އެމެރިކާގެ މަނަވަރެއް ތެޔޮ ޓޭންކަރެއްގައި ޖެހި 10 މީހުން މަރުވެއްޖެ!

އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް: ފޮޓޯ/ އަލްޖަޒީރާ

ސިންގަޕޫރުގެ އިރުމަތީގެ ކަނޑުގެ ސަރަހައްދެއްގައި ދުއްވަމުން ދިޔަ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް، ތެޔޮ ޓޭންކަރެއްގައި ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި އެމެރިކާ ސިފައިންގެ 10 މީހުން މަރުވެއްޖެއެވެ. 

 ބައިނަލްއަގްވާމީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ތެޔޮ ޓޭންކަރާ އެމެރިކާގެ މަނަވަރާ ޖެހި ހިނގި މި ހާދިސާގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ 5 މީހުން ގެއްލިފައިވާ ކަމަށެވެ.
 
މަނަވަރުން ގެއްލުނު މީހުން ހޯދުމަށް ޓަގް ބޯޓު ފަހަރާއި ސިންގަޕޫރުގެ ކަނޑުގެ ސިފައިންގެ ޕެޓްރޯލް ބޯޓު ފަހަރާއި ހެލިކޮޕްޓަރުތައް ދަނީ ބޭނުން ކުރަމުންނެވެ.

މީގެ އިތުރުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި މެލޭޝިޔާއިންވެސް ވަނީ ބައިވެރިވެފައެވެ. މަނަވަރުގައި ޖެހިފައި ވަނީ 600 ފޫޓު ދިގު ތެލާއި ކެމިކަލް އުފުލާ އެލްނިކް އެމްސީ ކިޔާ އުޅަނދެކެވެ. 

މިއީ ވޭތުވެދިޔަ ދެ މަސް ދުވަސް ތެރޭ އެމެރިކާގެ ސެވަންތު ފްލީޓުގައި ހިމެނޭ މަނަވަރެއް އެކްސިޑެންޓްވި ދެ ވަނަ ފަހަރެވެ. މިހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.

ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ޓްރަމްޕް ވިދާޅުވީ، މިއީ ވަަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ. އަދި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...