ވިންޓަރ ތީމް ޕާކު އާއްމުންނަށް ހުޅުވައިފި

ރާއްޖޭގައި ޤާއިމްކުރި ފުރަތަމަ ވިންޓަރ ތީމް ޕާކު އާއްމުންނަށް ވަދެވޭގޮތައް ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގައި ފުރަތަމަ ފަހަަރަށް ޤާއިމްކުރި ވިންޓަރ ތީމް ޕާކު ރަސްމީކޮށް ހުޅުއްވައިދެއްވީ ފިތުރު ޢީދު ދުވަހުގެ ރޭގައެވެ. އަދި މިހާރު އާއްމުންނަށް ވަދެވޭ ގޮތައް ޕާކު ހުޅުވާފައިވާއިރު މި ޕާކަކީ ހުރިހާ އުމުރު ފުރާއަކަށްވެސް ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ޕާކެއްކަން ފާހަގަކޮށްލެވެއެވެ.

އާއްމުންނަށް ވަދެވޭގޮތަށް ޕާކު ހުޅުވާލުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިންޓަރ ތީމް ޕާކް މެނޭޖަރ އަބްދުއް ސަމީއު އިބްރާހީމް ވިދާޅުވީ ޕާކަށް ވަނުމަށް ޓިކެޓް ނަގަންޖެހޭކަމަށާއި އިތުރު ކުޅިވަރުތަކަށްވެސް ޓިކެޓް ނަގަންޖެހޭކަމަށެވެ. އެގޮތުން އެންޓްރީ ފީއެއްގެ ގޮތުގައި 20 ރުފިޔާގެ ޓިކެޓެއް ނަގަން ޖެހޭނެކަމަށް ސަމީއު ވިދާޅުވިއެވެ. އަދި އެކި ކުޅިވަރުތަކަށް ނަގާ ޓީކެޓަތަކުގެ ތެރެއިން އޯލް އިންކްލޫސިވް ޓިކެޓެއް ނެގުމުން ހުރިހާ ކުޅިވަރުތަކެއް އެފަރާތްތަކަށް ތަޖުރިބާކޮށްލެވޭނެ ކަމަށްވެސް އަބްދުއް ސަމީއު ވިދާޅުވިއެވެ.

އެގޮތުން އައިސް ސްކޭޓިން އާއި ކުޑަކުދިންނަށް ޚާއްސަ ސްނޯ ހައުސްގެ އިތުރުން ސްލައިޑްގެ ބޭނުންވެސް ހިފޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީގެ އިތުރުން ސްކޭޓް ކުރުމަށް ވަގުތު ކަނޑައެޅިފައި ވާނެކަމަށާއި އެގޮތުން ކޮންމެ ޓިކެޓަކަށް 20 މިނެޓް އަދި ސްލައިޑް ބޭނުންކުރާ ފަރާތްތަކަށް ކޮންމެ ޓިކެޓަކަށް ފަސް ބުރު ސްލައިޑުގެ ބޭނުން ކުރެވޭނެކަމަށް ސަމީއު ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް ޚާއްސަކޮށްފައިވާ ސްނޯ ހައުސް ބޭނުންކުރުމުގައި ވަކި ވަގުތެއް ކަނޑައަޅާފައި ނުވާކަމަށްވެސް އަބްދުއް ސަމީއު ވިދާޅުވިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިންޓަރ ޕާކް ހިންގުމަށް ހަވާލުކޮށްފައިވާ ޑައިމަންޑް ވިންގްސްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މައުޒޫން އަބްދުﷲ ވިދާޅުވީ ވިންޓާރ ތީމް ޕާކުގައި އެކިއެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ރާވަމުން އަންނަ ކަމަށެވެ. އެގޮތުން ސްކޭޓް ކުރުމަށް އެކިއެކި ކްލާސްތައް ބޭއްވުމާއި ސީޒަނަލް ފާހެއް އިފްތިތާހު ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މައުޒޫން ވިދާޅުވިއެވެ.

މީގެއިތުރުން މައުޒޫން ވިދާޅުވީ ރަސްރަނި ބަގީޗާގެ ވަކި ހިސާބެއް ވިންޓަރ ތީމް ޕާކަށް ލިބިފައިވާކަމަށާއި ޕާކާއި އެ ސަރަޙައްދު ވަކިން ކުއްޔަށް ދިނުމަށްވެސް ހުޅުވާލާފައިވާކަމަށެވެ. އަދި އިތުރު މަޢުލޫމާތު ވިންޓަރ ތީމް ޕާކުގެ ވެބްސައިޓަށް ޒިޔާރަތް ކޮށްލުމުން ލިބޭނެކަމަށްވެސް މައުޒޫން ވިދާޅުވިއެވެ.

ރަސްރަނި ބަގީޗާގައި ޤާއިމްކޮށްފައިވާ ވިންޓާ ތީމް ޕާކުގައި އެއްފަހަރާ 50އަށްވުރެ ގިނަ މީހުންނަށް ސްކޭޓް ކުރެވޭނެކަމަށް ޕާކުގެ މެނޭޖާރ އަބްދުއް ސަމީއު ވިދާޅުވިއެވެ. އަދި މި ޕާކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަކީ ފްރާންސުގެ ސްކޭޓް ޓީމަށް ކޯޗުކަން ކޮށްދެއްވާ ފަރާތަކުން ޓްރެއިންކޮށް ތައްޔާރުކޮށްފައިވާ މުވައްޒަފުން ކަމަށްވެސް ޕާކުގެ މެނޭޖަރ އަބްދުއް ސަމީއު ވަނީ ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...