އިޒްރޭލުން އަނެއްކާވެސް ގައްޒާއަށް ވައިގެ ހަމަލާތަކެއް ދީފި

އިޒްރޭލުން އަނެއްކާވެސް ގައްޒާއަށް ވައިގެ ހަމަލާތަކެއް ދީފިއެވެ.

އިޒްރޭލްގެ އަސްކަރިއްޔާއިން ބުނީ، އެހަމަލާތައް ދީފައިވަނީ ގައްޒާގައި ހުންނަ ހަމާސް ޖަމާއަތުގެ 25 ތަނަކަށް އަމާޒުކޮށް ކަމަށެވެ. ފާއިތުވި ދުވަސްތަކުގައި އިޒްރޭލުން ގައްޒާއަށް ދެމުން އަންނަ ވައިގެ ހަމަލާތައް އިތުރު ކޮށްފައިވާއިރު، އެއީ ހަމާސް ޖަމާއަތާއި ދެކޮޅަށް ދޭ ހަމަލާތަކެއް ކަމަށް އިޒްރޭލްގެ އަސްކަރިއްޔާއިން ހާމަކުރެއެވެ.

އެގޮތުން އެންމެ ފަހުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 3 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް އިޒްރޭލްގެ އެއްވެސް މީހަކަށް ވައިގެ ހަމަލާތަކާއި ގުޅިގެން އަނިޔާއެއް ލިބިފައެއް ނުވެއެވެ. 

ގައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ތަފްސީލް ހާމަ ކުރަމުން އިޒްރޭލްގެ އަސްކަރިއްޔާއިން ބުނީ މިހާތަނަށް 45 ރޮކެޓް ހަމަލާ ގައްޒާގެ އެކި ސަރަޙައްދުތަކަށް ދެވިފައިވާނެ ކަމަށެވެ.

ގައްޒާއިންވެސް ވަނީ އިޒްރޭލަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފައެވެ. އެހަމަލާތަކަށް ހަމާސް ޖަމާއަތުން ތައުރީފް ކުރި ނަމަވެސް، އެޖަމާއަތުން އެ ހަމަލާތަކުގެ ޒިންމާ ނަގާފައެއް ނުވެއެވެ.

ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ގޮވާލާ ގައްޒާގައި ކުރި މުޒާހަރާތަކަށް ދުނިޔޭގެ ސަމާލުކަން ހުއްޓިގެން ދިޔައިރު، އެމުޒާހަރާތަކުގައި ބައިވެރިވި 127 މީހަކު އިޒްރޭލްގެ އަސްކަރިއްޔާއިން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި ތިންހާސް މީހަކު ޒަހަމް ކޮށްލާފައިވެއެވެ.

މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް އިޒްރޭލްގެ އަސްކަރިއްޔާއިން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްފައިވާތީ، އދގެ އާންމު މަޖިލީހުން ވަނީ އިޒްރޭލް ކުށްވެރިކޮށް ޤަރާރެއްވެސް ނެރެފައެވެ. މީގެ 70 އަހަރު ކުރިން ފަލަސްތީނުގެ ބިމުގައި އިޒްރޭލް އުފެއްދި ފަހުން، ފަލަސްތީނުގެ އެތައް ހާސް ބަޔަކު ވަނީ އަމިއްލަ ގެދޮރު ގެއްލި ރެފިއުޖީންނަށް ވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...