ދިވެހިންގެ ތެރޭގައި މަޝްހޫރުވި ކަޅު ހުކުރު ދުވަސް

2004 ވަނަ އަހަރުގެ އޮގަސްޓް 12 ވަނަ ދުވަހު ޖުމްހޫރީ މައިދާނަށް ބަޔަކު އެއްވެފައި

ދިވެހިންގެ ތެރޭގައި މަޝްހޫރުވި ކަޅު ހުކުރު ދުވަހަކީ ކޮބައިހެއްޔެވެ. އަދި އެދުވަހު ރާއްޖޭގައި އޮތް ގާނޫނީ ވެރިކަމާ ދެކޮޅަށް ނުކުންނެވީ ކޮން ބޭފުޅެއްހެއްޔެވެ. މިއީ މިއަދު ވެސް މުޖުތަމައަށް އެނގެން ޖެހޭނެ ހަގީގަތެކެވެ.

2004 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތޭރަ ވަނަ އަށް ވީ ހުކުރު ދުވަހު އިރު އުދަރެހުން ފާއްދާލީ އެހެން ދުވަސްތަކާއި މުޅިން ޚިލާފަށެވެ. ބިރުވެރިކަމާ ނާމާންކަމުގެ ޖައްވަކަށް އިރުގެ ދޯދިތައް ފާއްދާލީ ދިވެހި ފަސްގަނޑުން ފަހުގެ ތާރީޚެއްގައި ނުދެކޭ ފަދަ ބިރުވެރި ދުވަހަކަށެވެ. އެދުވަސް މިއަދާ ހަމައަށް ވެސް ދިވެހިން ސިފަކުރަނީ ކަޅު ހުކުރުގެ ނަމުންނެވެ. ސަބަބެއް ނެތިއެއްނޫނެވެ. 2004 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތޭރަ ވަނަ ދުވަހަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރާ ދެކޮޅަށް ފާޅުގައި ބަޔަކު މީހުން ނުކުމެ، ފުރަތަމަ ފަހަރަށް މާލެ ތެރެ ހަލަބޮލިކޮށްލި ދުވަހެވެ. މިކަމުގައި ނަގާކިޔަން ތިބީ މިއަދު ރައީސް މައުމޫނަށް ވަފާތެރިކަމަށް ދެއްކިގެން ތިބި އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދުގެ ގާތް އެކުވެރިންނާއި، ވެރިކަމަށް އާދެވޭނެކަމުގެ ފޮނި ހުވަފެން ދެކެމުންދާ ގާސިމް އިބްރާހީމެވެ. މި ދެވެރިން އިސްވެތިބެ، ހަވަރަށް ގޮވާލުމުން ޖުމްހޫރީ މައިދާނަށް އެއްވި މީހުން ވަނީ ގައުމީ ދިދަ ތިރިކުރަން މަސައްކަތްކޮށްފައެވެ. ގައުމީ ދިދައިގެ ހުރުމަތް ކަނޑާލައި، ބޮޑު ދިދަ ތިރިކުރަން ހިފި މީހުން އެންމެ ފަހުން އެކަން ނުވުމުން، މާލެ ތެރެ ހަލަބޮލިކޮށް، ދައުލަތުގެ ބައެއް އިދާރާތަކުގައި ހުޅުޖަހާ އަލިފާން ބޯޅަ އުކަންފެށިއެވެ. އޮގަސްޓް 12 ވަނަ ދުވަހުގެރޭ ބަޔަކު މީހުން ޖުމްހޫރީ މައިދާނަށް އެއްވެ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންދިޔައެވެ.

