ފްލެޓުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ފުލުހުންނާއި ހަވާލުކޮށްފި

މާލެ އަދި ވިލިމާލޭގައި ހުރި ފުލެޓުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން ސީސީޓީވީ ހަރުކޮށް އެ ތަންތަން ބެލެހެއްޓުމުގެ މަސައްކަތް ފުލުހުންނާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީގައި ދުވަހު ބޭއްވި ރަސްމިއްޔާތުގައި މާލެ އަދި ވިލިމާލޭގެ ފުލެޓުތަކުގެ ސަލާމަތީކަންކަން ބެލެހެއްޓުމާއި، އެ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން ސީސީޓީވީ ހަރުކުރުމަށް ހައުސިންގ މިނިސްޓްރީއިން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ވަނީ ހަވާލު ކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވީ، ފުލެޓުުތައް ބެލެހެއްޓުމުގެ މަސައްކަތް މާލެ ސިޓީގެ ކައުންސިލާއި ހަވާލުކޮށްފައި އޮތް އިރު، އެންމެ ގިނައިން ހުށައަޅާފައިވާ ޝަކުވާއަކީ ސަލާމަތީ ކަންކަމާއި ގުޅުންހުރި މައްސަލަތައް ކަމަށެވެ. އެހެން ކަމުން، މިނިސްޓްރީގެ ބެލުމުގެ ދަށަށް ފުލެޓުތައް ގެނައުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދިނީ މި ފަދަ ޝަކުވާތަކަށް ހައްލު ހޯދާ ދިނުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ސަލާމަތީ ކަންކަމުގެ އިތުރުން، ފުލެޓުތަކަށް މިހާރު ކުރިމަތިވެފައިވާ އިތުރު މައްސަލަތަކުގެ ހައްލު ހޯދުމަށް ވެސް މިހަރު މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން، ފުލެޓުތަކުގައި ޖަމާވެފައި ހުރި ކުނިބުނި ސާފުކޮށް، ބާވެފައި ހުރި ފުލެޓުތަކުގައި ކުލަލުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށް. އަދީ މީގެ ކުރިން ފުލެޓުގައި ދިރިއުޅޭ ރައްޔިތުންނަށް ނުދައްކާ ހުރި ފައިސާއާއި ޖޫރިމަނާއި އާއި އެކު 3 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ސިޓީ ކައުންސިލުން ފޮނުވާފައިވާ ލިޔުން ބާތިލުކޮށް އެކަމުގައި ވެސް ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއް ހޯދާދޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. 

މާލެ އަދި ވިލިމާލޭގައި ހުރި ފުލެޓުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން ސީސީޓީވީ ހަރުކޮށް އެ ތަންތަން ބެލެހެއްޓުމުގެ މަސައްކަތް ފުލުހުންނާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ، ފުލެޓުތައް ހުރި ސަރަހައްދުގައި ބެލެހެއްޓުމަށް ބޭނުންވާ ކެމެރާއާއި ކެމެރާ ހަރުކުރަންވީ ތަންތަން ވެސް މިހާރު ކަނޑައަޅާފައި ވާކަމަށެވެ. އެގޮތުން މިވަގުތު ޖުމްލަ 46 ކެމެރާ ބެހެއްޓުމަށް ހަަމަޖެހިފައިވާ ކަމަށް ނަވާޒު ވިދާޅުވިއެވެ. އަދި މިއީ މިހާރުވެސް ގިނަ އަދަކަށް އަންނަ ޝަކުވާތަކާއި އެ ސަރަހައްދުތަކުގައި ހިންގާ ކުށްތައް ހުއްޓުވުމަށް އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށް ވެސް ނަވާޒު ވިދާޅުވިއެވެ. 

ފުލެޓުތައް ބެލެހެއްޓުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީ އާއި ހަވާލުކުރުމަށް ފަހު، އެ ތަނުގައި ކުރަމުންދާ މަސައްކަތްތަކަށް އެ ތަނުގައި ދިރިއުޅޭ ފަރާތްތަކުގެ އެއްބާރުލުން ލިބެމުންދާ ކަމަށް ހައުސިންގ މިނިސްޓްރީއިން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...