މުޅި އިންޑިޔާގައި ގެރި ކަތިލުމާއި ބެހޭ ހަރުުކަށި ޤާނޫނުތަކެއް ތަންފީޒްކުރަނީ!

އިންޑިޔާގައި ގެރި ކަތިލުމާއި ބެހޭގޮތުން ހަރުކަށި ގާނޫނެއް ވަރަށް އަވަހަށް ތަންފީޒް ކޮށްފާނެތީ ގެރިމަސް ވިއްކާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާލުކުރަމުން.

މުޅި އިންޑިޔާގައި ގެރިމަސްވިއްކުން މަނާ ކުރާ ގާނޫނެއް ފާސްކުރަން އެގައުމުގެ ސަރުކާރުން ނިންމާފާނެތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.

އިންޑިޔާގެ އުތުރުގައި އޮންނަ އުއްތަރް ޕްރަދޭޝްގައި ގެރި ވިއްކުމާއި ކަތިލުމަކީ މިހާރު މަނާކޮށްފައިވާ ކަމެކެވެ.

ގެރިއަކީ އިންޑިޔާގެ ހިންދޫ ދީނުގެ މީހުން އަޅުކަން ކުރަން ބޭނުންކުރާ ޖަނަވާރަކަށްވުމުން ގެރި ކަތިލުން މަނާކުރުމަށް ހިންދޫ ދީނުގެ މީހުން އަންނަނީ ގޮވާލަމުންނެވެ.

އެހެންނަމަވެސް މީގެ ކުރީގެ ސަރުކާރުތަކުން އިންޑިޔާގައި ގެރިކަތިލުން މަނާކޮށްފައެއް ނުވެއެވެ.

މިހާރުވެެރިކަން ކުރާ ބީޖޭޕީއަކީ ހިންދޫ ދީނުގެ މީހުންގެ ނުފޫޒު އޮންނަ ޕާޓީއެއް ކަމުން ވަރަށް އަވަހަށް ގެރި ކަތިލުމާއި ބެހޭ ހަރުކަށި ގާނޫނުތަކަކަށް މުޅި އިންޑިޔާގައި އަމަލު ކުރަން ފަށާފާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

މިފަދަ ގާނޫނެއް ވުޖޫދަށް ގެނެސްފިނަމަ، އިންޑިޔާގައި ގެރި އެކްސްޕޯޓް ކޮށްގެން އަހަރަކު އެތައް މިލިއަން ޑޮލަރުގެ ފައިދާ ނަގާ ކުންފުނިތަކަށް ވަރަށް ބޮޑު ގެއްލުމެއް ވާނެއެވެ.

އިންޑިޔާގައި އެންމެ ގިނައިން ގެރީގެ ވިޔަފާރި ކުރަނީ މުސްލިމުން. މީގެ އިތުރުން އިންޑިޔާއަކީ އެންމެ ގިނައިން ގެރިމަސް އެކްސްޕޯޓް ކުރާ ގައުމުކަން ފާހަގަކޮށްލެވެއެވެ.

އިންޑިޔާގެ ސްޓޭޓްތަކުގައި ގެރިކަތިލުން މަނާ ކުރުމަށް ތާއީދު ކުރާ ފަރާތްތަކުން ބުނެފައިވަނީ އެފަދަ ނިންމުމެއް ނިންމަން ޖެހެނީ އެންމެންގެ ސުލްހައަށްޓަކާ ކަމަށެވެ.

ގެރި ކަތިލުމުގައި ބައިވެރިވި ބައެއް މުސްލިމުންނަށް ހަރުކަށި ހިންދޫ ދީނުގެ މީހުން ވަނީ ހަމަލާދީ މަރާލާފައެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ގެރި ހިމާޔަތް ކުރުމަށް ކަމަށް ބުނެ، އިންޑިޔާގެ ބައެއް އަވަށްތަކުގައި މުސްލިމުންނަށް އަނިޔާ ދެމުން އަންނަ މައްސަލަ ކުށްވެރި ކުރައްވާފައެވެ.

އެހެންމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ބުނެފައިވަނީ މިމައްސަލަ ހައްލު ކުރުމަށްޓަކައި މޯދީގެ ސަރުކާރުން އެދެވޭ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށެވެ.

އިންޑިޔާގެ 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނައިރު، އޭގެތެރެއިން 14 އިންސައްތައަކީ މުސްލިމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...