ހުކުރު ދުވަހަށް އަލިވިލުނު އިރު ޖުމްހޫރީ މައިދާނަށް ގިނަ ބަޔަކު އެއްކޮށް، ރައީސް މައުމޫންގެ ސަރުކާރާ ދެކޮޅަށް ފާޅުގައި އަޑުއުފުލަމުން ދިއުމާއެކު، އެއްވެ ތިބި މީހުން އެދޭ ކަމަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ސަރުކާރުން ފެށިއެވެ. އެގޮތުން އިސްކޮށް ތިބި ހަތަރު މީހަކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހާޒިރުކޮށް ބޭނުންވާ ކަމަކީ ކޮބައިތޯ ސުވާލުކުރުމުން، އެބައިމީހުން ވަނީ ތަފާތު ބޮޑެތި ކުށްތަކުގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީން ޝަރުތަކާ ނުލާ މިނިވަން ކުރުމަށް އެދިފައެވެ. އޭގެ ތެރޭގައި ސިޔާސީ ކުށްވެރިންނާއި، ޖިނާޢީ ބޮޑެތި ކުށްވެރިން ހިމެނެއެވެ. އަދި މީގެއިތުރުން 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގި ބަޑި ޖެހުމުގެ ހާދިސާއާއި ގުޅިގެން ގާމާދޫ ޖަލުގައި ބަންދުގައި ތިބި މީހުން މިނިވަން ކުރުމަށް ވެސް އެދުނެވެ. ނަމަވެސް ސަރުކާރުން އެކަމަށް އާ ބަސް ނުބުނުމުން، މާލެ ތެރެއަށް ނުކުމެ ތަންތާ ހުޅުޖަހާ މާލެތެރެ ހަލަބޮލިކޮށްލިއެވެ.

ސަލާމަތީ ބާރުތަކާއި ކުރިމަތިލުންތައް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާ ކޮށްފައިވަނީ އޭރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބައެއް މެންބަރުންކަން ފާހަގަކުރެެވެއެވެ. އިދިކޮޅު ހަރަކާތުގެ ގޮތުގައި ރައީސް މައުމޫންގެ ސަރުކާރާ ދެކޮޅަށް ނުކުތް މީހުންގެ އުނދަގުލާ ދުއްތުރާ ބޮޑުވެ، އެންމެ ފަހުން ކާފިޢު އިއުލާން ކުރިއެވެ.  އަދި ކަޅުހުކުރުގެ ނަމުގައި ސަރުކާރާ ދެކޮޅަށް ނުކުތް މީހުންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވި ގިނަ ބަޔަކު ހައްޔަރުވެގެން ދިޔައެވެ. އޭގެ ތެރޭގައި ހަމަނުޖެހުންތަކުގައި އިސްކޮށް ހުންނެވި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ވެސް ހިމެނެއެވެ. އޭގެ ފަހުން ގައުމީ ސަލާމަތީ ބާރުތަކުން ކުރި މަސައްކަތުގެ ސަބަބުން ގައުމަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އައެވެ. ނަމަވެސް 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު މާފުށީ ޖަލުގައި ހިންގި ބަޑިޖެހުމުގެ ހާދިސާއާއި ގުޅިގެން ގައުމު ހަލަބޮލިކޮށް، ރައްޔިތުން މަގުތަކަށް ނެރުމުގައި އިސްކޮށް އުޅުނު ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެހާޖާނަށް ފަހު ގައުމު ދޫކޮށް އަމިއްލައަށް ގައުމުން ބޭރަށް އަރުވާލެވިގެން ހުންނަވާ ރާއްޖޭގެ ގާނޫނީ ސަރުކާރާ ތޮޅެން ކުރަމުންދާ މަސައްކަތުގެ ދަށުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާވެސް މާލޭގައި ސަރުކާރާ ދެކޮޅު މުޒާހަރާތައް ފެށިގެން ދިޔައެވެ.

