އިބޫއަށް އަދިވެސް ފުރިހަމައަށް ތާއީދު އެއް ނެތް، ނަޝީދުގެ ސަޕޯޓަރުންގެ ތާއީދު ލިބުމާއި މެދު ޝައްކު

އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ފޮޓޯ: ދަ ޕްރެސް

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރިޔާސީ އިންތިޚާބް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފާއިރު، ރާއްޖޭގައި އުފެދިފައިވާ އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީޕީއެމްއިން ދަނީ އެ ޕާޓީގެ ކެމްޕެއިން މަސައްކަތްތައް ހުއްޓުމެއްނެތި ކުރަމުންނެވެ.

ކަން މިހެން އޮތްއިރު، ސަރުކާރާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ގުޅިގެން ހަދާފައިވާ އިއްތިހާދަށް ކުރެވުނު ހަމައެކަނި މަސައްކަތަކީ އެމްޑީޕީއިން ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީން ރަނިންގ މޭޓެއް އައްޔަން ކުރަން އެއްބަސްވުމެވެ.

މި ފަރާތްތަކުން އެއްބަސްވާ ކެންޑިޑޭޓް ކަމަށް އެމްޑީޕީގެ ބޭފުޅަކު ނަގަން އިއްތިހާދުން ކަނޑައަޅާފައިވާއިރު، އެމްޑީޕީގެ ލީޑަރޝިޕުން ތަބަކަކަށް ލައިގެން ޓިކެޓް ދޭ ކެންޑިޑޭޓަކީ އިބްރާޙިމް މުހައްމަދު ސޯލިޙް ކަމަށްވެއެވެ.

އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ޓިކެޓް ދޭކަމުގެ ވާހަކަތައް ފެތުރުން ވެގެން ދިޔައީ އެމްޑީޕީގެ ތެރޭގައި ސީދާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އެކަމާ ނުރުހުން ފާޅުކުރަން ފެށި ކަމަކަށެވެ. އިބޫއަށް ނަޝީދުގެ ސަޕޯޓަރުންގެ ފުރިހަމަ ތާއީދު ނެތްކަމުގެ މަލަމަތި ވަރަށް ރަނގަޅައް ދަނީ ފެންނަމުންނެވެ.

އެގޮތުން އެމްޑީޕީން ބާއްވާފައިވާ ކޮންގްރެސް ތެރޭގައިވެސް ނަޝީދުގެ "ލޯޔަލިސްޓުން" އިބޫއާއި ދެކޮޅު ހަދައިގެން އުޅޭ ކަމުގެ ވާހަކަތައް ވަނީ ފެތުރިފައެވެ. އިބޫގެ ކެންޑިޑެސީއާއި ދެކޮޅަށް އެމްޑީޕީގެ ސަރުކާރުގެ އިސް ސަފުގައި ހުންނެވި ފަރާ ދީދީ ކޮށްފައިވާ ޓުވީޓްގައި މި ފަރާތްތަކުން މި ނިންމެވި ނިންމެވުމަކީ އެމްޑީޕީގެ ގުރާސް ރޫޓް ލެވެލްގެ މެމްބަރުންނާއި މަޝްވަރާ ކުރުމެއް ނެތި، ނަޝީދު ނިންމާފައިވާ ނިންމެވުމަށް ވަނީ ފާޑު ވިދާޅުވެފައެވެ. މީގެ އިތުރުން މިއަދު އެ ޕާޓީން ތާއީދުކޮށްގެން އުޅޭ ފަރާތްތަކަކީ މާދާމާ ކަރަށް ފިތާލާނެ ބައެއް ކަމަށް ޓްވީޓްގައި ފާހަގަކޮށްފައިވެއެވެ.


އެމްޑީޕީގެ އެތެރޭގައި ކަންކަން ގޯހުން ގޯހަށް ގޮސްފައިވާއިރު، އެމްޑީޕީގެ އެތެރޭގައި ތިބި ފަރާތްތަކުން އެކަމުގެ ވާހަކަތައް އެކި ގޮތްގޮތުން މިހާރުވެސް ދަނީ ދައްކަމުންނެވެ. ޕާޓީއިން ނަޝީދު ބޭރުކޮށްލި ކަމަށް ބުނެ ނުރުހުން ފާޅުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ އަލީ ރަސްގެފާނު ވާހަކަ ކަހަލަ ވާހަކައެކެވެ.

މީގެއިތުރުން ގްރާސް ރޫޓް ލެވެލްގެ މެމްބަރުންނަށް އެންގުމަކާ ނުލާ ބޮޑެތި ނިންމުތައް ނިންމާފައިވުން ވެގެން ދިޔައީ ކޮންގްރެސް ތެރޭގައިވެސް މެމްބަރުން ހިފަހައްޓާ ނުލެވުނު ސަބަބަކަށެވެ. މެމްބަރުންގެ ނުރުހުމާއި ކަންބޮޑުވުން ފާޅުކުރީ ޕާޓީގެ އިސްވެރިން މަޝްވަރާތައްކޮށް ޑީލްތައް ނިންމާ، މެމްބަރުންނަށް އެކަމުގެ އެއްވެސް އިޝާރާތެއް ނުވުމުންވެ.

ކޮންގްރެސްގެ ތެރޭގައި ނަޝީދުގެ ސަޕޯޓަރުންގެ ނުރުހުން އިބޫއަށް ފާޅުކުރަމުން ދާއިރު، އެ ފަރާތްތަކުން އިބޫއަށް ޕްރެޝަރ ކުރާ އެންމެ ބޮޑު އެއް ކަމަކީ ދައުރުގެ މެދުން އިންތިޚާބެއް ބޭއްވުމެވެ. އިބޫއަށް އަދި ޓިކެޓް ހަވާލު ނުކުރެވެނީސް މިފަދަ ޝަރުތުތަކެއް ނަޝީދުގެ ސަޕޯޓަރުން އިބޫއަށް ކުރިމަތި ކުރުވަން ވަނީ ފަށާފައެވެ. މީގެއިތުރުން ނަޝީދު ވަނީ ވަގުތީ ސަރުކާރެއް އުފެއްދުމަށް ގޮވާވެސް ލާފައެވެ.

އިބޫއަކީ ކޯލިޝަނުން މި ކުޅޭ ރާޒުވާ ކުޅިބައިގައި ހަމަ "ޔޫސް" ކޮށްލަން ގެންގުޅޭ މަނާއަކަށް ވަނީ ވެފައިވެއެވެ. ނަމަވެސް މިއަދު އިބޫގެ ސިޔާސީ ހަޔާތަށް ބަލާލާއިރު، ފެނިގެންދާ ޙަޤީގަތަކީ ނަޝީދު ބޭނުންވާގޮތަށް އިބޫ ޕަޕެޓެއް ހެން ނުގެންގުޅެވޭނެ ކަމެވެ. އަދި އިބޫއަކީ ބޭނުން ގޮތެއް ހަދާލެވޭނެ މީހެއްވެސް ނޫންކަމެވެ. އިބޫއަށް ނުރުހުން މިއަދު އޮތީ މި ދެ ސަބަބަބާ ގުޅިގެން ކަމަށްވެސް ވެދާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...