އަހަރެން އިސްލާމްވި ގޮތް


އަހަރެން އިސްލާމްވީ ގޮތް ބިނާވެފައިވަނީ ރޭވުންތަކެއްގެ މައްޗަށެވެ. މިއީ އަހަރެން އިސްލާމްވި ގޮތުގެ ވާހަކައެވެ.

އަހަރެން ރޭވުންތައް ރޭވީމެވެ. އަހަރެން އެ ގްރޫޕެއްގައި ހިމެނޭ ގްރޫޕުންވެސް ރޭވުންތަކެއް ރޭވިއެވެ. އެހެންނަމަވެސް، އެންމެ މޮޅަށް ކަންކަން ރާއްވަވާ، ނިންމަވާ ދެއްވާ ފަރާތަކީ މާތްﷲއެވެ.

އަހަރެންގެ އެންމެ ޒުވާން ދުވަސްވަރުގައި، އިސްލާމް ދީން ނައްތާލަން މަސައްކަތް ކުރާ އެމެރިކާގެ ޖަމާއަތަކާއި ގުޅުން ބަދަހިވިއެވެ. އެމީހުންނަކީ މިހާރު ސަރުކާރުގެ މަތީ މަޤާމްތަކުގައި ތިބި މީހުން ކަމަށް ވިޔަސް، އިސްލާމް ދީނަށް ދެކޮަޅަށް ކުރަމުން އަންނަ މަސައްކަތްތައް އަދިވެސް އެމީހުން ކުރިއަށް ގެންދެއެވެ. އެމީހުންގެ އެޖެންޑާއަކީ ދުނިޔޭގެ އެކި ހިސާބުތަކުން އިސްލާމް ދީން ފޮހެލުމެވެ.

އެޖަމާއަތުގެ މީހަކު އަހަރެންނާ ބައްދަލު ކުރިއެވެ. އޭނާ ބޭނުންވީ އަހަރެން އެމީހުންގެ ޖަމާއަތާއި ގުޅިގެން މަސައްކަތް ކުރާށެވެ. އަހަރެން އެޖަމާއަތާއި ގުޅެން އޭނާ ބޭނުންވި ސަބަބުތައް ބައިވަރެވެ. އޭރު އަހަންނަކީ އަންހެނުންގެ ހައްޤުތަކަށް ވަކާލާތު ކުރި ޒުވާނެކެވެ. އަދި އެކި މައުޟޫތަކަށް ވަރަށް ފަރިތަ ކަމާއެކު ބަހުސް ކޮށްލުމަކީވެސް އަހަންނަކަށް އުނދަގޫ ކަމެއް ނޫނެވެ. އެހެންކަމުން އަހަރެން ފަދަ މީހަކު، އިސްލާމް ދީން ނައްތާލުމަށް ކުރާ މަސައްކަތުގައި ބައިވެރި ކުރުވަން އޭނާ ބޭނުންވީއެވެ. އޭނާ އަހަރެން ކައިރީގައި ބުނީ މިސްރުގައި ހުންނަ އެމެރިކާގެ އެމްބަސީގައި މަސައްކަތް ކުރުމުގެ ފުރުސަތު އަހަންނަށް ލިބިދާނެ ކަމަށެވެ. އަދި އެމްބަސީގައި މަސައްކަތް ކުރަމުން، މިސްރުގެ އަންހެނުން މަގުފުރެއްދުމުގެ މަސައްކަތް އަހަރެންނަށް ކުރެވިދާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އަހަރެން ހިތަށް އެރިއެވެ. މިއީ ވަރަށް ރަނގަޅު ހިޔާލެކެވެ. މުސްލިމް އަންހެނުންނަކީ އެއްވެސް މިނިވަންކަމެއް އޮންނަ ބައެއް ނޫނެވެ. އެމީހުންނަށް މިނިވަންކަން ހޯދައިދޭން އަހަރެންނަށް މަސައްކަތް ކުރެވިދާނެއެވެ.

އަހަރެން ކައިރިއަށް އައި މީހާ އެދުނު ގޮތަށް އަހަރެން އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ކިޔަވަން ފެށީމެވެ. ކޮލެޖަށް ދަމުން އަހަރެން ޤުރުއާން ދިރާސާ ކުރުމުގެ މަސައްކަތްވެސް ފެށީމެވެ. ބޭނުމަކީ މުސްލިމުންނާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ކުރިން އެމީހުންގެ "ގޮތްފޮތް" ދެނެގަތުމެވެ.

ޤުރުއާން ކިޔެވުމުން އަހަންނަށް ވިސްނެން ފެށީ އިސްލާމް ދީނަކީ ވަރަށް ސުލްހަވެރި، އަދި މާތް ދީނެއް ކަމެވެ. އަހަރެންގެ ސިކުނޑިއަށް އެކަން ޤަބޫލް ކުރެވެން ފެށުމުން އަހަރެން ބިރު ގަންނަން ފެށިއެވެ. ޤުރުއާނުން އަހަންނަށް ކުރަމުން އައި އަސަރުތަކުން ސަލާމަތް ވުމަށް، އަހަރެންގެ ދީން ކަމަށްވާ ކްރިސްޓިއަން ދީނުގެ އިލްމުވެރިއަކާއި ބައްދަލުކުރަން އަހަރެން ނިންމީމެވެ. އިސްލާމް ދީނުގެ މާތްކަން ހިތުން ފޮހެލުމަށްޓަކައެވެ. އެހެންނަމަވެސް، ކަންވީ އަހަރެން ހީކުރި ގޮތާއި ދިމާ އިދިކޮޅަށެވެ.