އިނގިރޭސިވިލާތަށް ނަޝީދު އަރުވާލެވިގެން ހުންނަވައި، ރާއްޖޭގައި ސިޔާސީ ހަމަނުޖެހުންތައް ހިންގުވައި، އާންމު ރައްޔިތުންގެ މުދަލަށާއި ސަރުކާރުގެ މުދަލަށް ގެއްލުން ދެމުން ދިޔައެވެ. 2004 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ބާރަ ވަނަ ދުވަހުން ސުރެ މިއަދާ ހަމައަށް ވެސް ނަޝީދުގެ އުނދަގުލާއި ދުއްތުރާތައް ދިވެހިންނަށާއި، މުޅި ގައުމަށް ދަނީ ފޯރަމުންނެވެ. އިނގިރޭސިވިލާތުގައި އަރުވާލެވިގެން ހުންނެވުމަށް ފަހު، 2005 ވަނަ އަހަރު އެމްޑީޕީ ވުޖޫދުވިތާ އެތައް ދުވަހެއް ފަހުން އަނެއްކާވެސް ނަޝީދު ރާއްޖެ ވަޑައިގެން، މާލޭގައި ހަމަނުޖެހުންތައް ހިންގަން ފެށިއެވެ. އަދި ނަޝީދުގެ އަމާޒަށް ވާސިލުވުމުގައި ގައުމީ ސަލާމަތީ ބާރުތައް ހުރަހަކަށް ވެފައި އޮތުމުން، ސަލާމަތީ ބާރުތަކާ ދިމާކޮށް، ފެންނަ ކޮންމެ ތާކުން ހަމަލާދިނުމަށް ހިތްވަރުދީ، އަމަލުން އެކަން ދައްކަންފެށިއެވެ. އެގޮތުން އެމްޑީޕީން އޭރު ސައްލާކުރަމުންދިޔަ ދުންފިނި ހަރުގޭގައި އެއްބަޔަކު ދަގަނޑު ބުރިކޮށް، އަނެއް ބަޔަކު ދަގަނޑު ފޭހަމުން ދިޔަވަގުތު ފުލުހުން ގޮސް ހަރުގެއިން ބަޔަކު މީހުން ހައްޔަރުކޮށް، ހަމަލާދޭން ތައްޔާރުކުރި ހަތިޔާރުތައް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

އަދި އެމްޑީޕީގެ އެއްވުންތަކުގައި ތަކުރާރުކޮށް ފުލުހުންނަށް ހަމަލާދިނުމަށް ގޮވާލާ، ފުލުހުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ތާ އަބަދު ކުރަމުންދިޔަ މަސައްކަތުގެ ސަބަބުން ފުލުހުންގެ ގަޔަށް ވަޅިޖެހުމާއި، މާރާމާރީ ހިންގުމާއި، ފުލުހުންގެ އާއިލާތަކަށް ހަމަލާތައް އަމާޒުވަމުން ދިޔަކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.  އަދި އޭގެ ފަހުން މިއަދާ ހަމައަށް ވެސް ކޮންމެ ވެސް ސިފައެއްގައި އެމްޑީޕީން ދަނީ ކަޅުހުކުރު ފާހަގަ ކުރުމުގެ ގޮތުން އޮގަސްޓް ބާރަ ތޭރައިގައި ގައުމު ހަލަބޮލިކުރަމުންނެވެ. އެގޮތުން ޖެހިގެން އައި މަހު، ސެޕްޓެމްބަރު މަހުގެ ވިހި ވަނަ ދުވަހު އަނެއްކާވެސް އިތުރު ބާރަކާއެކު އެކެއްގެ ކިބައިން އަނެކަކު ހިތްވަރު ލިބިގަނެގެން ނުކުމެ އީވާން ނަސީމުގެ މަރުގެ މައްސަލަ ނަގައި، މާލޭތެރެ ހަލަބޮލިކޮށްލިއެވެ. 

