ވޯޓާސް ލިސްޓާ ގުޅޭ ގޮތުން 1778 ޝަކުވާ ހުށަހަޅާފައިވޭ- އީސީ

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ދިން މުއްދަތުގައި 1778 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީއިން ބުނީ، ވޯޓާސް ލިސްޓާއި ގުޅިގެން ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި ގިނައިން ހިމެނެނީ، ވޯޓާސް ލިސްޓުގައި މަރުވެފައި މީހުންނާއި، 18 އަހަރުން ދަށުގެ ކުޑަކުދިންގެ ނަން ހިމެނޭ ކަމުގެ ޝަކުވާތައް ކަމަަށެވެ. 

ޗެނަލް ތާރޓީން އަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ދިން ވަގުތު ރޭ 10:30 އާ ހަމައަށް ހަމަވެފައިވާ ކަމަށެވެ.

އަދި އެއީ ޤާނޫނުގައި ވާގޮތުން އިތުރު ވަގުތު ދެވެން އޮތް އެންމެ ދިގު ވަގުތު ކަމަށް އަކުރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލިސްޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ، ވީހާ ވެސް ގިނަ ބަޔަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ލިބިފައިވާ ޝަކުވާތަކަށް ފަސް ދުވަހުގެ ތެރޭގައި ޖަވާބެއް ދޭނެ ކަމަށާ، ޖަވާބާ މެދު ހިތްހަމަނުޖެހޭ ނަމަ، ހައި ކޯޓަށް ދިއުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް އީސީއިން ވަނީ ބުނެފައެވެ.

އަދި ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރާއިރު، މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ނެރުނު ވޯޓާސް ލިސްޓަށް ވުރެ މި ފަހަރުގެ ލިސްޓް ފުރިހަމަވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...