އެ އިލްމުވެރިޔާ އަހަންނަށް ކިޔައިދިން ކަންކަމާއި، އަހަރެން ޤަބޫލް ކުރަމުން އައި ދީނުގެ އުސޫލްތަކާއި ދިމައެއް ނުވިއެވެ. އެހެންކަމުން ވަރަށް ވިސްނުމަށްފަހު، އަހަރެން ނިންމީ، މި ހުރިހާ ދުވަހު އަހަރެން ތަބާވަމުން އައި ކްރިސްޓިއަން ދީން ދޫކޮށްލާށެވެ.

ދުވަސްތައް ވޭތުވަމުން ދިޔައެވެ. އަހަރެން އުޅުނީ ކޮލެޖްގައެވެ. އިންޓަރނޭޝަނަލް ރިލޭޝަންސް ކިޔެވުމުގައެވެ. އެދުވަސްވަރު އަހަރެންނާއި ގިނަ މުސްލިމުންނާއި ދިމާވާން ފެށިއެވެ. އަހަރެން އެމީހުންނާއި ސުވާލުކޮށް، އިސްލާމް ދީނާއި ބެހޭގޮތުން ސުވާލު ކޮށް ހެދީމެވެ. އަދި ބައެއް މީހުންނާއެކު ހޫނު ބަހުސްތައްވެސް ކުރެވުނެވެ.

އެއް ދުވަހަކު އަހަރެންނާ ދިމާވި މުސްލިމަކު، އެމީހުންގެ ދީނުގެ އިލްމުވެރިޔަކާއި ބައްދަލު ކުރަން އަހަރެންގެ ކިބައިން އެދުނެވެ. އަހަރެން ދެކޮޅެއް ނުހަދަމެވެ. އެއީ އިސްލާމް ދީނާއި ބެހޭ ގޮތުން އެނގެން ބޭނުންވާ ކަންކަން ހުރީމައެވެ. އެމީހާ އަހަރެން ގެންގޮސް ބައްދަލު ކުރުވީ، ޕާކިސްތާނުގެ ދީނީ އިލްމުވެރިއަކާއެވެ. މާޝާﷲ! އަހަރެން އިސްލާމް ވުމަށް މަގުފަހިވީ އޭނާގެ ވާހަކަތަކުގެ ސަބަބުންނެވެ. އޭނާ އަހަރެންނަށް އިސްލާމް ދީނާއި ކްރިސްޓިއަން ދީނުގެ ތަފާތު ކިޔައިދިނެވެ. އަދި އަހަރެންނަށް އިސްލާމް ވުމަށް "ދައުވަތު" ދިނެވެ.

މީގެ ކުރިން ދީނާއި ބެހޭ ގޮތުން އެކި މީހުންނާއި އަހަރެން ވާހަކަ ދައްކާ، ވަރުގަދަ ބަހުސްތައް ކުރީމެވެ. އެހެންނަމަވެސް، އެއްވެސް މީހަކު އަހަރެންނަށް ދީން ޤަބޫލް ކުރުމަށް ދައުވަތު ދީފައެއް ނުވެއެވެ. ހަޤީޤަތުގައި އޭނާ ދައުވަތު ދިނުމުގެ ކުރިންވެސް އަހަރެންގެ ހިތުގައި އިސްލާމް ދީނަށްޓަކައި ވަނީ ލޯބި އުފެދިފައެވެ. އަހަރެން ބުނީމެވެ. "އަހަރެން އިސްލާމްވާން ބޭނުމެވެ."

އަހަރެން އިސްލާމްވާން ބޭނުންވާ ވާހަކަ ބުނުމުން، އޭނާ އަހަރެންނަށް ޝަހާދަތް ކިޔައިދިނެވެ. އަރަބިންނާއި އިނގެރޭސިންނެވެ. ޝަހާދަތް ކިޔުމާއެކު އަހަރެންގެ ހިތަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އަހަރެން ފުން ނޭވާއެއް ލީމެވެ. އެވަގުތު އަހަރެންނަށް ހީވީ، އަލުން ދުނިޔެއަށް އާދެވުނު ހެންނެވެ. އަހަރެންގެ ދުޢާ އަކީ މުސްލިމެއްގެ ގޮތުގައި މަރުވެދިއުމެވެ.
(މިއީ ޣައިރު މުސްލިމަކު، އިސްލާމް ދީން ޤަބޫލްކުރި ގޮތުގެ ވާހަކައެވެ. މިއީ ހަޤީޤީ ވާހަކައެއްގެ ތަރުޖަމާއެކެވެ. )މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
އަހަރެން އިސްލާމްވި ގޮތް
Loading...