އެގޮތުން 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެރޭ މާފުށީ ޖަލުގައި ކުށްވެރިންނާ ޖަލު ބަލަހައްޓަން ފޯރިއަށް ތިބި ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ހުކުމް ތަންފީޒުކުރަމުންދިޔަ މާފަންނު އޭޝިޔާ ހަސަން އީވާން ނަސީމު މަރާލި މައްސަލަ ނަގައިގެން އެމްޑީޕީން ގައުމުގައި ބޮޑު ހަމަނުޖެހުންތަކެއް ހިންގާފައިވެއެވެ. މި ހަމަނުޖެހުމުގައި ފުލުހުންނަށް ވަޅިން ހަމަލާ ދީފައިވާ އިރު، ބައެއް ފުލުހުންގެ ވެހިކަލަށް ގެއްލުންދީފައިވެއެވެ. މީގެއިތުރުން ސަރުކާރުގެ މައި ހޮސްޕިޓަލަށް ގާއުކައި، ގެއްލުން ދިން އިރު ހޮސްޕިޓަލުގައި ތިބި ބަލި މީހުންނަށް ވަނީ ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދައުރު ވެގެން ދިޔައީ ގައުމުގައި ހަމަނުޖެހުންތައް ގިނަ އަހަރަކަށެވެ. ކުށްވެރިން ގިނަވެ މަގުތަކުގައި ބިއްޖެހިފައި ތިބި ޒުވާނުން ގިނަ ދައުރަކަށް ވެގެން ދިޔައެވެ. އަދި މާލެތެރޭގެ އަމަންގެއްލުމުން 2003 ސެޕްޓެމްބަރ 20 ވަނަ ދުވަހުގެރޭ 10:00 އިން ސެޕްޓެމްބަރ 21 ވަނަ ދުވަހުގެރޭ ފަތިހު 4:30 އާ ދެމެދު ކާފިޢު އިއުލާންކުރިއެވެ.
 
ރައީސް މައުމޫންގެ ސަރުކާރާ ދެކޮޅަށް ނުކުތް މީހުން މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަމުގެ ވާހަކަތައް ދައްކާއިރު، އެންމެ ބޮޑު ޖަރީމާއެއްގެ ގޮތުގައި އޭރުވެސް އަދި މިހާރުވެސް ދައްކަމުންދަނީ އެއް ވާހަކައެކެވެ. އެއީ ތަފާތު ކުށްތަކުގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ކުށްވެރިންނާ ޖަލު ބަލަހައްޓަން ފޯރިއަށް ތިބި ދިވެހި ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާ އެ ހާދިސާގައި އީވާން ނަސީމު މަރުވެދިޔަ ވާހަކައެވެ. އަދި ޖެހިގެން އައިދުވަސް ވެގެން ދިޔައީ ޖަލުގައި ވަރުގަދަ ހަނގުރާމައެއް ކުރެވިގެން ދިޔަ ދުވަހަކަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނަވާރަ ވަނަ ދުވަހުގެރޭ މެންދަމު ހިންގި ހަމަނުޖެހުމުގައި އީވާން ނަސީމު މަރުވެގެން ދިޔައިރު، ޖެހިގެން އައި 20 ވަނަ ދުވަހު ޖަލުގައި ތިބި ކުށްވެރިންތައް ޖަލު ފަޅާ ނުކުތުމުން ސިފައިންނަށް އެމީހުން ކޮންޓްރޯލެއް ނުކުރެވުނެވެ. އެގޮތުން ޖަލު ބަލަހައްޓަންތިބި ސިފައިންނާ ކުށްވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ގޮތް ހުސްވެގެން ކަމަށް ބުނެ، ޖައްވަށް ފަޒާއަށް ޖެހި ބަޑީގެ އުންޑަ އަރައިގެން، މަރުވި ތިން މީހުންގެ ތެރޭގައި، ޖަލު ހުކުމް ތަންފީޒު ކުރަމުންދިޔަ އަބްދުﷲ އަމީނާއި، އަހުމަދު ޝިޔާޒުއާއި، އަދި އަލީ އަސްލަމް ހިމެނެއެވެ.  ކަންކަން މިހާ ހިސާބަށް ދިއުމުން ދިވެހި ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކުރައްވާ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ދިވެހި ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. 

