މިއަދު ޖޭޕީގެ ތެރޭގައި އޮތް އެންމެ ބޮޑު ކަންބޮޑުވުން: އައިޝާ ނޫނީ އަލީ ހުސައިން؟

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ދޭން އެ ޕާޓީގެ ކޮންގްރެސްއިން ފާސްކުރުމާއި އެކު އުފެދޭ އެންމެ ބޮޑު ސުވާލަކީ ކޯލިޝަންގެ ތެރެއިން އިބޫއާއި އެކު ރިޔާސީ އިންތިޚާބްގައި ޖުމްހޫރީ ޕާޓީން ރަނިން މޭޓަކަށް ނިކުންނާނީ ކޮން ބޭފުޅެއް ތޯއެވެ.

ސަރުކާރާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ހަދައިގެން އުޅޭ ކޯލިޝަނުން ޖުމްހޫރީ ޕާޓީއަށް ރަނިންގ މޭޓްގެ ސްލޮޓް ދޭން ނިންމި ހިސާބަކީ އަނެއްކާވެސް ޖުމްހޫރީ ޕާޓީގެ ތެރޭގައި ޖެހިފައިވާ މައްސަލަ ގަނޑު ހިލުނު ހިސާބެވެ. ޖުމްހޫރީ ޕާޓީން އެންމެ ފަހުވަގުތު އެއްބަސްވި މި އެއްބަސްވުން ވެގެން ދިޔައީ އެ ޕާޓީގެ ތެރޭގައި ނިމުމަކަށް ނާދެވޭ މައްސަލަ ގަނޑެއް އަނެއްކާވެސް އުފެދުނު ކަމަކަށެވެ.

އެގޮތުން އެ ޕާޓީގެ ތެރޭގައި މިހާރު އުފެދިފައިވާ އެންމެބޮޑު އެއް ސުވާލަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިބޫގެ ފަހަތުގައި މަސައްކަތް ކުރާނީ ޤާސިމް އިބްރާހިމްގެ އެންމެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ ނުވަތަ ބ. އަތޮޅު ކެންދޫ ދާއިރާ މެމްބަރު އަދި ޤާނޫނީ ވަކީލް އަލީ ހުސައިން ތޯއެވެ.

ގިނަ ބަޔަކު މި ސުވާލު މިއަދު ފެންމަތި ކުރަމުން ދާއިރު، ޖުމްހޫރީ ޕާޓީއަށް އެ ފުރުސަތު ދޭން ނިންމުމާއި އެކު ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން އިބްރާހިމް މުހައްމަދު ސޯލިހް އާއި އެކު ރަނިން މޭޓެއްގެ މަޤާމު ދިނުމަށް އެންމެ އައުލާކަން ބޮޑީ ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ (އައިޝާ)އަށް ކަމަށެވެ.

ނަމަވެސް އަލީ ވަހީދުގެ މިޚިހިޔާލާ ތަފާތު އެތައް ބަޔަކު އެބަ ތިއްބެވެ. މި ފަރާތްތަކުން ދެކޭ ގޮތުގައި އިދިކޮޅު ކޯލިޝަނަށް ގޮތެއް ނުނިންމި ވަގުތު ކުޑަތަން ވަމުންދާ މި ދަނޑިވަޅުގައި އަލީ ހުސައިން ފަދަ ފަރާތެއް އިބޫގެ ފަހަތުގައި ހުރުން މުހިންމެވެ.

އެގޮތުން އެމްޑީޕީގެ ގިނަ އެކްޓިވިސްޓުންނާއި އެކި ލެވެލްތަކުގެ ފަރާތްތަކުން ކުރަމުންދާ ޓުވީޓްތަކުގައި އިބޫއާއި އެކު ރަނިން މޭޓް ކަމަށް އަލީ ހުސައިން ނަގަން ރަނގަޅު ކަމަށް ދަނީ ހާމަކުރަމުންނެވެ. އަދި ފާޅުކަން ބޮޑު ގޮތަކަށް އަލީ ހުސައިނަށް އެމްޑީޕީގެ މެމްބަރުންގެ ތާއީދު އޮތްކަން ދަނީ ހާމަކުރަމުންނެވެ.

އެމްޑީޕީން ކެންޑިޑޭޓެއް ކަނޑައަޅައި ނިންމާފައިވާއިރު، ޖުމްހޫރީ ޕާޓީގެ ނިންމުން ލަސްވަމުން ދަނީ އެޕާޓީއިން އެކަމަށް ވަކިގޮތެއް ނުނިންމާތީއެވެ. ނަމަވެސް ޤާސިމް މިއަދު ބޭނުންވަނީ ސިޔާސި ދާއިރާއަށް ދާދި ފަހުން ނިކުންނެވި އޭނާގެ އަނބިކަނބަލުން އެ މަޤާމަށް ގެނައުމަށެވެ.

ޤާސިމް މިގޮތަށް ބޭނުންވަނީ އަލީ ހުސައިނަށް ރަނިން މޭޓްކަން ދީގެން ޕާޓީގެ ތެރޭގައި އޭނާގެ ކޮންޓްރޯލް ގެއްލިދާނެ ކަމުގެ ބިރަށްޓަކައެވެ. މީގެއިތުރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އައުމަށް ޤާސިމް އެތައް ޒަމާނެއް ވަންދެން ދެކެމުން އަންނަ ހުވަފެންތައް ހަޤީގަތަކަށް ހެދުމުގެވެސް ބޭނުމުގައެވެ.

ޤާސިމްގެ ވިސްނުން މިގޮތަށް ހުރި ނަމަވެސް ޖުމްހޫރީ ޕާޓީގެ ތެރޭގައި އުފެދިފައިވާ އައު ލީޑަރޝިޕުން ބޭނުންވަނީ ސިޔާސީ ގޮތުން ތަޖުރިބާ ލިބިފައިވާ އަލީ ހުސައިނަށް އެފަދަ މަސްއޫލިއްޔަތެއް ހަވާލު ކުރުމަށެވެ. ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި ދޮންދަރީގެ ޙައްޤުގައި މިއަދު އައިޝާ ސިޔާސީ މައިދާނަށް ނިކުންނެވި ނަމަވެސް އެކަމުގެ އަސްލު ޙަޤީގަތަކީ އައިޝާ ބޭނުންކޮށްގެން ޤާސިމް އޭނާގެ ސިޔާސީ ހަޔާތުގެ ހުވަފެންތައް ހަޤީގަތަކަށް ހެދުމެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. bulhabey 02 ޖުލައި 2018 - 09:52

    Ali huainakee reedhoo meeheh, ehenve reedhookudhin ali yah ehaa kampaineh ekuranee!

  2. ޢައިޝަތު 01 ޖުލައި 2018 - 02:18

    މިއީ ދޯ މި އައިޝާ ކުރާ ކަމަކީ. ގާސިމް ހުރިހާ އަބިންނަށް ހަމަހަމަ ކޮށް ހިތަން ޖެހޭނެ

ގުޅުން ހުރި
Loading...