އެއްމިލިއަން ރުފިޔާއާއި ހަމަޔަށް ދެވުނީ ގަދަ އަޅާ މަސައްކަތްކޮށްގެން: އަސްނާދު

އަސްނާދު އުމަރުމަނިކް - ފޮޓޯ: ޗެނަލް13

ރައްޔިތުންގެ ފުރުޞަތުގައި ބައިވެރިވީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާއި، ކަމިޔާބު ލިބުނީ ގަދަ އަޅާ މަސައްކަތް ކޮށްގެންކަމަށް ރައްޔިތުންގެ ފުރުޞަތުގެ އެއްވަނަ ހޯދި އަސްނާދު އުމަރު މަނިކް ބުނެފިއެވެ. އަސްނާދު މިހެން ބުނެފައިވަނީ ޗެނަލް13 އަށް ދިން އެކްސްކުލޫސިވް އިންޓަރވިއު އެއްގައެވެ.

ޗެނަލް13 އިން ކުރިއަށްގެންދިޔަ ރައްޔިތުންގެ ފުރުސަތު ޕްރޮގްރާމްގެ އެއްވަނަ ހޯދި އަސްނާދު ބުނީ ޕްރޮގްރާމަށް އިއުލާނުކުރުމުން ވަރަށް ބޮޑަށް ދިރަސާކުރިކަމަށެވެ. އެގޮތުން މިއީ ކިހިނެއް ކުރިއަށް ދާ ޕްރޮގްރާމެއްތޯ ބެލިކަމަށާއި، އެއަށްފަހު އެކުވެރިންނާއި އާއިލާގެ ފަރާތުން ޕްރޮގްރާމްގައި ބައިވެރިވުމަށް ޙިޔާލުދެއްވުމުން ޕްރޮގްރާމުގައި ބައިވެރިވީކަމަށް އަސްނާދު ބުންޏެވެ. އަދި އެއަށްފަހު ރަށްވެހި ތަރައްޤީގެ ފޮތް ވަރަށް ރަނގަޅަށް ބަލާ ދިރާސާކުރި ކަމަށާއި، ޕްރޮގްރާމަށް ވާންޖެހޭ ތައްޔާރީތައް އެދުވަހުން ފެށިގެން ވީ ޕްރޮގްރާމުން ގުޅާނެކަމުގެ އުންމީދުގައިކަމަށްވެސް އަސްނާދު ބުންޏެވެ. ޕްރޮގްރާމްގެ ފުރަތަމަ ބުރުގައިވެސް އަދި ސެމީ ފައިނަލް ވެސް ފަސޭހަވެގެން ދިޔަ އެއް ސަބަބަކީ ކުރީބައިގައި އެކަމަށް ތައްޔާރުވެ ތިބުމުންކަމަށްވެސް އަސްނާދު ބުންޏެވެ. އަސްނާދު އިތުރަށް ބުނީ މި ޕްރޮގްރާމް ކުރިޔަށް ގެންދިޔަ ގޮތާއިމެދު ވަރަށް ހިތްހަމަޖެހޭކަމަށާއި، ޕްރޮގްރާމް ހޮސްޓް ކުރަން ޝަކީބުބެ ހުރުމަކީ ޕްރޮގްރާމް އިތުރަށް ފުރިހަމަ ވެގެން ދިޔަކަމެއްކަމަށެވެ.

ޕްރޮގްރާމްގެ ފައިނަލް ލައިވްކޮށް ސްޓޫޑިއޯގައި ކުރިއަށް ގެންދާކަން އެނގުމުން ވަރަށް ބޮޑަށް ޖެހިލުންވިކަމަށާއި، ނަމަވެސް ފައިނަލްގައިވެސް ކަމިޔާބު ހޯދުމަށް ވަރަށް ބޮަޑަށް ތައްޔާރުވިކަމަށް އަސްނާދު ބުންޏެވެ. އަދި ފައިނަލް ގެ ތިން ރައުންޑް ނިމުނު އިރުވެސް ޕްރޮގްރާމްގެ އެއްވަނަ ލިބުނުކަން ކަށަވަރު ނުވާކަމަށާއި، ޓީމު ޕެނަލްޓީ ސުވާލުތަކަށް ތައްޔާރުވިކަމަށް އަސްނާދު ބުންޏެވެ.

ޕްރޮގްރާމްގެ އެއްވަނައަށް އެއް މިލިއަން ރުފިޔާ ހުށަހަޅާފައިވާ ރައްޔިތުންގެ ފުރުސަތުގެ އެއްވަނަ ލިބުމުން ވަރަށް އުފާވިކަމަށާއި، އެއީ ބަޔާންކޮށްދޭންވެސް ނޭގޭ ފަދަ އުފާވެރިކަމެއް އިހުސާސްވި ވަގުތުކޮޅެއްކަމަށް އަސްނާދު ބުންޏެވެ. އަދި އެއްމިލިއަން ރުފިޔާ ލިބުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއިއެކުގައި ކަމަށާއި އެ އެންމެނަށް ޝުކުރު އަދާކުރާކަމަށްވެސް އަސްނާދު ބުންޏެވެ.


އަސްނާދު އިތުރަށް ބުނީ، ރަށްވެހި ތަރައްޤީގެ ފޮތް ކިޔާ ދިރާސާކޮށްލުމުން މިދިޔަ ހަތަރު އަހަރު ޤައުމަށް އައިސްފައިވާ ކުރިއެރުންތައް ވަރަށް ބޮޑަށް އެނގިގެންގޮސްފި ކަމަށާއި، ކުރިޔަށް އޮތީވެސް ތަރައްޤީގެ ދުވަސްތަކެއް ކަމުގައި އުންމީދުކުރާކަމަށެވެ.

އަސްނާދު ބުނީ އެއް މިލިއަން ރުފިޔާއިން ރަނގަޅު އިންވެސްޓްމެންޓެއް ކުރަން ބޭނުންވާކަމަށާއި، އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކޮންމެވެސް ކަހަލަ ޚިދުމަތެއް ކޮށްދޭން ބޭނުންވާކަމަށެވެ. ރައްޔިތުންގެ ފުރުސަތުގެ އެއްވަނަ ލިބުމުން އަސްނާދު ވެގެން ގޮސްފައިވަނީ އުމުރުން އެންމެ ފަންސަވީސް އަހަރުގެ މިލިއަނަރަކަށް ކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...