވާ ކަމަށް ރަޝިޔާއިން ބުނެފިއެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ، ސީރިޔާގެ އެކި ސަރަހައްދުތަކުގެ ތެރެއިން ދޭރް އަޒޫރްގައި ދީފައިވާ ވައިގެ ހަމަލާތަކެއްގައި އައިއެސްގެ 200އެއްހާ ހަނގުރާމަވެރިން މަރާލެވިފައިވާ ކަމަށެވެ. ދޭރް އަޒޫރަކީ އައިއެެސްގެ ކޮންޓްރޯލް އޮންނަ ސަރަހައްދެކެވެ.

ރަޝިޔާގެ އަސްކަރިއްޔާއިން އަންނަނީ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ދިފާއު ކުރުމަށްޓަކައި ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ޖަމާއަތްތަކާއޮ ދެކޮޅަށް ހަަމަލާތައް ދެމުންނެވެ.

އެގޮތުން ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ އައިއެސް ޖަމާއަތުގެ 20 އުޅަނދަކަށް ބޮމުގެ ހަމަލާތަކެއް ދީފައެވެ.

ހުކުރު ދުވަހު ދޭރް އަޒޫރްގައި އައިއެސްގެ 20 އުޅަނދަކަށް އަމާޒުކޮށް ދިން ހަމަލާގައި އެޖަމާއަތުގެ 70 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓްރީ ފޮރ ހިއުމަން ރައިޓްސްއިން ވަނީ ހާމަކޮށްފައެވެ.

ސީރިޔާގައި ރަޝިޔާ ސިފައިން ދެމުން އަންނަ ވައިގެ ހަމަލާތައް ވަރުގަދަކޮށްފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ސީރިޔާގައި ކުރަމުން އަންނަ ދާހިލީ ހަނގުރާމައަށް 6 އަހަރުވެފައިވާއިރު، ސަރުކާރަށް ތާއީދުކުރާ ސިފައިންނާއި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ ހަނގުރާމަވެރިންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި އާއްމުންގެ އެތައްހާސް ބަޔަކު ވަނީ މަރުވެފައެވެ.

ސީރިޔާގެ ސަރުކާރާއި ހަނގުރާވެރި ގްރޫޕްތަކާއި ދެމެދުގައި ހަމަލާބަދަލު ކުރުންތައް ހުއްޓާލުމަށް އެންމެ ފަހުން އެއްބަސްވީ މޭމަހުގެ ތެރޭގައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...