މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 10.6 އިންސައްތަ އިތުރުވެއްޖެ

އަހަރުން އަހަރަށް ބަލާއިރު މިއަހަރުގެ މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު 10.6 އިންސައްތަ އިތުރުވެފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ފަތުރުވެރިިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މެއި މަހު ރާއްޖެއަށް 92،913 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ، މި އަދަދާއެކު މިއަހަރުގެ މެއި މަހުގެ ނިޔަލަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ 632،729 އަށް އަރާފައެވެ.

މެއި މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕް ބައްރުގެ ޤައުމުތަކުންނެވެ. އެގޮތުން ޖުމްލަ ފަތުރުވެރިންގެ ތެރެއިން 54 އިންސައްތަ ނުވަތަ 341،623 ފަތުރުވެރިންނަކީ ޔޫރަޕުން އައި ފަތުރުވެރިން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު 17.4 އިންސައްތައިގެ ކުރިއެރުމެކެވެ.

ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 37.6 އިންސައްތައިގެ ހިއްސާއަކާއެކު އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުންނެވެ. އެގޮތުން މެއި މަހުގެ ނިޔަލަށް އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުން 237،816 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިއީ އަހަރުން އަހަރަށް ބަލާއިރު 2.1 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެ އިތުރުން ފަތުރުވެރިންގެ ޖުމްލަ އަދަދުގެ ތެރެއިން 4.7 އިންސައްތަ ނުވަތަ 29،551 ފަތުރުވެރިން އެމެރިކާ ސަރަހައްދުން އައިސްފައިވާއިރު، 2.9 އިންސައްތަ ނުވަތަ 18،564 ފަތުރުވެރިން އައިސްފައިވަނީ މެދުއިރުމަތީގެ ޤައުމުތަކުންނެވެ. އަދި އެފްރިކާ ސަރަހައްދުން މި މުއްދަތުގެ ތެރޭގައި އައިސްފައިވާ 5،094 ފަތުރުވެރިންނަކީ ޖުމްލަ ފަތުރުވެރިންގެ 0.8 އިންސައްތައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...