ބީއެމްއެލްގެ އޮންލައިން އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ޚިދުމަތް އަންނަ ހަފްތާގައި ލޯންޗުކުރަނީ

ބޭންކް އޮފް މޯލްޑިވްސްގެ އޮންލައިން އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ޚިދުމަތް އަންނަ ހަފްތާގައި ލޯންޗުކުރަން ނިންމައިފިއެވެ.

ބޭންކިންގ ޚިދުމަތްތަކާ ގުޅޭގޮތުން ރިސޯޓްތަކަށް އަމާޒުކޮށްގެން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފްލާގައި ބީއެމްއެލް އިން ވަނީ ބްރާންޗު ޚިދުމަތްތަކާއި ކާޑު އަދި އޮންލައިން ބޭންކިންގ ޚިދުމަތްތައް ހިމެނިގެން ރިސޯޓްތަކަށް ފޯރުކޮށް ދެމުންދާ ޚިދުމަތްތައް ދައްކާލާފައެވެ. މީގެ އިތުރުން މުޅިން އާ ޚިދުމަތެއްކަމަށްވާ އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ގެ ޚިދުމަތް ވެސް ވަނީ ދައްކާލާފައެވެ.


ބީއެމްއެލް އިން ބުނީ މި ޚިދުމަތަކީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ރިސޯޓްތަކުގެ މުވައްޒަފުންނަށާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފަރާތްތަކަށް މިހާރު ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ގެނެސްދޭނެ ޚިދުމަތެއް ކަމަށެވެ. މޮބައިލް ފޯން މެދުވެރިކޮށް ލިބޭ މި އިޖާދީ ޚިދުމަތް ރަސްމީކޮށް ތައާރަފްކުރުމަށް ނިންމާފައިވަނީ އަންނަ ހަފްތާގެ ތެރޭގައެވެ.


މި ހަފްލާގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ބީއެމްއެލް އިން އެންމެ މުހިންމުކަމެއް ގޮތުގައި ދެކެނީ ވިޔަފާރިވެރިންގެ ވިޔަފާރީގެ އަގުވަޒަންކުރުން ކަމަށެވެ. އަދި ވިޔަފާރިވެރިންނަށާއި ރިސޯޓަށާއި މުވައްޒަފުންނަށް އިތުރު ފުރިހަމަ ގޮތެއްގައި ބޭންކިންގ ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތްތަކެއްގެ ފަހިކޮށްދިނުންކަމަށެވެ.


ބީއެމްއެލް އިން ފަތުުރުވެރިކަމުގެ ދާއިރާ އާ މި ވޭތުވެދިޔަ ދިގު މުއްދަތުގައި އޮތް ގާތް ގުޅުމާ އަދި ރިސޯޓްތަކަށް ފޯރުކޮށްދެމުންދާ ޚިދުމަތައްތަކަށް ވެސް މި ހަފްލާގައި ވަނީ އަލިއަޅުއްވާލާފައެވެ. އިންޓަރނެޓް ބޭންކިންގ، ކާޑު، ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ދެމުންދާ ޚިދުމަތްތަކާއެކު ފުރިހަމަ ބޭންކިންގ ޚިދުމަތެއް ރިސޯޓްތަކަށް ދެމުންދާ ހަމައެކަނި ބޭންކަކީ ބީއެމްއެލް ކަން ފާހަގަކޮށްލެވެއެވެ. ބީއެމްއެލް އިން ވަނީ ކޮންމެ ރިސޯޓެއްގެ ބޭންކިންގ ޚިދުމަތްތަކާ ގުޅޭގޮތުން މުޢާމަލާތްކުރުމަށްޓަކައި ރިލޭޝަންޝިޕް މެނޭޖަރެއް ވެސް ކަނޑައެޅިފައިވާކަން ހާމަކޮށްފައެވެ.


މި ހަފްލާގައި ރާއްޖޭގެ އެކި ރިސޯޓްތަކުގެ މެނޭޖްމަންޓްގައި އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ބީއެމްއެލް އިން ބުނީ އެ ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...