ސެލްޓިކަށް ޗެމްޕިއަންސް ލީގުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލިއްޖެ

ގްރީސްގެ އޭއީކޭ އެތެންސް އަތުން ބަލިވެ، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވާދަ ކުރުމުގެ ފުރުސަތު ސެލްޓިކަށް ގެއްލިއްޖެއެވެ.

އެތެންސްގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ސެލްޓިކްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ދެވަނަ ލެގުގެ މެޗުގެ ހަ ވަނަ މިނެޓުގައި އެތެންސްއަށް ލީޑު ނަގައިދިނީ ރޮޑްރިގޯ ގާލޯއެވެ. އަދި އެތެންސްގެ ލީޑު އިތުރަށް ފުޅާވެގެންދިޔައީ މެޗުގެ 50 ވަނަ މިނެޓުގައެވެ. އެ ލަނޑަކީ ސެލްޓިކްގެ ގޯލާ 35 ޔާޑު ދުރުން އެތެންސްގެ މާކޯ ލިވާޖާ ބޮލުން ޖެހި ލަނޑެކެވެ.

މި ނަތީޖާގައި އޮވެ މެޗު ނިމެންދަނިކޮށް، މެޗުގެ 78 ވަނަ މިނެޓުގައި ސެލްޓިކުން ވަނީ ލަނޑެއް ޖަހައި ހިތްވަރު އާ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްކޮޓް ސިންކްލެއާއެވެ.

ސެލްޓިކުން އިތުރު އެއް ލަނޑު ޖަހައި، މެޗު އެއްވަރުވެގެން ނިމުނު ނަމަ، އަވޭ ގޯލްގެ ގޮތުން ކަޓާނީ އެތެންސްއެވެ. ނަމަވެސް 2-1 ގެ ނަތީޖާއެއްގައި އޮވެ މެޗު ނިމި، 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވުމާއެކު ސެލްޓިކަށް ވަނީ ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލިފައެވެ.

ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލުނު ނަމަވެސް، ޔުއެފާ ޔޫރޮޕާ ލީގުގެ ޕްލޭ އޮފް ރައުންޑުގައި އެ ޓީމު ކުޅޭނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...