ރ. ވިލިނގިއްޔާއި ގއ. ހުޅިމެންދޫ އަދި ގއ. އޮޑަގައްލާގައި ރިސޯޓް ހަދަން ހުޅުވާލައިފި

ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ދޫކުރާ ރަށްރަށާއި ފަޅުތަކާއި، އެތަންތަނާއި ބެހޭ މައުލޫމާތު ހިމެނޭ ލިސްޓަށް މާޅޮސްމަޑުލު އުތުރުބުރީ ވިލިނގިއްޔާއި ހުވަދުއަތޮޅު އުތުރުބުރީ ހުޅިމެންދޫ އަދި އެ އަތޮޅުގެ އޮޑަގައްލާ އިތުރުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި އެ ތިން ރަށުގެ ބޮޑުމިނާއި އެކޫޒިޝަން ކޮސްޓް ވަނީ އަންދާޒާކޮށްފައެވެ. އެގޮތުން ރ. ވިލިނގިލީގެ ބޮޑުމިނަކީ 3.60 ހެކްޓަރު ކަމަށް ލަފާކޮށްފައިވާއިރު، އެ ރަށުގެ އެކޫޒިޝަން ކޮސްޓްގެ ގޮތުގައި އަންދާޒާކޮށްފައިވާ އަދަދަކީ 2،070،000 ޑޮލަރެވެ.

ހުޅިމެންދޫގެ ބޮޑުމިނަކީ 5.20 ހެކްޓަރު ކަމަށް ލަފާކޮށްފައިވާއިރު، އެ ރަށުގެ އެކޫޒިޝަން ކޮސްޓް ކަމަށް ލަފާކޮށްފައިވަނީ 650،000 ޑޮލަރެވެ. އަދި 0.77 ހެކްޓަރުގެ ބޮޑުމިނެއް ހުންނަ ކަމަށް ލަފާކޮށްފައިވާ އޮޑަގައްލާގެ އެކޫޒިޝަން ކޮސްޓަށް 96،250 ޑޮލަރު އަރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާކުރެއެވެ.

އެ މިނިސްޓްރީން ބުނީ އެ އަދަދުތަކަކީ އެ މިނިސްޓްރީން މިހާރު ފެންނަން ހުރި ރިކޯޑްތަކުން ހާމަވާން ހުރި އަދަދުތައް ކަމަށާއި އަސްލު އެކޫޒިޝަން ކޮސްޓް ހާމަކުރެވޭނީ އެ މިނިސްޓްރީން ޤަބޫލުކުރާ ފެންވަރުގެ ސަރވޭއެއް އެކުލަވާލައިގެން ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...