ތަސައްވުރު ކުރެވިގެން އެތަސައްވުރާއި ދިމާލަށް ވަޑައިގެންނެވި ވެރިއަކީ ރައީސް ޔާމީން- އާމިރު

ޗެނަލް 13ގެ ނިއުސްޓޯކް ޕްރޮގްރާމްގައި އެންވަޔަރްމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ އާމިރު ވާހަކަ ދައްކަވަނީ

ކަމެއް ތަސައްވުރު ކުރެވިގެން އެތަސައްވުރާއި ދިމާލަށް ވަޑައިގެންނެވި ވެރިއަކީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ އާމިރު ވިދާޅުވެއްޖެއެވެ.

ޗެނަލް13ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެންވަޔަރްމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ އާމިރު ވިދާޅުވީ، ރާއްޖޭގެ ވެރިއަކަށް މިވަގުތު ހުންނެވީ، އިޚްލާސްތެރި، އަދި ކެރިވަޑައިގަންނަވާ ވެރިއެއް ކަމަށެވެ.

މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުން ބޮޑެތި މަޝްރޫއުތައް ހިންގަވާ ވާހަކަ ދެއްކެވި ނަމަވެސް، އެކަންކަން އަމަލުން ދެއްކެވީ ހަމައެކަނި ރައީސް ޔާމީން ކަމަށްވެސް ވިދާޅުވިއެވެ. އަދި ރައީސް ޔާމީނާއި ވާދަ ކުރައްވާ އިދިކޮޅު ކޯލިޝަނުގައި ޤައުމަށް އިޚްލާސްތެރި ބޭފުޅެއް ނެތް ކަމަށާއި، ދިވެހި ރައްޔިތުން އެކަން ޤަބޫލު ކުރާ ކަމަށްވެސް އެންވަޔަރްމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.  

އަލީ އާމިރު ވިދާޅުވީ، ސަރުކާރުން ދަރަނި ނަގާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަމުން އަންނައިރު، މެނޭޖް ކުރަން އެނގޭނަމަ، ދަރަނި ނެގުމަކީ މައްސަލައެއް ނޫން ކަމަށެވެ. ރާއްޖެއަށް ގިނަ ފަރާތްތަކުން ދަރަނި ދޫކުރަނީ، އެ ދަރަނިތައް ދައްކާ ޚަލާސް ކުރާނެ ކަމުގެ ޔަޤީންކަން އޮންނާތީ ކަމަށްވެސް އާމިރު ވިދާޅުވިއެވެ. އާމިރު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ރާއްޖެއަށް އަންނަ އިންވެސްޓްމެންޓްތައް ދުވަހަކަށްވުރެ ދުވަހެއް އިތުރު ވަމުން އަންނަ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރަން އިދިކޮޅު ފަރާތްތަކުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރައްވާ އަލީ އާމިރު ވިދާޅުވީ ރާއްޖޭގައި ތާރީހުގައިވެސް އެއްވެސް ވެރިކަމަކާއި މިހާބޮޑަށް ތޮޅުނު މަންޒަރު ފެނިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް ބެއްލެވުމެއްނެތި ރައީސް ޔާމީން، ޤައުމަށް ތަރައްޤީ ގެނެސްދެއްވަމުން އަންނަކަން އާމިރު ވަނީ ފާހަގަ ކުރައްވާފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...