ކޮމޮލިކާގެ ރޯލަށް ހީނާ ކަމުދޭ ބާ؟

ދިވެހިންގެ މެދުގައި އެންމެ މަގްބޫލު ވެގެން ދިޔަ އެއް ޑްރާމާ ސިލްސިލާ ކަމުގައިވާ  "ކަސޯޓީ ޒިންދަގީކޭ"ގެ ދެވަނަ ބައެއް މިހާރު އުފައްދަން މަސައްކަތް ކުރަމުންދާއިރު މި ޑްރާމާއިން ފެނިގެންދާނެ ތަރިންނާއިމެދު މިހާރުވަނީ އެކި ގޮތް ގޮތުން ވާހަކަ ދެކެވެން ފަށާފައެވެ.

"ކަސޯޓީ ޒިންދަގީކޭ"އިން ފެނިގެންދިޔަ ޕްރޭނާގެ ރޯލުން މީގެ ކުރިން ޝްވެތާ ތިވާރީ ފެނިގެން ގޮސްފައިވާއިރު، މިފަހަރު ޕްރޭނާގެ ރޯލުން ފެނިގެންދާނީ މަޝްހޫރު ޓީވީ ތަރި އެރިކާ ފެނާންޑޭސްއެވެ.  އެރިކާ ލީޑްރޯލަށް ނެގުމާއެކު އެންމެންގެ ހިތުގައި އުފެދިގެންދިޔަ ސުވާލަކީ މިޑްރާމާގެ ވިލަން ނުވަތަ ނުބައި ބައި ރޯލުން ފެނިގެންދިޔަ ކޮމޮލިކާ ނުވަތަ އުރުވަޝީ ދޯލަކިޔާގެ ރޯލު ކުޅޭނެ މީހަކާމެދުގައެވެ.

"ކަސޯޓީ"ގައި އުރުވަޝީ އޭނާގެ ހުނަރު ވަރަށް މޮޅަށް ދައްކާފައިވާއިރު އެއާ އެއްވަރަށް އެހެން މީހަކަށް އެރޯލު އަދާކުރެވޭނެ ކަމާއިމެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާމުންދަނިކޮށް އެންމެ ފަހުން އެރޯލަށްވެސް ހީނާ ޚާން ހަމަޖައްސާފައިވާކަމުގެ އަޑުތައް މިވަނީ ފެތުރިފައެވެ. ނަމަވެސް މިވާހަކަތައް އެއްވެސް ފަރާތަކުން ކަށަވަރު ކޮށްދީފައި ނުވެއެވެ.

"ޔޭރިޝްތާ ކިޔާ ކެހެލާތާހޭ" އިން ބަސްގަބޫލުކުރާ ކިޔަމަންތެރި ދަނބިދަރިއެއްގެ ރޯލުން ފެނިގެންދިޔަ ހީނާ ޚާންގެ ފަތިފުށް އޭނާގެ ފޭނުންނަށް ފެނިގެން ގޮސްފައިވަނީ ބިގް ބޮސް އިންނެވެ.  ބިގްބޮސްއިން އޭނާގެ ޒީލަގަދަކަމާއި އަނގަގަދަކަން ފެނިގެން ގޮސްފައިވާއިރު އޭނާ ވަނީ އެޝޯއިން އޭނައަށް ވަނީ ޑްރާމާ ކްއީންގެ ލަގަބް ލިބިގެން ގޮސްފައެވެ.

ކޮންމެއަކަސް ކޮމޮލިކާ ފަދަ ނެގެޓިވް ރޯލެއް އޭނާ އަށް އަދާކުރެވިދާނެކަން ބިގްބޮސް އިން ހީނާ ވަނީ ހާމަކޮށްދީފައެވެ.

ކަސޯޓީ ޒިންދަގީކޭ ދެވަނަ ސީޒަންގައި ހަރަކާތެރިވާނެ ތަރިން މިހާރު ހޯދަމުންދާއިރު މިޑްރާމާގެ ފިރިހެން ލީޑެއް އަދި ހަމަޖައްސާފައި ނުވެއެވެ. އަދި މީޑްރާމާ ދައްކަން ފަށާނެ ދުވަހެއްވެސް އިއުލާން ކޮށްފައިނުވާކަން  ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...