ބާލިންގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ ހަރަކާތްތައް ފަށައިފި

ޖަރުމަނުގެ ވެރިރަށް ބާލިންގްގެ އެންމެ ބޮޑު ޝޮޕިންގް މޯލްގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ ޚާއްސަ ހަރަކާތެއް ފަށައިފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން، އެމްއެމްޕީއަރްސީއާއި ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީއާއި ގުޅިގެން ބާލިންގްގެ މޯލް އޮފް ބާލިންގްގައި ހިންގާ ސެލޫން ބްރޭންޑް ކަމަށްވާ ޑރ. މާޗެޓާއި ގުޅިގެން ޙާއްސަ ހަރަކާތްތަކެއް ރާވާފައިވާކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.

އަދި އެ ހަރަކާތުގެ ދަށުން ކުރިއަށްގެންދާ ޕްރޮމޯޝަނުގައި ސެލޫންގެ އިސްތިހާރުތައް ދެއްކުމަށް އެ މޯލްގައި ބެހެއްޓޭ ޓީވީގެ އިތުރުން ފާރުތަކުގައިވެސް ރާއްޖޭގެ އިޝްތިހާރު ޖަހާނެކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

އަދި ކެމްޕޭނުގެ ދަށުން ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށްވެސް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ. އެމްއެމްޕީއާރްސީ އިން ވަނީ ޖަރުމަނުގެ އިތުރުން ރަޝިޔާގެ ވެރިރަށް މޮސްކޯގައިވެސް ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައް ފަށާފައެވެ.

އެގޮތުން ރަޝިޔާގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕާ ދިމާކޮށް މޮސްކޯގެ 100 ކާރެއްގައިވަނީ ރާއްޖޭގެ އިޝްތިހާރު ޖަހާފައިކަމަށާއި މި އަހަރު ރާއްޖެ އިޝްތިހާރު ކުރަން 50 ފެއާއެއްގައި ޓޫރިޒަމް އިންޓަސްޓްރީއާ ގުޅިގެން ބައިވެރިވާން ނިންމާފައިވާ ކަމަށްވެސް އެމްއެމްޕީއާރްސީއިން ވަނީ ބުނެފައެވެ.

މޯލް އޮފް ބާލިންގްއަކީ ބާލިންގްގައި ހުންނަ އެންމެ ބޮޑު މޯލްކަންވެސް ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...