ރައީސް ޔާމީންއަށް ރާއްޖޭގެ ތަރައްޤީގެ ސަފްހާތައް ލިޔުއްވުމުގެ ފުރުސަތު ދޭން ޖެހޭ- ހައުސިން މިނިސްޓަރ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ރާއްޖޭގެ ތަރައްޤީގެ ސަފްހާތައް ލިޔުއްވުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހއ ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ، މީގެ ކުރީގެ ރާއްޖޭގައި ވެރިކަން ކުރެއްވި ފަރާތްތަކުން ނުވާނެ ކަމަށް ވިދާޅުވި، އެތައް ކަންތައްތަކެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކޮށްދެއްވަމުން އަންނަ ކަމަށެވެ. އަދި  ރާއްޖެއަށް ތަރައްޤީގެ އީދެއް ގެނެސްދެއްވާފައިވާކަން ފާހަގަކުރައްވާ ހައުސިން މިނިސްޓަރ ވަނީ ރާއްޖޭގެ ތަރައްޤީގެ ދުވެލި ހުއްޓުމަކަށް އައުމުގެ ފުރުސަތު ދޭން ދިވެހި ރައްޔިތުން ބޭނުންތޯ ސުވާލު އުފައްދަވާފައެވެ.

"މިޤައުމުގެ ތަރައްޤީއަށްޓަކައި ރައީސް ޔާމީން ކޮށްދެއްވަމުން އަންނަ މަސައްކަތްތައް މަޑު ޖެހެން ނުވަތަ ނިމުމަކަށް އައިސް މި ޤައުމު ފަހަތަށް ދާންތޯ ބޭނުންވަނީ؟ އެއީ މިއަދު އަޅުގަނޑުމެން ކުރަންވީ ސުވާލަކީ އަދި ނިންމަންވީ ނިންމުމަކީ." ހައުސިން މިނިސްޓަރ ވިދާޅުވިއެވެ. |

ހައުސިން މިނިސްޓަރ މުއިއްޒު ވިދާޅުވީ، ރައީސް ޔާމީން ރާއްޖެއަށް މިހާތަނަށް ގެނެސްދެއްވާފައިވާ ތަރައްޤީ އަކީ އެކަމުގެ ފެށުން ކަމަށެވެ. އެމަނިކުފާނުގެ ވިސްނުންފުޅުގައި ވަރަށް ގިނަ ކަންތައްތަކެއް ރާއްޖެއަށް ކޮށްދެއްވަން ރާއްވަވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ސިޔާސީ ފިކުރަށް ވުރެ ތަރައްޤީގެ ފިކުރު އިސްކޮށް، އެންމެން އަތުކުރި އޮޅާލައިގެން މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން އިތުރު ދައުރަކަށް ހޮވަން ޖެހޭ ކަމަށެވެ.

" އެހެންވީމަ، އެމީހަކު ހުރި ޕާޓީއެއް އެއީ ކޮންމެ ޕާޓީއެއް ވިޔަސް، ތަރައްޤީގެ ފިކުރާއި، ރައީސް ޔާމީންގެ ފިކުރާއި އެކީގައި ކުރިއަށްދާން މިއަދު އަޒުމް ކަނޑައަޅަން އެބަޖެހޭ. އެއީ އަޅުގަނޑުމެންގެ އަމިއްލަ ކުރިއެރުމަށްޓަކައިވެސް، އަދި ދަރިންގެ ކުރިއެރުމަށްޓަކާވެސް، އާއިލާތަކުގެ ކުރިއެރުމަށްޓަކައިވެސް، އަދި މުޅި ޤައުމުގެ ކުރިއެރުމަށްޓަކައިވެސް މިއަދު ކުރަން އޮތް ވަރަށްވެސް މުހިންމު ކަމެއް" ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ބޮޑެތި މަޝްރޫއުތަކެއް ހިންގާފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ 4 އަހަރާއި 8 މަސް ދުވަހުގެ ތެރޭގައި މީގެ ކުރީގެ އެތައް ސަރުކާރަކުން ނުކުރި އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...