އެމްޑީޕީ، އަނެއްކާވެސް ދޯކާ ދޭ މީހުންގެ ދަށުވެއްޖެ!


ސިޔާސީ ޕާޓީތައް ވުޖޫދުވެ، ރާއްޖޭގައި ޕާޓީ ސިސްޓަމްއެއް އުފެދުނު ހިސާބުން ފެށިގެން މިއަދާ ހަމަޔަށް ރާއްޖޭގެ ޑިމޮކްރާތީ ހަޔާތުގައި ހޭދަވި ދުވަސްތަކުގެ ތެރޭގައި ދިވެހި ރައްޔިތުން ދަންނަ އެއް ހަގީގަތަކީ ޖުމްހޫރީ ޕާޓީއާއި އެކު ދިވެހި ރާއްޖޭގެ އެއްވެސް ޕާޓީއަކައް އެއް ސަފެއްގައި މަސައްކަތް ނުކުރެވޭނެ ކަމެވެ.

ފެހި ޤާނޫނު އަސާސީގެ ދަށުން ފުރުތަމަ އިންތިހާބްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެކު ކޯލިޝަން ހަދައި އެ ކޯލިޝަންގައި މަަސައްކަތް ކުރުމަށް ޖުމްހޫރީ ޕާޓީއިން މަސައްކަތް ކުރިއެވެ. ރިޔާސީ އިންތިހާބްގެ ތެރޭގައި ނަޝީދުއަށް ތަފާތު އެކި ގޮތްގޮތުން ތައުރީފްކޮށް، ނަޝީދު ވަރުގެ އެހެން ލީޑަރެއް ދިވެހިރާއްޖޭގައި ނެތްކަން ދެއްކުމަށް ޖުމްހޫރީ ޕާޓީގެ އޭރުގެ ލީޑަރު ގާސިމް އިބްރާޙިމް މަސައްކަތް ކުރެއްވިއެވެ.

ނަމަވެސް 2008 ވަނަ އަހަރު ރިޔާސީ އިންތިހާބް ބާއްވާ ރިޔާސީ އިންތިހާބްގައި ހެދި ކޯލިޝަން އާއި އެކު ނަޝީދު އިންތިހާބްވި ހިސާބުން ފެށިގެން ގާސިމް އިބްރާޙިމްގެ ރާގު ވަނީ މުޅިން ބަދަލުވެފައެވެ. ކިޔަމުން ދިޔަހާ ޅެންތައް ފަރިއްސަށް ބަދަލުވެ، ނަޝީދުގެ ސަރުކާރުގެ ނުކުޅެދުންތެރިކަން ދައްކުވައިދޭން ގާސިމް އިބްރާޙިމް އޭރު ވަރަށް ގަދަޔައް މަސައްކަތްކޮށްފައި ވެއެވެ.

ޖުމްހޫރީ ޕާޓީއާއި އެކު ކޯލިޝަނެއް ހަދައިގެން ނަޝީދު ވެރިކަމަށް ވަޑައިގަތުން ވެގެން ދިޔައީ ނަޝީދަށް ކުރިމަތިވި އެންމެ ބޮޑު އެއް ބޮލުގެ ރިހުމަށެވެ. ވެރިކަމައް ވަޑައިގެންނެވިތާ 21 ދުވަހުގެ ތެރޭގައި ނަޝީދުގެ ސަރުކާރުގެ ފަތިފުށް ކިޔަދީ ބޭޒާރު ކުރުމަށް ފަހު، ކޯލިޝަނުން ވަކިވެ ލިބުނު މަގާމުންވެސް ގާސިމް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތައް ތަމްސީލް ކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ ރަނިންމޭޓަކު ނެރެން އެމްޑީޕީއިން އެއްބަސްވިއިރު، އެމްޑީޕީއަށް އެކި ފަހަރު މަތިން ހިތި ރަަހަ ދައްކަލި ޕާޓީ އަކީ ޖުމްހޫރީ ޕާޓީއެވެ. އެގޮތުން އެމްޑީޕީ އާއި ދެކޮޅަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ވެސް ޖުމްހޫރީ ޕާޓީ ވަރަށް ހިތްވަރާއި ފަންވަރާއި އެކު ގާސިމްގެ އޯޑަރަށް މަސައްކަތް ކުރިއެވެ.

ކަން މިހެން އޮތް އިރު، އެމްޑީޕީ މެމްބަރުން ބާޣީންގެ ލަގަބް ދީފައިވާ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް، ކުރީގެ ނައިބް ރައީސް ޑރ. ޖަމީލްއާއި، މަލީހް ޖަމާލު ފަދަ ބޭފުޅުންނަކީ މިއަދު ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕްގައި މަސައްކަތް ކުރައްވަމުންދާ ފަރާތްތަކެވެ.

އެމްޑީޕީގެ ވެރިކަން ވައްޓާލި ކަމަށް އެމްޑީޕީއިން ބުނާ، ބާާޣީ މައުމޫން އާއި ބާޣީ އިމްރާންއާއި ގުޅިގެން އިޚުލާސްތެރި މަސައްކަތެއް ކުރެވިދާނެ ބާވައެވެ. ނުވަތަ 14 ނޮވެމްބަރު 2013 ވަނަ ދުވަހު މާތް ﷲ ގަންދީ ހުވާކޮށް ޤާސިމް އިބްރާޙިމް ދިވެހި ރައްޔިތުންނާއި މުހާތަބްކުރައްވާ 8 މިލިއަން ޑޮލަރު ހުށައެޅި ކަމަށް ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރީބާވައެވެ.

ހަމަ ޔަގީނުންވެސް ގާސިމް އިބްރާހީމް އަކީ ޤައުމުގެ މަސްލަހަތައް ވުރެ ބޮޑަށް އަމިއްލަ އެދުން އިސްކުރާ މީހެއް ގެ ގޮތުގައި އެމްޑީޕީ އިން އެތައް ފަހަރަކު ސިފަކޮށްފައިވާއިރު، އެމްޑީޕީއާއި އެކު ގާސިމް އަށް މިފަހަރު މަސައްކަތް ކުރެވޭނެބާވައެވެ. އަދި މި ނިންމުމަށް ދެ ޕާޓީއިން އައިސްފައި މިވަނީވެސް އެމްޑީޕީ ބާކީކޮށް ގާސިމް އަމިއްލަ ކެބިނެޓެއް އިއުލާން ކުރެއްވި ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ.


 



މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...