މެލޭޝިއަން އެޑިއުކޭޝަން އެކްސްޕޯ 2018 ފަށައިފި

މެލޭޝިއަން އެޑިއުކޭޝަން އެކްސްޕޯ ހުޅުވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: ޗެނަލް13

މަތީ ތަޢުލީމު ހާސިލުކުރުމަށްބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެޑިއުކޭޝަން މެލޭޝިޔާ ގްލޯބަލް ސާވިސަސް އާއި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނާއި ގުޅިގެން ތަޢުލީމީ އެކްސްޕޯ ފަށައިފިއެވެ.

އެޑިއުކޭޝަން މެލޭޝިޔާ ގްލޯބަލް ސާވިސަސް (އީ.އެމް.ޖީ.އެސް) އާއި ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން ގުޅިގެން ކުރިއަށްގެންދާ މެލޭޝިޔަން އެޑިއުކޭޝަން އެކްސްޕޯއަކީ މެލޭޝިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދެއްވާފައިވާ 500 ސްކޮލާޝިޕް އިސްތިހާރުކޮށް އެ ޤައުމުގައި ކިޔެވުމުގެ ޝައުގުވެރިކަން ހުންނަ ދަރިވަރުންނަށް އެ ފުރުސަތު ފަހި ކުރުމުގެ ގޮތުން މާލެއާއި އައްޑޫގައި ކުރިއަށްގެންދާ އެކްސްޕޯއެއް.

މި އެކްސްޕޯ ހުޅުއްވައި ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ މި އެކްސްޕޯގެ ސަބަބުން ދިވެހި ޒުވާނުންނަށް ތަޢުލީމީ ދާއިރާއިން ގިނަ ފުރުސަތުތަކެއް ލިބިގެންދާނެކަމަށާއި މިފަދަ ފުރުސަތުތަކުގެ ބޭނުން އެފަދަ ޒުވާނުން ހިފަމުން އަންނަކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތަކަށް ލިބޭ ތަރުހީބުގެ ސަބަބުން މިނިސްޓްރީއިން ބޭނުންވަނީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމަށްކަމަށްވެސް ޑރ. އަބްދުﷲ ނަޒީރު ވިދާޅުވިއެވެ. އަދި މިހާރު މަތީ ތަޢުލީމު ހާސިލުކުރާދަރިވަރުންގެ އަދަދު 32 އިންސައްތައަށް އުފުލިފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީއާއި ސަރުކާރުން ބޭނުންވަނީ 2022 ވަނަ އަހަރު އެ އަދަދު 60 އިންސައްތައް އަށް އިތުރުކުރުމަށްކަމަށްވެސް ޑރ. އަބްދުﷲ ނަޒީރު ވިދާޅުވިއެވެ. 

އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އީ.އެމް.ޖީ.އެސްގެ ޑެޕިއުޓީ ސީއީއޯ ހާޖީ މުޙައްމަދު ޒަކީ ޒަކަރިއްޔާ ވިދާޅުވީ އީ.އެމް.ޖީ.އެސްގެ ފަރާތުން ރާއްޖޭގައި ތަޢުލީމީ އެކްސްޕޯއެއް ފަށާއިރު އެކްސްޕޯގައި ބައިވެރިވުމަށް އެފަރާތްތަކުން ރާއްޖެއަށް ގެނެސްފައިވަނީ މެލޭޝިޔާގެ އެންމެ މޮޅު 15 ކޮލެޖް ކަމަށާއި އެކޮލެޖުތަކުން ވަކިން ޚާއްސަކޮށް ފުރަތަމަ ޑިގްރީއަށާއި މާސްޓާސްޑިގްރީގެ ކޯސްތަކަށް ފުރުސަތު ލިބޭނެކަމަށެވެ. އަދި މީގެ އިތުރުން މެލޭޝިއާގެ ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އެންމެ ގިނައީ ރާއްޖޭގެ ދަރިވަރުން ކަން ފާހަގަކުރައްވާ ހާޖީ މުހައްމަދު ޒަކީ ވިދާޅުވީ މެލޭޝިއާގެ ސަރުކާރުން ބޭނުންވަނީ މިއަދަދު އަދިވެސް އިތުރުކުރުމަށްކަމަށެވެ.

މި މަހުގެ 28ން ފެށިގެން ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ މި އެކްސްޕޯ މި މަހުގެ 28އާއި 29ގައި ބާއްވަން ހަމަޖެހިފައިވަނީ މާލޭގެ އާޓް ގެލެރީގައެވެ. އަދި ޖުލައި މަހުގެ އެއްވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫގެ ނޫރާނީ ސްކޫލުގައި މި އެކްސޕޯ ކުރިއަށްގެންދަން ވަނީ ތާވަލުކޮށްފައެވެ.

މި އެކްސްޕޯގައި މެލޭޝިއާގެ ޔުނިވާސިޓިތަކުން ލިބެން ހުރި ކޯސްތަކާއިބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ފޯމު ފުރުމާއި، ވަގުތުން ޕްލޭސްމެންޓް ހަމަޖައްސައިދިނުމާއި، މެލޭޝިއާގެ ސްޓޫޑެންޓް ވިސާ އާއިބެހޭ މަޢުލޫމާތުގެ އިތުރުން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ދެމުންގެންދާ ޚިދުމަތްތަކާ ބެހޭގޮތުންވެސް މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...