އިންޑިއާގެ ފެންބޮޑުވެފައިވާ ސަރަހައްދުން ދާން ބޭނުން ދިވެހިންނަށް ބަސްދަތުރު ހަމަޖައްސައިދީފި

އިންޑިއާއަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެފައިވާ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލާ ކައިރީ ދިރިއުޅޭ ދިވެހިން އެ ސަރަހައްދު ދޫކޮށް ދިއުމަށް އިންޑިއާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން ބަސް ހަމަަޖައްސައިދީފިއެވެ.

އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ކޮންސިއުލޭޓް ޖާދުﷲ ހުސައިން ތައުފީގު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން އަމްރިތާ ހޮސްޕިޓަލް ކައިރީ ދިރިއުޅޭ ދިވެހިންނަށް ޓްރިވެންޑްރަމްއަށް ދާން ބަހުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ. އެގޮތުން 50 މީހުންގެ ޖާގައިގެ ތިން ބަސް ވަނީ ހަމަޖައްސާފައެވެ. ޖާދުﷲ ވިދާޅުވީ 120 މީހުން މިހާރުވެސް ޓްރިވެންޑްރަމްއަށް ދާން އެދިފައިވާކަމަށެވެ. ޖާދުﷲ ވިދާޅުވީ އެ ސަރަހައްދުން ދާން ބޭނުންވާ ދިވެހިން ކޮންސިއުލޭޓަށް އެންގުމުން ބަހުގެ ދަތުރު ހަމަޖައްސަދޭނެކަމަށެވެ.

އިންޑިޔާގެ ކެރެލާ ސްޓޭޓަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ސަބަބުން 67 މީހުން ވަނީ މަރުވެފައެވެ. 33 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކެރެލާއަށް ކުރަމުން އަންނަ ވިއްސާރައިގައި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައްވެސް އަންނަނީ ހިނގަމުންނެވެ. ވިއްސާރައާއި ގުޅިގެން ކެރެލާގެ 14 ޑިސްޓްރިކްޓަކަށް ރަތް އެލާޓް ނެރެފައިވާއިރު، ކަމާ ގުޅުންހުރި އެޖެންސީތައްވެސް ވަނީ އެލާޓަށް ގެނެސްފައެވެ.

އޯގަސްޓްމަހުގެ އަށްވަނަ ދުވަހުން ފެށިގެން ކެރެލާއަށް ކުރަމުން އަންނަ ވިއްސާރައަކީ މި ޤަރުނުގެ ތެރޭގައި އެ ސްޓޭޓަށް އެންމެ ބޮޑަށް ވިއްސާރަ ކުރަމުން އަންނަ ފަހަރު ކަމަށް އިންޑިޔާގެ ނޫސްތަކާއި ހަވާލާދީ ބޭރުގެ މީޑިޔާތަކުން ރިޕޯޓް ކުރެއެވެ. އޮފިޝަލުން ހާމަކުރާ ގޮތުގައި ވިއްސާރައާއި ގުޅިގެން ގިނަ ބައެއްގެ ގެދޮރަށް ގެއްލުން ލިބިފައިވާއިރު، ބައިލައްކަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައެވެ. އަދި ކެރެލާގެ މައި ދޮރޯށި ކަމަށްވާ ކޮޗީ އިންޓަރނޭޝަނަލް އެއާޕޯޓް މާދަމާގެ ނިޔަލަށް ބަންދު ކުރުމަށްވެސް ވަނީ ނިންމާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...