ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުވަދުއަތޮޅު އުތުރުބުރިއާއި ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސް ޔާމީން ހުވަދު އަތޮޅަށް ކުރެއްވި މިދަތުރުފުޅުގައި ގދ. މަޑަވެއްޔާއި، ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެދެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެ ދެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި އެމަނިކުފާނު ވަނީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ފައްޓަވައިދެއްވައިފައެވެ.

މީގެއިތުރުން ރައީސް ޔާމީން ވަނީ ގދ. ގައްދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވައި، އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައްވެސް ހުޅުއްވައިދެއްވައިފައިވެއެވެ.

ރައީސް ޔާމީންގެ މިދަތުރުފުޅުގައި ހުވަދުއަތޮޅު އުތުރުބުރި ކޮނޑޭއަށް ވަޑައިގެން ކޮނޑޭގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައި ދެއްވައި އެއަތޮޅު ކޮލަމާފުށީގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތްވެސް ވަނީ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފައެވެ.

މީގެއިތުރުން ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރައްވައި، ވިލިނގިލީގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައްވެސް ހުޅުއްވައިދެއްވާފައިވެއެވެ. . މީގެއިތުރުން ކޫއްޑޫ މަސްވެރިންގެ މެރީނާވެސް ރައީސްގެ މިދަތުރުފުޅުގައި ވަނީ ހުޅުއްވައިދެއްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...