އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް މީހުން ހޯދަން އިންތިޒާމް ކުރި އޯޕަންޑޭ ފަށައިފި

މިފްކޯއިން އައްޑޫސިޓީގައި ތަރައްޤީ ކުރަމުން އަންނަ ފިޝަރީޒް ކޮމްޕްލެކްސްއަށް މުވައްޒަފުން ހޯދުމައްޓަކައި އައްޑޫސިޓީއާއި ފުއައްމުލައް ސިޓީއަށް އަމާޒުކޮށްގެން ރޭވި އޯޕަންޑޭ ފަށައިފިއެވެ.

މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އޯޕަންޑޭގެ ހަރަކާތްތައް ފެށެފައިވަނީ އައްޑޫ ސިޓީ ހުޅުމީދޫގައެވެ. ދެ ދަންފަޅިއަށް ބަހާލައިގެ ކުރިއަށްގެންދާ ހަރަކާތުގައި މިފްކޯގެ އޮޕަރޭޝަންއާއި ވަޒީފާގެ ދާއިރާއާއިބެހޭ ގިނަމައުލޫމާތުގެ އިތުރުން ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުގެ ފޯމްފުރިހަމަކޮށް އިންޓަވިޔު ކުރިއަށްގެންގޮސްފައިވެއެވެ.

މިފްކޯއިން ކުރިއަށްގެންދާ ފުރަތަމަ ދަންފަޅިއަށްވެސް ހުޅުމީދޫގެ ރައްޔިތުންގެ ފަރާތުންވަރަށް ބޮޑުތަރުހީބެއް ލިބިފައިވާ ކަމަށް މިފްކޯގެ އެޗް.އާރގެ ހެޑް ސަލާހް ޝަރީފްވިދާޅުވިއެވެ.

ހުޅުމީދޫއަށްފަހު އޯޕަންޑޭގެ ހަރަކާތްދެންކުރިއަށްގެންދާނީ ސ.ހިތަދޫ، ޝަރަފުއްދީން ސްކޫލްގައި 21 ވަނަ ދުވަހުގެ ރޭގަނޑު އަށްގަޑި ތިރީހުން ފެށިގެން އެގާރަގަޑި ސުންމިނެޓުގެ ނިޔަލަށެވެ. އަދި މީގެ އިތުރުން މިމަހުގެ 22ވަނަ ދުވަހު ފުވައްމުލަކު ހާފިޒްއަހުމަދު ސްކޫލްގައިވެސް މިޕްރޮގްރާމްގެ އޯޕަންޑޭއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ދެކުނުގައި މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމުގެ ގޮތުން އަައިސްޕްލާންޓަކާއެކު މަސްކިރައި ފިނިކުރެވޭނެ އިންތިޒާމާއެކު ތަރައްޤީކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ މަަސައްކަތް ހަލުވިކަމާއިއެކު ކުރަމުން އަންނައިރު، އެތަނުގައި ސަތޭކައަށްވުރެގިނަ ވަޒީފާގެ ފުރުސަތުހުޅުވިފައިވާ ކަމަށް މިފްފޯއިން ހާމަކުރެއެވެ.

އެގޮތުން ލެބޯޓަރީ، އިންޖިނިއަރިންގް، އެކައުންޓިންގް، ޓެކްނިކަލް އަދި އެޑްމިނިސްޓްރޭޓިވް ދާއިރާއިން އެކިފެންވަރުގެ ވަޒީފާތަށްވަނީ އާންމުންނަށް ހުޅުވާލެވިފައިވެއެވެ. އެކަށިގެންވާ މުސާރައާއި އިނާޔަތްތަކާއިއެކު، ރަށުން ބޭރު މުވައްޒަފުންނަށް ހުރުމާއި ކެއުމާއި، ފެރީގެ އިންތިޒާމްފަދަ ހާއްސަ އިންތިޒާމްތަކެއް ވަޒީފާއަށްހޮވޭ މުވައްޒިފުންނަށް އިންތިޒާމްކުރެވިފައިވާނެ ކަމަށްވެސް މިފްކޯއިން މައުލޫމާތުދެއެވެ. 
 
މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މިޖުލައިމަހުގެ ތެރޭގައި ހުޅުވުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. އެކުންފުނިން ބުނީ، ވީހާވެސް ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދިނުމަކީ މިފްކޯގެ އަމާޒު ކަމަށެވެ.

މިހާރު ޤާއިމްކުރެވިފައިވާ ވަސީލަތްތަކުގެ އިތުރުން 25 މެޓްރިކްޓަނުގެ ޓޫނާ ޕައުޗް ޕްލާންޓެއްވެސް އައްޑޫ ފިޝަރީޒް ކޮމްޕްލެކަސްގައި އެޅުމަށްވަނީ ނިންމާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...