ރައީސް ޔާމީނާއި ޑރ. ޝަހީމަށް އޮތް ތާއީދު ފުވައްމުލަކުގައި ދައްކާލައިފި

ފުވައްމުލަކު ސިޓީގައި މިއަދު ބޭއްވި ސައިކަލްބުރު: ފޮޓޯ ޕީޕީއެމް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް އޮތް ތާއީދު ފުވައްމުލަކު ސިޓީގައި ދައްކާލުމުގެ ގޮތުން ޚާއްސަ ސައިކަލް ބުރެއް އެ ސިޓީގައި ބާއްވައިފިއެވެ.

ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ބައިވެރިވެވަޑައިގެންނެވި އެ ސައިކަލް ބުރުން ރައީސް ޔާމީނަށާ، ޑރ.ޝަހީމަށް އޮތް ތާއީދު ވަނީ ފެނިގެންގޮސްފައެވެ.

ޕީޕީއެމްގެ ކެމްޕެއިން ޓީމުން ވިދާޅުވި ގޮތުގައި އެ ސައިކަލް ބުރު ފަށާފައިވަނީ މިއަދު ހަވީރު 04:00 ގައި ފުވައްމުލަކު ސިޓީގެ ބަނދަރު ސަރަހައްދުންނެވެ. އެ ސައިކަލް ބުރަކީ ފުވައްމުލަކު ސިޓީގެ ރައްޔިތުން ރައީސް ޔާމީނާއި އެކުގައި ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ޕީޕީއެމްގެ ކެމްޕެއިން ޓީމުން އިސްނަގައިގެން ބޭއްވި ހާއްސަ ހަރަކާތެކެވެ. 

އެ ހަރަކާތުގައި އެ ސިޓީގެ ގިނަ އަދަދެއްގެ ޒުވާނުންނާއި، ރައްޔިތުން ބައިވެރިވެފައިވާ ކަމަށް ޕީޕީއެމްގެ ކެމްޕެއިން ޓީމުން މަޢުލޫމާތުދެއެވެ. މުޅި ފުވައްމުލަކު ސިޓީގެ މަގުތައް ހިމެނޭ ގޮތަށް ބޭއްވި، އެ ސައިކަލް ބުރުގެ ތެރެއިން ރައްޔިތުންގެ ޝުޢޫރު ފާޅުކުރުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފުވައްމުލަކު ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ސިޓީގެ ރައްޔިތުންގެ ހާލު އެމަނިކުފާނު ވަނީ ބައްލަވާލައްވައި، އެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އެ މަނިކުފާނު ވަނީ އޮޅުންފިލުއްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މިދިޔަ ހޯމަދުވަހުގެ މަޣުރިބު ނަމާދަށްފަހު އެ ސިޓީގެ މިސްކިތެއް ކަމަށްވާ އުއްމުލް ގުރާގައި ދީނީ ނަސޭހަތް ދެއްވާފައެވެ. އެ ނަސޭހަތް އަޑުއެހުމަށް ފުވައްމުލަކު ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން އެ މިސްކިތަށް ގޮސްފައިވެއެވެ.

ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅަށްފަހު މާދަމާގެ ވަގުތެއްގައި ޑރ.ޝަހީމް ގދ. ތިނަދޫ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...