ނަޝީދު ފަދަ ދޮގުވެރިއަކު ދިވެހި ތާރީޚު ދެކެފައެއް ނުވޭ- ނިހާން

ޕީޕީއެމް ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކް

ނަޝީދު ފަދަ ބޮޑު ދޮގުވެރިޔެއް ދިވެހި ތާރީހު ދެކެފައިނުވާ ކަމަށް ޕީޕީއެމް ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކް ވިދާޅުވެއްޖެއެވެ. 

ޕީޕީއެމްގެ ފަރާތުން ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ޕީޕީއެމް ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކް ވިދާޅުވީ ކެނަރީގޭ މުހައްމަދު ނަޝީދަކީ ބޮޑެތި ދޮގުތައް ހެއްދެވި ބޭފުޅެއް ކަމަށެވެ. ނިހާން ވިދާޅުވީ ރާއްޖޭގެ ވަލިޔުލްއަމުރު ކަމުގެ މަގާމުގައި ހުންނަވައިގެންވެސް ނަޝީދު ހެއްދެވީ ދޮގު ކަމަށެވެ.

ނިހާން ވަނީ ނަޝީދު ހެއްދެވި 100 ދޮގު މައްޗަށް އުމަރު ތައްޔާރު ކޮށްފައިވާ ފޮތުގެ ވާހަކަ ދައްކަވާފައެވެ. ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ނިހާން ވިދާޅުވީ، ނަޝީދު އުޅުއްވަނީ އިބްރާހިމް މުހައްމަދު ސޯލިހް ބޭނުން ކުރައްވައިގެން އަމިއްލަ ފައިދާތަކެއް ހާސިލް ކުރައްވަން ކަމަށެވެ. އަދި ހިންނަވަރަށް ނިސްބަތްވާ އިބްރާޙިމް މުހައްމަދު ސޯލިހަށް ލަނޑު ދޭން ނަޝީދު މަސައްކަތް ކުރައްވާކަން ނިހާން ފާހަގަކުރެއްވިއެވެ.

ނިހާން ވަނީ 2008 ވަނަ އަހަރު ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމްގެ ބޮލުގައި މީހުން މެރުމުގެ އިލްޒާމާއި، ސުނާމީ ފަންޑު ވަގަށް ނެގިކަމުގެ އިލްޒާމް ނަޝީދު އަޅުއްވައިގެން، އެމަނިކުފާނުގެ ވެރިކަން ފުރޮޅާލުމަށް ކުރި މަސައްކަތުން އެއްވެސް ކަމެއް ހާސިލް ނުވި ކަމަށް ވިދާޅުވެފައެވެ.

ނިހާން ވިދާޅުވީ، ބައެއް ޝޭހުންނަށް ކަންނެލި އޮޑިތައް ދީގެންނާއި، ހުސައިން ސޮލާހާއި އީވާން ނަސީމް ފަދަ މަރްހޫމުންގެ އާއިލާތައް ގޮވައިގެން ހައްގު ކަށަވަރުކުރަން އެމްޑީޕީން މަގުތައް މައްޗަށް ނުކުމެގެން ކުރި ކަންކަމުން އެއްވެސް ކަމެއް ހާސިލް ވެފައި ނުވާ ކަމަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...