މާދަމާ އަކީ ޢަރަފާތު ދުވަސް: ދުވަހުގެ ފައިދާ ލިބިގަންނަމާތޯ؟

މާދަމާ އަކީ މާތްވެގެންވާ ޙައްޖު ދުވަހެވެ. ނުވަތަ ޢަރަފާތް ދުވަހެވެ. މިއީ ހެޔޮކަން ބޮޑު، މާތް ދުވަހެކެވެ.  

މިއީ އަޅުގަނޑުމެން މުސްލިމުން އެއްގޮތަކަށްވެސް ނަގައިލައިގެންވާނެ ފުރުސަތެއް ނޫނެވެ. ޢަރަފާތު ދުވަހަކީ މާތްވެގެންވާ ދުވަހެކެވެ. ﷲގެ އަޅުތަކުންނަށްޓަކައި މަލާއިކަތުންގެ އަރިހުގައި ﷲ ސުބުޙާނަހޫވަތަޢާލާ ފަޚުރުވެވޮޑިގަންނަވާ ދުވަސް ކަމަށްވެސް އިލްމުވެރިން ވިދާޅުވެއެވެ. ހައްޖު ދުވަސް ނުވަތަ އަރަފާތު ދުވަހަކީ އަޅުގަނޑުމެންގެ މައްޗަށް ﷲ ރަހުމަތެއް ކަމުގައި ބާވައިލެއްވި އިސްލާމް ދީން ފުރިހަމަ ކުރެއްވި ދުވަސްވެސްމެއެވެ.

އަދި އެންމެ ގިނައިން ފާފަފުއްސަވައި ނަރަކައިން މުއްތިކުރުމުގެ ދުވަސް ކަމަށްވެސް އިލްމުވެރިން ވިދާޅުވެއެވެ. މިފަދަ މާތްދުވަހެއް ﷲ އިސްލާމުންގެ މައްޗަށް ލެއްވުމުން އެދުވަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހޭނެއެވެ. އަރަފާތު ދުވަހު ހިފާ ރޯދައަކީ ދެއަހަރުގެ ކައްފާރާ ކަމަށްވެސް ދަންނަ ބޭކަލުން ވިދާޅުވެއެވެ. އެހެންކަމުން ޙައްޖުވެރިން ފިޔަވާ އަރަފާތު ދުވަހު ރޯދަހިފުމަކީ ކޮންމެ އިސްލާމެއްގެ މައްޗަށް އޮތް ސުންނަތެކެވެ. 

މާތްﷲ ރުއްސުންލެއްވި މުއުމިނުތަކުންގެ މައިކަނބަލެއްކަމަށްވާ ޙަފުޞާ ބިންތި އުމަރު ރިވާކުރެއްވިއެވެ.

"ހަތަރުކަމެއް ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ދޫނުކުރައްވައެވެ. އެއީ ޢާޝޫރާ ދުވަހުގެ ރޯދަ ހިއްޕެވުމާއި އަރަފާތްދުވަހު ރޯދަހިއްޕެވުމާއި، ކޮންމެ މަހެއްގެ ތިންދުވަހު ރޯދަ ހިއްޕެވުމާއި  ފަތިސްނަމާދުގެ ކުރީގައި ކުރައްވާ ސުންނަތް ދެރަކުޢަތް މާއިރާ ކުރެއްވުމެވެ."

މި ޙަދީޘް ބަޔާންވެފައިވަނީ ޞަޙީހް މުސްލިމްގައެވެ. އަދިވެސް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ކަމަށް އަބޫ ޙަފުސާ އެބަހީ ޢުމަރުގެފާނު ރިވާކުރެއްވިއެވެ.

