އެސްޓީއޯ ރަމަޒާން ބާޒާރުގެ ނަސީބުވެރި ފަރާތްތަކަށް 1 އަހަރު ދުވަހުގެ ޝޮޕިންގް ވައުޗަރ އެއް!

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް އެސްޓީއޯއިން އެކި ނަންނަމުގައި ބޮޑެތި ޕްރޮމޯޝަންތައް ކުރިއަށް ގެންދެއެވެ. މިއަހަރުގެ ރޯދަ މަސް އަޅުގަނޑުމެންނާ އަލްވަދާއު ކިޔާފައިވާއިރު، ރޯދަ މަހާ ދިމާކޮށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންތަކުގެ ތެރެއިން ހޯލްސޭލް ޕްރޮމޯއާއި އެސްޓީއޯ ސުޕަމާޓް ރަމަޒާން ބާޒާރުގެ ނަސީބުވެރި ފަރާތްތައް މިވަނީ އިއުލާނުކޮށްފައެވެ.

އެސްޓީއޯގެ އެކި ފިހާރަތަކުގައި ރަމަޒާން ބާޒާރު ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވާއިރު، ސުޕަމާޓުގައި އެ ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ އޭޕްރިލް 15 އިން ޖޫން 14 އަށެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް ވަރަށް ވެސް އަގުހުރި އިނާމެއް އެސްޓީއޯއިން ވަނީ ހުށަހަޅާފައެވެ. އެގޮތުން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް އިނާމެއްގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެސްޓީއޯ ސުޕަމާޓުގައި ބޭނުންކުރެވޭ ޝޮޕިންގް ވައުޗަރ އެއް ވަނީ ދީފައެވެ.

މީގެ އިތުރުން ރޯދަ މަހާ ދިމާކޮށް އެސްޓީއޯ ހޯލްސޭލް ސެންޓަރުގައި ވެސް ޚާއްސަ ޕްރޮމޯޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ހޯލްސޭލް ޕްރޮމޯގެ ނަމުގައި ކުރިއަށްގެންދިޔަ މި ޕްރޮމޯޝަންގެ 1 ވަނަ، 2 ވަނަ އަދި 3 ވަނައިގެ އިތުރުން، އިތުރު 10 ނަސީބުވެރި ފަރާތެއް ގުރުއަތުން ވަނީ ހޮވާފައެވެ.

މި ޕްރޮމޯޝަނުގެ 1 ވަނައަށް ހޮވުނު ފަރާތަށް އިނާމުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހިޓާޗީ 18،000 ބީޓީޔޫގެ އޭސީއަކާއި 55 އިންޗީގެ ފިލިޕްސް ޓީވީއެއްގެ އިތުރުން، ސެންފޯޑް ބްރޭންޑުގެ ޗިލަރ އެކެވެ. ދެވަނައަށް ހޮވުނު ފަރާތަށް އިނާމުގެ ގޮތުގައި ހިޓާޗީ 12،000 ބީޓީޔޫގެ އޭސީއަކާއި 55 އިންޗީގެ ފިލިޕްސް ޓީވީއެއްގެ އިތުރުން، ވާވޭ ބްރޭންޑުގެ ސްމާޓްފޯނެއް ކަނޑައަޅާފައިވާއިރު، ތިންވަނައަށް ހޮވުނު ފަރާތަށް ހިޓާޗީ 9،000 ބީޓީޔޫގެ އޭސީއަކާއި 49 އިންޗީގެ ފިލިޕްސް ޓީވީއެއްގެ އިތުރުން، ސެންފޯޑް ބްރޭންޑުގެ މައިކްރޯވޭވްއެއް ދިނުމަށް ވަނީ ނިންމާފައެވެ.

ހަމައެއާއެކު ގުރުއަތުން ހޮވުނު 10 ފަރާތަކަށް "އެސްޓީއޯ ބްރޭންޑް" ގެ ތެރޭގައި ހިމެނޭ އުފެއްދުންތަކުން އިނާމު ދިނުމަށް ވަނީ ނިންމާފައެވެ.

ކޮންމެ އަހަރެކޭ ވެސް އެއްފަދައިން މިއަހަރުގެ ރޯދަ މަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަންތަކަށް ވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެސްޓީއޯ ސުޕަމާޓާއި ހޯލް ސެންޓަރުގެ އިތުރުން ހޯމް އިމްޕްރޫވްމަންޓާއި ރީޖަނަލް ފިހަރާތަކާއި އެސްޓީއޯއިން މިއަހަރު ހުޅުވި އެކުންފުނީގެ އިލެކްޓްރޯނިކްސް ފިހާރައިގައި ވެސް ރޯދަ މަހަށް ޚާއްސަ ޕްރޮމޯޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...