ރައީސް ޔާމީންގެ ސަރުކާރުން ގެނެސްދެއްވި ތަރައްޤީ އާއިއެކު، ނައިފަރުގެ ރައްޔިތުންވެސް ހެވިފައި

ފާދިއްޕޮޅު ނައިފަރު: ފޮޓޯ އޮންލައިން

ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ފާދިއްޕޮޅަކީ މީހުން ދިރިއުޅޭ ރަށްތައް އެންމެ މަދު އަތޮޅު. އެންމެ 4 ރަށުގައި މީހުން އާބާދުވެފައިވާ މި އަތޮޅުގައި ދިރިއުޅެނީ ޖުމްލަ ހަތްހާސް ނުވަސަތޭކަ ނުވަދިހަ ހަ މީހުންނެވެ. އެ އަތޮޅުގެ ރަށްތަކުގެ ތެރެއިން ޅ. ނައިފަރަކީ ފާދިއްޕޮޅު އަތޮޅުގެ ވެރިކަންކުރާ ރަށެވެ. މި ރަށުގައި ދައުލަތުގެ ގިނަ މުއައްސަސާތައް ހުރުމުން އޮފީސްތަކުގައި މަސައްކަތްކުރާ މީހުންގެ ނިސްބަތްވެސް މިރަށުގައި ގިނައެވެ.

ފަސްހާސް ހަތް ސަތޭކަ މީހުން ދިރިއުޅޭ މި ރަށުގެ އިޤްތިސާދު އެންމެ ބޮޑަށް ހިއްސާކުރާ އެއްމަސައްކަތަކީ މަސްވެރިކަމެވެ. އާސާރީ ގޮތުން ފާހަގަކޮށްލެވޭ ތަނެއް މި ރަށުގައި ނެތް ކަމުގައި ވިޔަސް، ދިވެހިރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އެއް މަދަރުސާ ހުންނަނީ މި ރަށުގައެވެ. މަދަރުސަތުލް އިފްތިތާޙަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ދެވަނަ މަދަރުސާކަން ފާހަގަކޮށްލެވެއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށްވެސް ކުރިއެރުމާ ތިޔާގިކަން ބޭނުންވާނެއެވެ.

ނައިފަރަކީ އަތޮޅުގެ ވެރިރަށް ކަމަށްވާތީ ޒަމާނާ އެއްވަރަށް ގިނަ ކުރިއެރުންތަކެއް ބޭނުންވާނެ ރަށެކެވެ. ނަމަވެސް ރައްޔިތުންނަށް ބޭނުންވާ މުހިއްމު އަސާސީ ޚިދުމަތްތަކުން މީގެ ކުރިން ރަށުގެ ރައްޔިތުންތިބީ މަހުރޫމްވެފައެވެ. އެ ރައްޔިތުންގެ ހާލު ގާތުންބަލާ، ބޭނުންވާނެ މުހިއްމު ޚިދުމަތް ދެނެގަނެ މިއަދުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ އެރަށަށް ބޭނުންވާ ގިނަ ކަންތައްތަކެއް ކޮށްދީފައެވެ. އެގޮތުން މި ސަރުކާރުން ދަނީ އެރަށަށް ބޭނުންވާ ނަރުދަމާ ނިޒާމުގެ މަސައްކަތާ، ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ނިންމުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރަށަށް ދިމާވަމުންދާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުމުގެ ގޮތުން 640 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާ، 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓެއް ވަނީ ފޯރުކޮށްދީފައެވެ.

ނައިފަރަކީ އެ އަތޮޅުގެ އަތޮޅު ހޮސްޕިޓަލް ހުންނަ ރަށަށްވެފައި، ގިނަ ބަޔަކު އެތަނުން ޚިދުމަތް ހޯދަމުންދާތީ، ހޮސްޕިޓަލަށް ލިބިފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން 5 ފަންގިފިލާގެ މުޅިން އާ އިމާރާތެއް އެ ހޮސްޕިޓަލްގެ ގޯތިތެރޭ ޤާއިމްކޮށް ޚިދުމަތްދޭން ވަނީ ފަށާފައެވެ. އަދި ރަށުގައި ކުޑަ ބަނދަރެއް އޮތުމުން ރަށަށް އަރާ ފޭބުމުގެ ދަތިކަން ކުރިމަތިވަމުންދާތީ، އާ ބަނދަރެއް ހެދުމަށްފަހު، އެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ބޭރު ތޮށި ލުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

ނައިފަރުގައި ހުންނަ މަދަރުސަތުލް އިފްތިތާޙް ވަނީ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ވަރަށް ބޮޑަށް މަރާމާތު ކުރަންޖެހިފައެވެ. އެހެންކަމުން މީވެސް ރައްޔިތުންނަށް ބޭނުންވާ މުހިއްމު ކަމެއް ކަމުގައި ދެކި، މިއަދުގެ ސަރުކާރުން، މަދަރުސާގެ އިމާރާތަށް ބޮޑު ބަދަލެއް ގެނެސް، ޖާގަ އިތުރު ކުރުމުގެ ގޮތުން ޒަމާނީ ފެންވަރުގެ 10 ކްލާސް ރޫމް އެޅުމުގެ އިތުރުން ސްޓާފް ރޫމް އަކާއެކު، އޭ.ވީ ރޫމެއްވެސް ވަނީ އެ މަދަރުސާގައި އަޅާފައެވެ.

މީގެއިތުރުން ޒުވާނުންނަށްޓަކައި މި ސަރުކާރުން ކުރިއަށްގެންދާ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން މި ރަށުގައި، އާ ފުޓުބޯޅަ ދަނޑަކާއި، ފުޓްސަލް ދަނޑެއް ވަނީ ޤާއިމް ކޮށްދެއްވާފައެވެ. އަދި ރަށުގެ ގިނަ ބަޔަކަށް އެއްފަހަރާ ނަމާދުކޮށްލެވޭނެ އާ މިސްކިތެއް އަޅާދިނުމުގެ އިތުރުން ކުނި ނައްތާލުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއްވެސް ވަނީ ޤާއިމްކޮށްދީފައެވެ. މި ދެންނެވި މަޝްރޫޢުތަކާއިއެކު، އަދިވެސް އިތުރު މަޝްރޫއުތަކެއް މިއަދުގެ ސަރުކާރުން ނައިފަރުގައި ވަނީ ހިންގާފައެވެ.

ޖުމްލަކޮށް ބުނާނަމަ 20 މަޝްރޫއު ނައިފަރުގައި ވަނީ ހިންގާފައެވެ. ނައިފަރުގެ ރައްޔިތުންގެ އިހްސާސްތައް އަޑު އެއްސެވުމަށްފަހު މިއަދުގެ ސަރުކާރުން އެރަށަށް ގެނެސްދީފައިވާ ކުރިއެރުން ރަށުގެ ރައްޔިތުން ބަލައިގެންފައިވަނީ ވަރަށްވެސް އުފަލާއެކުގައެވެ. ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ، އަދިވެސް އިތުރު މުހިއްމު މަޝްރޫއުތަކެއް ނައިފަރުގައި ހިންގާ، ޒަމާނާ އެއްގޮތަށް ބަދަލު ގެންނާނެ ކަމާމެދު، އެރަށުގެ ރައްޔިތުން ޝައްކެތް ނުކުރެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...