މިހާ ހިސާބުން ޖަލުގައި ބަޑިޖެހުމުގެ ހާދިސާ ހިނގި ގޮތް ބަލަން ރައީސް މައުމޫން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ރިޔާސީ ކޮމިޝަނެއް އުފެއްދެވިއެވެ. މި ކޮމިޝަންގެ ރައީސަކަށް ހަމަޖެއްސެވީ އަލްމަރުހޫމު އަބްދުއްސައްތާރު މޫސާ ދީދީއެވެ. އަދި ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ގާނޫނީ ވަކީލު ޝާހީން ހަމީދާއި، އާއިޝަތު މުހައްމަދު ދީދީއާއި، އަބްދުﷲ ސައީދުއާއި، ޑރ. މުހައްމަދު ސޯލިޙު ހިމެނިވަޑައިގަންނަވައެވެ. މައުމޫން ވިދާޅުވި ގޮތުގައި މިއީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް މިނިވަން މުސްތަގިއްލު ކޮމިޝަނެކެވެ. މިކޮމިޝަނަށް ތިން މަސައްކަތެއް ހަވާލުކުރެއްވިއެވެ. އެގޮތުން އީވާން ނަސީމު މަރާލި މައްސަލަ ތަހުގީގުކޮށް، ޒިންމާވާންޖެހޭ މީހުންނާއި، އަދި އެމީހުން ޒިންމާވާންޖެހޭ މިންވަރު ބެލުމުގެ މަސައްކަތާއި، އަދި އެފަދަ ހާދިސާއެއް ނުހިނގާނެ ގޮތަކަށް ބަލާ ފިޔަވަޅު އެޅުމާއި، އަދި ޖަލުގައި ކުށްވެރިންނާ ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ސިފައިން ބަޑިޖެހި މައްސަލަ ތަހުގީގު ކުރުން ހިމެނެއެވެ.

މި ތިން މައްސަލަ ބަލައި ތައްޔާރުކުރި ރިޕޯޓްގައި، ގައުމީ ސަލާމަތާ ރައްކާތެރިކަމަށްޓަކާ ބައެއް މައުލޫމާތުތަކަކީ އާންމުވުން އެކަށީގެން ނުވާ މައުލޫމާތެއް ކަމަށް ކަނޑައަޅައި، ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުން ބައެއް ވަނީ ރައީސް މައުމޫންގެ އެންގެވުމުގެމަތިން އުނިކޮށްފައެވެ. އަދި އެކޮމިޝަނުން މައްސަލަ ބެލުމަށް ފަހު، ޖަލާ ބެހޭ ގަވާއިދު ހަރުދަނާކޮށް، ބޮޑެތި ބަދަލުތަކެއް ގަވާއިދަށް ގެނެވުނެވެ. ޖަލުގައި ހިނގި ބަޑިޖެހުމުގެ ހާދިސާ ތަހުގީގުކޮށް، ސިފައިންގެ ބަޔަކު ވަޒީފާއިން ވަކިކުރުމުގެ އިތުރުން ތޭރަ މީހަކު ޖަލުގައި މިހާރު ވެސް ހުކުމް ތަންފީޒުކުރަމުންދާއިރު، މިކަމުގައި ޒިންމާ ނަގަން ނުޖެހުނު ހަމައެކަނި ބޭފުޅަކީ ސިފައިންނާ ފުލުހުންގެ އެންމެ މަތީވެރިޔާ، ރައީސް މައުމޫނެވެ. ރިޔާސީ ރިޔާސީ ކޮމިޝަންގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިރު، އެދުވަހު މަޖިލީހުގެ ރިޔާސަތުގައި އިންނެވީ އަލްމަރުހޫމު އަބްދުﷲ ހަމީދު އަބްދުލްގައްޔޫމެވެ. 

