ރައީސް ވަނީ ޤަވައިދުން މާލީ ބަޔާން ހުށަހަޅުއްވާފައި: ތަރުޖަމާނު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޤަވައިދުން މާލީ ބަޔާން ހުށަހަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން މާލީ ބަޔާން ހުށަނާޅާ ކަމަށް ދައްކާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އޮޑިޓަރ ޖެނެރަލް އަަށް މާލީ ބަޔާން ހުށަހަޅުއްވާފައިވާކަމަށާއި އޮޑިޓަރ ޖެނެރަލް މާލީ ބަޔާން ބަލައިގެންފައިވާކަމަށްވެސް މުއާޒް ވަނީ ވިދާޅުވެފައެވެ.

 އޭގެ ފަހުން މާލީ ބަޔާން ހުށަހަޅުއްވާނެ ގޮތް އިސްލާހު ކުރައްވައި، އޮޑިޓަރ ޖެނެރަލް ވަނީ މާލީ ބަޔާން ހުށަހަޅާނެ ފޯމެޓެއް ދާދި ފަހުން ހިއްސާ ކުރައްވާފައިކަންވެސް މުއާޒް ފާހަގަ ކުރެއްވިއެވެ. އަދި އެ ފޯމެޓާއި އެއް ގޮތަށް މާލީ ބަޔާން ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ޔާމީން ދެއްވާފައިވާ ކަމަށްވެސް މުއާޒް ވިދާޅުވިއެވެ.

މާލީ ބަޔާނަކީ ރައީސުލްޖުމްހޫރިއްޔާއާ، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުންނާއި އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުން އަހަރަކު އެއް ފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި، ފައިސާގެ ހިސާބުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކޮށް ގާނޫނު އަސާސީގެ ދަށުން ހުށަހަޅަން ލާޒިމްކޮށްފައިވާ ލިޔުމެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...