ޤާސިމް އިބްރާހީމްގެ ބޭބެ ޕީޕީއެމްއާ ގުޅިވަޑައިގެންފި

ކ. ޤާސިމްގެ ބޭބެ ލަކުޑި ސޭޓު އިބްރާހިމް ވ. ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ބޭބެ ލަކުޑި ސޭޓު އިބްރާހީމް ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.

ޤާސިމްގެ ބޭބެ ޕީޕީއެމްއާއި ގުޅިވަޑައިގަތީ މިރޭގެ ވަގުތެއްގައެވެ. ޕީޕީއެމްއާ ގުޅިވަޑައިގަތުމަށްފަހު އޭނާ ވަނީ ރައީސް ޔާމީންގެ ކެމްޕެއިންގައި ބައިވެރިވުމަށް ނިންމަވާފައެވެ. މިކަމާ ގުޅިގެން ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ޤާސިމްގެ ބޭބެ ޕީޕީއެމްއާއި ގުޅިވަޑައިގެން ރައީސް ޔާމީންގެ ކެމްޕެއިންގައި ބައިވެރިވުމަށް ނިންމެވީ، ފާއިތުވި ހަތަރު އަހަރާއި އަށް މަސް ދުވަހު ރައީސް ޔާމީން އިޤްތިޞާދީ ގޮތުން ދިވެހިރާއްޖެއަށް ގެނެސްދެއްވި ކުރިއެރުން ތަކުގެ ސަބަބުން ކަމަށެވެ.

ޤާސިމްގެ ބޭބެ ޕީޕީއެމްއާއި ގުޅިވަޑައިގެންނެވިއިރު، ފާއިތުވި ހަފްތާގެ ތެރޭގައިވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޕީޕީއެމްއާއި ގުޅިފައެވެ. އަދި ހުކުރު ދުވަހުގެ ރޭ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުގައި ރައީސް ޔާމީންގެ ކެމްޕެއިން ޓީމްގެ ފަރާތުން ޒުވާނުންނަށް ބޭއްވި ޚާއްޞަ ޝޯވ އެއްގައި 500 އަށްވުރެ ގިނަ ޒުވާނުން ވަނީ ބައިވެރި ވެފައެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބް ރައީސް ޔާމީނަށް ކާމިޔާބް ކޮށްދެއްވުމަށްޓަކައި ޕީޕީއެމްގެ ފަރާތުން ދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުއްޓުމެއްނެތި ތަފާތު ޙަރަކާތްތައް ހިންގަމުންނެވެ.

ރައީސް ޔާމީނަށް ތާޢީދު ހޯއްދެވުމަށްޓަކައި އެމަނިކުފާނުގެ އިންތިޚާބީ ބައިވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް އަންނަނީ އަތޮޅު ތެރޭގެ ރަށްރަށަށް ވަޑައިގެން ތަފާތު ޙަރަކާތްތައް ހިންގަމުންނެވެ. ފާއިތުވި ހަފްތާގެ ތެރޭގައި ޝަހީމް ވަނީ ފުވައްމުލަކު ސިޓީއަށް ވަޑައިގެން އެ ސިޓީގައިވެސް ކެމްޕެއިން ޙަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން މިހާރު އެމަނިކުފާނު ގެންދަވަނީ ގދ. ތިނަދޫއަށް ވަޑައިގެން ރައީސް ޔާމީނަށް ތާއީދު ހޯއްދެވުމަށް ތަފާތު ޙަރަކާތްތައް އެރަށުގައި ހިންގަވަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...