ރައިސް މައުމޫން ވިދާޅުވެފައިވަނީ ޖަލުގައި ބަޑިޖެހުމުގެ ހާދިސާ ހިނގި އިރު ސިފައިން އަމަލުކޮށްފައިވަނީ އިމަޖެންސީގައި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދާ ޚިލާފަށް ކަމަށެވެ. އަދި ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ހުއްދަ ނުހޯދާ އަދިއެއިން އެއްވެސް ފަރާތަކަށް އަންގާފައި ނުވާކަމަށް ވިދާޅުވިއެވެ. އެމައްސަލައިގައި ހިމެނޭ ސިފައިންގެ ފަސް މީހަކާއި، އަދި ސިފައިންގެ ތެރެއިން އެމައްސަލައިގެ ޒިންމާ ނަގަންޖެހޭ މީހުން ވަޒީފާއިން ވަކިކޮށް ޖަލުގައި ބަންދުކުރިއެވެ. އޭގެ ތެރޭގައި ސިފައިންގެ 13 މީހަކު ހިމެނެއެވެ. ރިޔާސީ ކޮމިޝަނުން ދެ ރިޕޯޓެއް އެކުލަވާލައި ރައީސަށް އެރުވުމަށް ބޭއްވި ބައްދަލުވުމުގައި ރިޕޯޓް އެކުލަވާލުމުގައި މައްސަލައާއި ގުޅުންހުރި މީހުން ހާޒިރުކޮށް ބަޔާން ނެގުމުގެ އިތުރުން ޖަލަށް ގޮސް ޖަލުގައި ހިނގާފައިވާ ކަންކަމާ ބެހޭ މައުލޫމާތު ސާފުކޮށް، ތަނުގެ ހާލަތު ހުރި ގޮތް ވެސް ރިޕޯޓްގައި ހިމަނާފައިވާނެ ކަމަށް އެކޮމިޝަންގެ ރައީސް އަލްމަރުހޫމު އަބްދުއްސައްތާރު މޫސާ ދީދީ ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ސަރުކާރުގައި ހިންގި މިނުރައްކާތެރި ހާދިސާގައި، އެދުވަހު ބަޑި ގުދަން ސަލާމަތްކޮށް، ދިފާޢުގައި ނުކުތް ސިފައިން މިއަދުވެސް ޖަލުގެ ކުޑަގޮޅީގައި ތިބެގެން ހުކުމް ތަންފީޒުކުރަމުން ދާއިރު، އެކަމުގައި ޒިންމާ ނަގާނެ އެހެން ބަޔަކު ހަމަ ނެތީތޯއެވެ. ސިފައިން އެދުވަހު ގައުމީ ވާޖިބު އަދާކުރިކަން ރައީސް މައުމޫންގެ ވާހަކަފުޅުންވެސް ހާމަވެއެވެ. އެގޮތުން ޖަލުގައި އުފެދުނު ހަމަނުޖެހުންތަކުގެ ތެރޭގައި ބަޑި ގުދަން ފަޅާލައި، ގައިދީން އަތަށް ބަޑި ނެގުމުން، ސިފައިން ބަޑިޖެހީ އެނޫން ގޮތެއް ނެތުމުން ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފަ. އެހެންކަމުން އެކަމުގެ ޒިންމާ ނަގަންޖެހޭނީ ސިފައިންތޯ ނުވަތަ ސިފައިންނާ ފުލުހުންގެ އެންމެ މަތީ ވެރިޔާތޯ؟ މިއީ މިއަދުވެސް އުފެދޭ ސުވާލެކެވެ.

