ވެރިކަން ކުރުމުގެ ޤާބިލުކަން އިބޫގެ ނެތް: މިނިސްޓަރ

ޕީޕީއެމްއިން ބޭއްވި ޖަގަހަ ޖަލްސާގައި މިނިސްޓަރ ވާހަކަދައްކަވަނީ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓު އިބްރާހިމް މުޙައްމަދު ޞާލިހު އަކީ ވެރިކަން ކުރުމުގެ ޤާބިލުކަން ނެތް ބޭފުޅެއް ކަމަށް ހޯމް މިނިސްޓަރ އަޒްލީނު އަހުމަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ސިލްސިލާކޮށް މިހާރު ކުރިއަށްގެންދާ ޖަގަހަ ޖަލްސާގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީނު އަޙުމަދު ވަނީ އެމްޑީޕީއިން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓު އިބްރާހިމް މުޙައްމަދު ޞާލިޙުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ، އިބްރާހިމް މުޙައްމަދު ސާލިހު ވެރިކަން ކުރުމުގެ ޤާބިލުކަން ހުރި ބޭފުޅެއް ނޫން ކަމަށާއި، އިބޫ އަކީ ވެރިކަން ކުރމުގެ ވިސްނުން ވެސް މީގެ ދެ މަހެއްހާ ދުވަސް ކުރިން ގެންގުޅުނު ބޭފުޅެއް ނޫން ކަމަށެވެ. އަދި އިބޫ އަކީ އެމްޑީޕީ ފިކުރު ގެންގުޅޭ މީހުންގެ މަޤުބޫލުކަންވެސް ލިބިފައިވާ ބޭފުޅެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން، އިބޫގެ ކެމްޕެއިން ދަތުރުތަކުގައި ޒިޔާރަތް ކުރާ ބައެއް ރަށްރަށުން ތިރީސްފަސް މީހުން މަރުޙަބާ ކިޔަން ނުކުތުމަކީ އެކަމުގެ ހެއްކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، އިބޫ އަށް ތާއީދު ނެތުމުގެ ސަބަބުން މީގެ ކުރީގެ އިންތިޚާބުތަކުގައި އެމްޑީޕީއިން ދިދަފަތި ދަމާ ކެމްޕެއިން ކުރުމަށް ގެންގުޅުނު ރޫޙު ނުފެންނަކަމަށެވެ.

"ވެރިކަން ކުރުމުގެ ޤާބިލުކަމެއް ނެތް އިބްރާހިމް މުޙައްމަދު ޞާލިހުގެ. އަޅުގަނޑު އެ ބޭފުޅާ އާއި އެއްވެސް ޒާތީކަމެއް ނެތް. އެހްނެ ނަމަވެސް ވެރިކަން ކުރުމުގެ ވައްޓަފާޅި އާއި ވެރިކަން ކުރމުގެ ނިޔަތެއްވެސް ނެތް އެ ބޭފުޅާގެ" މިނިސްޓަރ ވިދާޅުވިއެވެ.

އިބޫއަށް ފާޑުވިދާޅުވެ މިނިސްޓަރ އިތުރަށް ވިދާޅުވީ، އެމްޑީޕީގެ "ލީޑަރު"ގެ ގޮތުގައި އެ ޕާޓީގެ މީހުން ސިފަކުރާ ކުރީގެ ރައީސް ނަޝީދު އިބޫ އަށް ތާއީދު ކުރައްވާކަމަށް އަދިވެސް ފާޅުގައި ވިދާޅުނުވާ ކަމަށެވެ. އަދި އިބޫއަކީ ވަގުތީ ގޮތުން އަށާރަ މަސްދުވަހަށް ވެރިކަން ކުރަން އަންނަ ބޭފުޅެއް ކަމަށް ބުނެފައިވާއިރު، ދައުރުގެ ބާކީބައި ފުރުއްވާނެ ބޭފުޅެއް އަދިވެސް ވިދާޅުނުވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ޖީއެމްއާރުގެ ޚިޔާނާތުގައި ވީނުވީ ނޭނގި "ގެއްލުނު" 27 މިލިއަން ރުފިޔާއަށް ވީގޮތް އިބޫއަށް އިނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ފަދަ ބޭފުޅަކު ވެރިކަމަށް ކުރިމަތިލައްވާފައިވާއިރު، އެއާޕޯޓު ޖީއެމްއާރަށް ވިއްކާނުލަނެ ކަމަށް ވިދާޅުނުވުމަކީ ރަތްޔިތުން ކަންބޮޑުވަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ރައީސް ޔާމީން އިބޫއަށް ކުރިމަތި ކުރެއްވި ސުވާލުތަކުގެ ޖަވާބު އަދިވެސް ނުދެއްވާކަމަށާއި ދެއްވާނެ ޖަވަބެއް އިނގިވަޑައިނުގަންނަވާ ކަމަށް. މިނިސްޓަރ ވިދާޅުވީ، އެ ފަދަ ބޭފުޅަކީ ޤައުމެއް ހިނގޭނެ ޤާބިލުކަން ހުރި ބޭފުޅެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...