"ޢަރަފާތް ދުވަހު ރޯދަ ހިފައިފި މީހެއްގެ ދެ އަހަރުގެ ފާފަ ފުއްސެވޭނެތެވެ. އެއީ ވޭތުވެގެންދިޔަ އަހަރާއި އަދި އަންނަން އޮތް އަހަރެވެ. އަދި ޢާޝޫރާ ދުވަހު ރޯދަ ހިފައިފި މީހާގެ ވޭތުުވެގެން ދިޔަ އަހަރުގެ ފާފަ ފުއްސެވޭ ހުއްޓެވެ."

މި ޙަދީޘް އިމާމު ބުޚާރީއާއި އަދި ތިރުމިޒީ ފިޔަވައި ހަތަރުބޭކަލުން އެބަހީ އަބޫ ދާއޫދު، ތިރުމިޒީ، މުސްލިމް އަދި ނަސާއީ ރިވާކުރައްވާފައިވެއެވެ.

ހައްޖުގެ ފުރަތަމަ 10 ދުވަހަކީވެސް މަތިވެރިވެގެންވާ ދިހަ ދުވަސްކަމަށް އިލްމުވެރިން ވިދާޅުވެއެވެ.  އެދުވަސްތަކަކީ އަޅުކަންތަކުގައި ހީވާގިވެ އާޚިރަތުގެ ކާމިޔާބާއި ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތްކުރަންވީ ދުވަސްތައްކަމަށާއި އެދުވަސްތައް މާތްކުރައްވާ މަތިވެރިކުރެއްވުމަކީ މާތްﷲގެ އޯގާވަންތަކަމުން އަޅުތަކަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށްވެސް ދީނީ އިލްމުވެރިން ވިދާޅުވެއެވެ.

ޙައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް އުމުރުން އެއްފަހަރު އަދާ ކުރުމަށް ﷲ ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. މިއަޅުކަން އަދާ ކުރުމަށް ދުނިޔޭގެ އެކިކަންކޮޅު ތަކުން އެތައްސަތޭކަ ބަޔަކު ކޮންމެ އަހަރަކު މައްކާ ގައިހުންނަ ގެފުޅަށް ޖަމާވެއެވެ. މިއީ ދުނިޔޭގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއްވުމެވެ. މިއެއްވުން ދުނިޔެ ދެމިއޮތްހާ ދުވަހަކު ތަކުރާރު ވަމުން ދާނެއެވެ.

މިއެއްވުމުގައި ތަފާތު ގައުމުތަކުން ތަފާތު ނަސްލުތަކުގެ މީހުން އެއްވެސް ތަފާތު ކުރުމެއްނެތި ބައިވެރި ވަމުންދޭ. މިއަޅުކަމަކީ ހަމަހަމ ކަން ވަރަށް ރަނގަޅަށް ހާމަވެގެންވާ އަޅުކަމެކެވެ.  މާތްﷲ އެކަލާނގެ އަޅުތަކުންނަށްޓަކައި އެކަލާނގެ ނިޢުމަތްތައް ފުރިހަމަ ކުރެއްވި މިދުވަހުގެ ހުރުމަތާމެދު އަޅުގަނޑުމެންވިސްނާލުން މުހިއްމެވެ. އަދި އެއިން އިބްރަތް ލިބިގަންނަން ޖެހެއެވެ. 

މިފަދަ މާތްވެގެންވާ ދުވަހެއް އަޅުގަނޑުމެންގެ މައްޗަށް ﷲ ލައްވާފައިވާއިރު އަޅުގަނޑުމެންގެ އަމަލްތައް ހުރީ ﷲ އެންގެވި ގޮތަށްތޯ ސުވާލު ކުރަން ޖެހެއެވެ.  ތިމާގެ އަމަލު ތަކާމެދު ސުވާލު އުފެއްދުމަށްފަހު އަމަލުތައް ﷲ ރުހިވޮޑިގަންނަވާ ގޮތަށް ބަދަލު ކޮށް އެކަލާނގެ ލޯތްބާއި، ރުހިވޮޑިގަތުން ހޯއްދެވުމަށް އެންމެން މަސައްކަތް ކުރަމާތޯއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...