ކަން މިހެން ހުރި އިރު އެމްޑީޕީއަކީ ދިވެހި ގައުމާއި ރައްޔިތުންނަށް ވުރެ ގައުމުގެ ވެރިކަން އިސްކޮށްގެން މަސައްކަތް ކުރަމުންދާ ބަޔަކު ތިބި ޕާޓީއެއްކަން ހާމަވެއެވެ. 2004 ވަނަ އަހަރު އޮގަސްޓް ބާރަ ވަނަ ދުވަހާއި ތޭރަ ވަނަ ދުވަހު މާލޭގައި އެމްޑީޕީ އިސްވެ އޮވެ ހިންގި ހަމަނުޖެހުންތަކުގައި ދައުލަތަށް ވަނީ އަގު ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އެމްޑީޕީގެ ދުއްތުރާތައް ސަލާމަތީ ބާރުތަކަށާއި ދިވެހި ރައްޔިތުންނަށް އިންތިހާއަށް ބޮޑުވެފައިވަނީ 2004 ވަނަ އަހަރު އޮގަސްޓް މަހު 12 13 ގައި، ކަޅު ހުކުރުގެ ނަމުގައި ބޭއްވި އެއްވުމަށް ފަހުއެވެ. އޭގެ ފަހުން މިއަދާހަމައަށް ވެސް ތަފާތު ނަންނަމުގައި ސަރުކާރާ ދެކޮޅު އެއްވުންތައް ބާއްވަމުންދާއިރު، ކޮންމެ ހުކުރު ދުވަހެއް އެމްޑީޕީން ޚާއްސަކޮށްފައިވަނީ ގައުމު ހަލަބޮލިކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށެވެ. ނަމަވެސް މިއަދު އީވާން ނަސީމުގެ ވާހަކަ ދައްކާ އަޑެއް ނީވެއެވެ. މިއަދު އީވާން ނަސީމަށް އިންސާފު ހޯދައިދެން ތިބީ ކޮން ބައެއްތޯއެވެ. ޖަށްވަށް ފަޒާއަށް ބަޑި ޖެހުމުގެ ޒިންމާ ކުރީގެ ރައީސް މައުމޫން ނަންގަވަންޖެހޭނެ ކަމަށް ވިދާޅުވެ މައުމޫންގެ ހަތުރުންގެ ގޮތުގައި އޭރު ތިބި މީހުން މިއަދު ރައީސް މައުމޫނާ ގުޅިގެން ސަރުކާރާ ދެކޮޅު ހަރަކާތްތައް ފެށުމުން ރައީސް މައުމޫންގެ ސަރުކާރުގައި ހިންގާފައިވާ ޖަރީމާތައް ފަސްއަޅާ ފޮރުވައިފިއެވެ. މިއަދު ރައީސް މައުމޫނު ހުދު ފޮށަ އަކަށް ވެއްޖެއެވެ.

ރައީސް މައުމޫންގެ ވެރިކަން ނިމުމަކަށް ގެނައުމުގެ ފަހަތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން މިހާރުވެސް ކަޅު ހުކުރު ރާއްޖޭގައި ފާހަގަކުރަމުންދެއެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ރައީސް މައުމޫނާ ދެކޮޅަށް ނުކުމެ ކަޅު ހުކުރު ފާހަގަކޮށްފައިވާ އިރު، މިއަދު ފެންނަމުން މިދަނީ ކަޅު ހުކުރު ފާހަގަކުރި މީހުންގެ ފަހަތުގައި ރައީސް މައުމޫން ހުންނެވި މަންޒަރެވެ.  އެހެންކަމުން މީގެކުރިން އިދިކޮޅު ފަރާތްތަކުން ފާހަގަކުރަމުންދިޔަ ކަޅު ހުކުރު މިއަދު ފާހަގަ ކުރާ އިރު، އެހަރަކާތުގައި ރައީސް މައުމޫން އަމަލީ ގޮތުން ބައިވެރިވަޑައިގަންނަވާނެތޯ؟ ނުވަތަ ދެން އެމަނިކުފާނު އަމަލުކުރައްވާނީ ކޮން އުސޫލަކުންތޯ؟ މިއީ މިއަދު ރައްޔިތުންގެ ހިތްތަކުގައި އުފެދޭ ސުވާލެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...