އިދިކޮޅު ބަޔަކު އިސްވެ ތިބެ ލ. މާބައިދޫ ބަނދަރުގެ މަސައްކަތް ހުއްޓުވައިފި

މާބައިދޫ ބަނދަރުގެ މަސައްކަތް ހުއްޓުވުމަށް ބަޔަކު ނިކުމެ މަސައްކަތް ކުރަނީ: ފޮޓޯ ޗެނަލް އޮންލައިން

އިދިކޮޅު ބަޔަކު އިސްވެތިބެ ލ. މާބައިދޫ ބަނދަރުގެ މަސައްކަތް ހުއްޓުވައިފިއެވެ.


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ލިމިޓެޑް އެމްޓީސީސީއިން ކުރަމުންދާ އެ މަސައްކަތް ހުއްޓުވާފައި ވަނީ ރަށުގެ އެމްޑީޕީ ކައުންސިލަރުން އިސްވެތިބެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިކަމާ ގުޅޭގޮތުން މާބައިދޫ ކައުންސިލް މެމްބަރު އަބްދުﷲ ރަޝީދު ވިދާޅުވީ އެމްޑީޕީ ކައުންސިލަރުންނާއި އިތުރު ދިހަ މީހަކު ވެގެން ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނުދީ މަސައްކަތަށް ހުރަސް އަޅަމުންދާ ކަމަށެވެ.


އަދި އިދިކޮޅު މީހުން އެ މަސައްކަތް ކުރަނީ އެރަށުގެ ނެރު ކަތި ކުރީ، އެމީހުން ކުރި މުޒާހަރާއިން ކަން ދެއްކުމަށް ކަމަށްވެސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ. އަބްދުﷲ ރަޝީދު ވިދާޅުވީ މާބައިދޫގެ ނެރު ކަތި ކުރުމަށް ހަމަޖެހިފައިވާކަން އެރަށުގެ އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުންނަށް މީގެ ކުރިންވެސް އިނގޭނެ ކަމަށެވެ. އަބްދުﷲ ވިދާޅުވީ މަދު ބަޔަކު އެ މަސައްކަތް ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް ރަށުގެ ގިނަ ރައްޔިތުން ބޭނުންވަނީ ވީ އެންމެ އަވަހަކަށް މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލުމަށް ކަމަށެވެ.


މީގެއިތުރުން އެކަމާ ގުޅޭ ގޮތުން އެމްޓީސީސީގެ ޕްރޮޖެކްޓްސް މެނޭޖަރ ރިޓަޔަޑް ކަމިޝަނަރ އޮފް ޕްރިޒަން މުޙައްމަދު ހުޝާމް ވިދާޅުވީ މަސައްކަތް ހުއްޓުވި އިރު އެތަނުގައި ކުރަމުން ދިޔައީ ބޭރު ތޮށި ނިންމުމުގެ މަސައްކަތް ކުރަމަށެވެ.

އެ ކުންފުނިން މާބައިދޫ ބަނދަރުގެ މަސައްކަތް ކުރަން ގެންގޮސްފައިވާ އުޅަނދުތަކަށް ބަޔަކު އަރައި މަސައްކަތް ކުރިއަށް ގެންދިޔަ ނުދީ ހުރަސް އަޅާފައިވާ ކަމަށް ހުޝާމް ވިދާޅުވިއެވެ.


މި މަޝްރޫޢުގެ ދަށުން އެރަށުގެ ހުޅަނގު ފަރާތުގައި ހަދާ ބަނދަރަކީ ދުއިސައްތަ ދިހަ މީޓަރު ދިގު އަދި ހަތްދިހަ އަށް މީޓަރު ފުޅާ ބަނދަރެކެވެ. އަދި ދުއިސައްތަ ހަތްދިހަ ފަސް މީޓަރުގެ ބޭރު ތޮށްޓެއް ލުމަށްވެސް ވަނީ ހަވާލުކޮށްފައެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ތެރެއިން ރިވެޓްމަންޓް ޖެހުމަށްވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. އާބާދީގައި އެއްހާސް އެއްސަތޭކަ އަށް މީހުން އުޅޭ މާބައިދޫގައި ހަދާ ބަނދަރަކީ ޖުމްލަ ސާޅީސް ފަސް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ ބަނދަރެއްކަން ފާހަގަކޮށްލެވެއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...