ރުޅި ކޮންޓްރޯލް ކުރާނީ ކިހިނެއް؟


ރުޅި އައުމަކީ ވަރަށް ފަސޭހައިން ގިނަ މީހުންނަށް ދިމާވާ ކަމެކެވެ.

އެއީ އިންސާނުންގެ ތަބީއަތުގައި ލައްވާފައިވާ ކަމަކަށްވާއިރު، އެއްވެސް ވަރަކަށް ރުޅި ނައިސް ހުރުމަކީ ހަމަ ޔަޤީނުންވެސް އެއްވެސް މީހަކަށް ފަސޭހަ ކަަމަކަށް ނުވާނެއެވެ. އެހެންނަމަވެސް މާބޮޑަށް ރުޅި ގަދަވެ، ރުޅި ކޮންޓްރޯލް އުނދަގޫވެއްޖެ ނަމަ އެކަމުގެ ސަބަބުން ފަހުން ހިތާމަ ކުރަންޖެހޭ ކަންކަންވެސް ހިނގާފައި އެބަހުއްޓެވެ. އެހެންކަމުން ރުޅި ކޮންޓްރޯލް ކުރަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. މިލިޔުމުގައި މިބަލާލަނީ ރުޅި މަޑު ކުރަން ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ.

ވާހަކަ ދެއްކުމުގެ ކުރިން ވިސްނާލާ:
ރުޅި އައިސްފައި ހުންނަ ގަޑީގައި ތިމާއަށް ބުނެވޭ އެއްޗަކާ މެދުގައި އެހާ ބޮޑަކަށް ނުވިސްނެއެވެ. މާބޮޑަށް ރުޅި އައިސްފައި ހުރެ ވާހަކަ ދައްކާނަމަ، ފަހުން އެކަމާމެދު ހިތާމަ ކުރަން ޖެހޭ ފަދަ އެއްޗެއް ބުނެވޭތަން އާދެއެވެ. މިކަމަށް އޮތް ހައްލަކީ ވާހަކަ ދެއްކުމުގެ ކުރިން ވިސްނާލުމެވެ. ނޫންނަމަ، ރުޅިއައިސްފައި ހުންނަ ގަޑީގައި ވާހަކަ ނުދެއްކުމަކީވެސް ކުރެވިދާނެ ކަމެކެވެ.

ރުޅި މަޑުވުމުން ރުޅި އައި ސަބަބު ހާމަކުރުން:
މިއީ ވަރަށް މުހިންމު ކަމެކެވެ. ތިބާ ރުޅިއައިސްފައި ހުންނަ ސަބަބު ހާމަ ނުކުރާހާ ހިނދެއްގައި އެކަން ހިތަކުން ފިލައިގެން ނުދާނެއެވެ. އެހެންކަމުން، ރުޅި މަޑުވުމުން، ތިބާ ރުޅި އަންނަން ޖެހުނު ސަބަބު ހާމަ ކުރާށެވެ.

ކަސްރަތު ކުރުން:
މާބޮޑަށް ސްޓްރެސް ވުމަކީ ރުޅިގަދަވާ ކަމެކެވެ. ސްޓްރެސް ފިލުވުމަށް ކުރަން އެންމެ ރަނގަޅު އެއް ކަމަކީ ކަސްރަތު ކުރުމެވެ. އެހެންކަމުން ޤަވައިދުން ކަސްރަތު ކުރުމަށް އާދަ ކުރާށެވެ. ކަސްރަތު ކުރުމުން ތިބާއަށް ހިތްހަމަޖެހުން ލިއްބައިދީ، ރުޅި އަންނަ މިންވަރު މަދު ކޮށްދޭނެއެވެ.

އެއްވެސް މީހަކާއި މެދުގައި ރުޅިވެރިކަން ނުބޭއްވުން:
މަޢާފް ކުރުމަކީ، އެންމެ ބާރުގަދަ ހަތިޔާރެވެ. އެހެންކަމުން ތިބާ ރުޅިއަންނަން ޖެހޭ ފަދަ ކަމެއް ކޮށްފައިވާ މީހަކަށްވެސް މަޢާފް ކުރާށެވެ. އޭރުން ހިތްހަމަ ޖެހުން ލިބި، ހިތުގައި އޮންނަ ރުޅިވެރިކަން ފިލައިގެންދާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...