އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އެމެރިކާ ވަކިވެއްޖެ

އިޒްރޭލާ މެދު ތަފާތު ކުރާ ކަމަށް ބުނެ އދ ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުން އެމެރިކާ ވަކިވެއްޖެއެވެ.


އިންސާނީ ޙައްޤުތަކާ ބެހޭ އދ ގެ އެންމެ މަތީ ކައުންސިލުން އެމެރިކާ ވަކިވިކަން އިޢުލާން ކުރައްވަމުން ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއާ އެކު ވޮޝިންޓަނުގައި ވާހަކަ ދައްކަވަމުން އދ ގެ ސަފީރު ނިކީ ހޭލީ ވިދާޅުވީ ދެފުށް ދެގޮތް ކައުންސިލެއްގައި ތިބުމަކީ އެމެރިކާ ޤަބޫލްކުރާނެ ކަމެއް ނޫން ކަމަށެވެ. މިކަމާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން އާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނެފައިވަނީ ޓްރަމްޕުގެ ސަރުކާރުގެ ނިންމުމުގެ ސަބަބުން މާޔޫސްވާކަމަށެވެ. އެމެރިކާގެ ބައިވެރިޔާ އިޒްރޭލުން ވަނީ އެއީ ވަރަށް ހިތްވަރުގަދަ ނިންމުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.


އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އެމެރިކާ ވަކިވިކަން އިއުލާންކުރި އިރު އެ ކައުންސިލުން މިދިޔަ މަހު ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގި ގަތުލްއާއްމު ތަހުގީގު ކުރަން ފާސްކޮށްފައެވެ އަދި ގާޒާގައި ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުގެ ސްނައިޕަރުން ދޭ ހަމަލާތައް ތަހުގީގު ކުރަން ވެސް ކައުންސިލުން މެއި މަހު ވަނީ ފާސްކޮށްފައެވެ. އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން އިޒްރޭލާ މެދު ވަރަށް ބޮޑަށް ތަފާތު ކުރާ ކަމަށް މިދިޔަ އަހަރު ވެސް ހޭލީ ވަނީ ވިދާޅުވެފައެވެ. އަދި އެ ކައުންސިލުގެ މެންބަރެއްގެ ގޮތުގައި ދެމިއޮތުމާ މެދު ވިސްނަމުންދާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...