ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައިވާ އިންޖީނާއި ދޯނިތަކުގެ ޖޫރިމަނާ މާފުކޮށްދީފި

ދިގު މުއްދަތުން އަގު އަދާކުރާ ގޮތައް ފިޝަރީޒް މިނިސްޓްރީ އިން ދޫކޮށްފައިވާ އިންޖީނާއި ދޯނިތަކުގެ ޖޫރިމަނާ މާފުކޮށްދީފި ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިގު މުއްދަތަކަށް އަގު އަދާކުރާގޮތަށް ފިޝަރީޒް މިނިސްޓްރީން ކުރިން ދޫކޮށްފައިވާ އިންޖީނު އަދި ދޯނިތަކުގެ ޖޫރިމަނާ މާފުކޮށްދެއްވާ، އެއް އަހަރާއި ދެ އަހަރުގެ މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރުމަށް އިތުރު ފުރުސަތެއް ދޭން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށެވެ.

ސަރުކާރުން ވަނީ ދިގު މުއްދަތުގައި އަގު ދައްކައި ނިންމާ ގޮތަށް ފިޝަރީޒް މިނިސްޓްރީ އިން ދޫކުރި މަސް ދޯނިފަހަރުގެ އަގުގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ދަތިތަކާ ކުރިމަތިވަމުންދާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން 2009 ވަނަ އަހަރު ދޯނީގެ އަގުގެ 50 ޕަސެންޓް ދައްކަވާފައިވާ ފަރާތްތަކަށް މަސްވެރިކަން ނޫން އެހެން ބޭނުންތަކަށް ދޯނި ބޭނުންކުރުމުގެ ފުރުސަތު ދީފައެވެ. އެގޮތުން ދަތުރުފަތުރުކުރުމަށް އެ ދޯނިފަހަރު ބޭނުންކުރެވޭނެ ގޮތަށް ސަރުކާރުން ވަނީ ހުއްދަ ދީފައެވެ.

ރައީސް ޔާމީންގެ ސަރުކާރުން އަންނަނީ މަސްވެރިންނަށް ފާގަތި ދިރިއުޅުމެއް ފަހިކޮށްދިނުމަށްޓަކައި އެކި ގޮތްގޮތް ތަކުން އެ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ކަންކަމުގައި ލުއިކޮށްދެއްވަމުންނެވެ. އެމަނިކުފާނު މި މަހުގެ ކުރީކޮޅު ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ، މަސްވެރިންނަށްޓަކާ ކޮށްދެއްވާނެ އެކި ކަންތައްތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. މިދިޔަ ހަފުތާގައި ރައީސް ޔާމީން ވަނީ ގއ. ކޫއްޑޫގައި މަސްވެރިންނަށް ހާއްސަ ފިޝަރީޒް މެރީނާއެއް ވެސް ހުޅުވައި ދެއްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...