މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން ހދ އަތޮޅަށް ވަޑައިގަންނަވަނީ

ހދ އަތޮޅުގައި ސަރުކާރުން ހިންގަވާފައިވާ މުހިންމު ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ތިލަދުއްމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޗެނަލް13އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، މި ހަފްތާގެ ތެރޭގައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ހދ.ނޮޅިވަރަންފަރަށް ވެސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ކުޅުދުއްފުއްޓަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އެ ރަށުގެ މަގުގައި ތާރު އެޅުމުގެ މަޝްރޫއު އާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމުން ފާހަގަ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ނޮޅިވަރަންފަރަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށުގެ ބަނދަރު ރަސްމީކޮށް ހުޅުއްވާދެއްވުމަށް ހަމަޖެހިފައިވެއެވެ. ރައީސް ޔާމީންގެ ސަރުކާރުން ހދ.ކުޅުދުއްފުށީގައި ގިނަ މަޝްރޫޢުތަކެއް ހިންގަވާފައިވާއިރު، އެމަނިކުފާނު މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން އެރަށަށް ވަޑައިގެންފައިވެއެވެ. ހދ އަތޮޅަށް ބަލާއިރު، އެއަތޮޅުގައި ގިނަ މަޝްރޫޢުތަކެއް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ހިންގަވާފައެވެ.

އެގޮތުން ހދ. ހަނިމާދޫގައި ނަރުދަމާ ނިޒާމްގެ ޚިދުމަތް ޤާއިމް ކޮށްދެއްވާފައިވާއިރު، އެރަށުގެ ބަނދަރުވެސް މި ސަރުކާރުން ވަނީ މަރާމާތު ކޮށްދެއްވާފައެވެ. ހދ ފިނޭގެ ބަނދަރުގެ މަސައްކަތްވެސް ނިމިފައިވާއިރު، އެއަތޮޅު ނާވައިދޫގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ފުޓްސެލް ދަނޑަކާއި ބަށި ކޯޓެއް ވަނީ ޤާއިމް ކޮށްދެއްވާފައެވެ.

ހިރިމަރަދޫއަށް ބަލާއިރު، އެރަށުގެ ބަނދަރު ހެދުމާއި ސިއްހީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ވަރަށް އަވަހަށް އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ޗެނަލް13އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގައެވެ. މިދަތުރުފުޅު ރައީސް އަމާޒު ކުރައްވަނީ ހުޅުމީދޫގެ ނަރުދަމާ އިފްތިތާހު ކުރެއްވުމަށާއި، އެރަށުގެ މަގު ހެދުން އިފްތިތާހު ކުރެއްވުމުގެ އިތުރުން ހުޅުމީދޫގައި ގާއިމްކޮށްފައިވާ މަސް ފެކްޓަރީ ހުޅުއްވައި ދެއްވުމަށެވެ. ރައީސް ޔާމީން ދާދިފަހުން ކޮޅުމަޑުލުގެ ބައެއް ރަށްތަކަށް ވަޑައިގެން، އެރަށްރަށުގައި ނިމިފައިވާ ބައެއް މުހިންމު މަޝްރޫޢުތައް ވަނީ އިފްތިތާހް ކޮށްދެއްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...