400 ހައްޖާޖީންނަށް ނުފުރި ލަސްވަނީ ސައުދީ އެއާލައިނަށް ދިމާވި މައްސަލައަކާގުޅިގެން: ހައްޖު ކޯޕަރޭޝަން

ސައުދީ ސަރުކާރުން މި އަހަރު ރާއްޖެ އަށް އިތުރު ކޮށްދިން 1000 ހައްޖުކޯޓާގެ ދަށުން ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް މިއަދު ފުރަން ހަމަޖެހިފައި އޮތް 400 ހައްޖާޖީން ސައުދީ އަރަބިއްޔާއަށް ފުރުން ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ލަސްވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަންގެ ބޯރޑް މެމްބަރު އަބްދުﷲ ފާރޫގު ހަސަން ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަދު ފުރަން ހަމަޖެހިފައިވާ 400 ހައްޖާޖީންނަށް ނުފުރުނީ ސައުދީ އެއާލައިނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. މިއަދު ހަވީރު ފުރަން ހަމަޖެހިފައިވާ ފްލައިޓަށް ޗެކިން ވުމަށްޓަކައި މިއަދު 11.00 އަށް ހުޅުލެއަށް ދިޔުމަށް ހަމަޖެހިފައިވާއިރު ކުއްލި ގޮތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ފުރަން ހަމަޖެހިފައިވާ ހައްޖާޖީން އަށް ފުރޭ ގޮތް ނުވުމުން ހައްޖު ކޯޕަރޭޝަނުން ވަނީ ހުރިހާ ހައްޖާޖީންގެ ކިބައިން މަޢާފަށް އެދިފައެވެ.

ނަމަވެސް ހައްޖާޖީން މައްކާ އަދި މަދީނާއާއި މުޒުދަލިފާގައި ތިބުމުގެ ހުރިހާ ޙަރަދަކާއި އިންތިޒާމެއް ހަމަޖެހިފައިވާ ކަމަށް ފާރޫގު ވިދާޅުވިއެވެ. ހައްޖަޖީން އަށް ފުރޭނެ ވަކިވަގުތެއް ހައްޖު ކޯޕަރޭޝަނުން ހާމަ ކޮށްފައިނުވިޔަސް ހައްޖާޖީން ޖިއްދާ އަށް ދިޔުމުން ހަމަ ޖެހިފައިވާ އުސޫލުގެ ދަށުން ހައްޖާޖީން ތިބުމަށް ހޮޓަލްގެ ހުރިހާ އިންތިޒާމް ތަކެއްވެސް ނިމިފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކުރެއެވެ. އަދި ހައްޖާޖީންގެ ފުރުން ސައުދީ އެއާލައިނަށް ދިމާވި މައްސަލަ ހައްލުވުމާ އެކީގައި ފުރޭނޭ ކަމަށްވެސް ފާރޫގު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ ސައުދީންް އިތުރުކޮށްދިން 1000 ކޯޓާގެ ދަށުން ކޯޓާތައް އެކި ގްރޫޕްތަކުގެ މެދުގައި ބަހައިފައިވާ ކަމަށެވެ. އަދި ހައްޖު ކޯޕަރޭޝަނަށް 900 ޖާގަ، ތަޒްކިޔާ ހައްޖު ގްރޫޕަށް 50 ޖާގައިގެ އިތުރުން އަލް ހަރަމައިންއަށް 50 ޖާގަ ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ހައްޖު ކޯޕަރޭޝަނަށް 900 ޖާގަ ދިން ނަމަވެސް، އެ ކޯޕަރޭޝަނުން ބުނީ ހައްޖަށް މިފަހަރު ގެންދާނީ 400 މީހުން ކަމަށެވެ.


ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ކުރިއަށް އޮތް ދެ އަހަރު ހައްޖަށް ދިއުމަށް ޖާގަ ކަށަވަރު ވެފައިވާ ފަރާތްތަކުގެ ތެރެއިން މިއަހަރު ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުން ނަން ނޯޓްކުރުމަށް އެ ކޯޕަރޭޝަނުން ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެ އިން ހައްޖަށް ދާ ހާޖީންގެ ކަންތައްތައް ހިނގައިދާ ގޮތް ބެލުމަށާއި، ސައުދީ އަރަބިއްޔާގައި ހައްޖުވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް މައްކާގައި މިދިޔަ ޖުލައި 28 ވަނަ ދުވަހު "ދިވެހި ހައްޖު މިޝަންގެ އޮފީސް"ގެ ނަމުގައި އޮފީހެއް ވެސް ގާއިމްކޮށްފައިވާ ކަމަށެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...