ފުވައްމުލަކު ފެނާއި ނަރުދަމާގެ މަސައްކަތް އަންނަ އޯގަސްޓު މަހު ނިމޭނޭ: އެންވަޔަރަމަންޓް މިނިސްޓްރީ

- ފޮޓޯ - ޗެނަލް ތާރޓީން


ފުވައްމުލަކު ސިޓީގައި އަޅަމުންދާ ފެނާއި ނަރުދަމާގެ މަސައްކަތް ނިމި، އޮގަސްޓް މަހު ރައްޔިތުންނަށް ޚިދުމަތް ލިބެން ފަށާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ. 2016 ވަނަ އަހަރު ފުވައްމުލަކުގައި ފެނާއި ނަރުދަމާގެ މަސައްކަތް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއެވެ.

ރާއްޖޭގައި ކުރިއަށްގެންދާ ފެންނާއި ނަރުދަމާގެ އެންމެ ބޮޑު މަޝްރޫޢު ފުވައްމުލަކުގައި ކުރިއަށްދާއިރު މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަނީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ސިއެރާއާ ހަވާލުކޮށްގެންނެވެ.

ފެނާއި ނަރުދަމާގެ މެގަ ޕްރޮޖެކްޓްގެ ގޮތުގައި ކުރިއަށްގެންދާ މި މަޝްރޫޢޫގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާއިރު މިހާރު ކުރިއަށްދަނީ ފެނާއި ނަރުދަމާގެ މަސައްކަތައް ބޭނުންވާ ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަޝްރުޢޫގެ ދަށުން ފުވައްމުލަކު ސިޓީގެ 2959 ގޭބިސީގައި ފެން މީޓަރު ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ބޭނުންވާ ހޮޅިތައް ގުޅުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާއިރު، ހޮޅި ވަޅުލުމާއި ކޮންކްރީޓްގެ މަސައްކަތްތައް މި މަހުގެ 20 ވަނަ ދުވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

ފުވައްމުލަކު ރައްޔިތުންނަށް ސާފު ފެން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގައި 500 ޓަނުގެ ތިން ފެން ޕްލާންޓާއި 62 ކިލޯ މީޓަރުގެ ފެންހޮޅި ވަޅުލުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ތެރެއިން ފުވައްމުލަކު ސިޓީގައި ހަކަތަ އުފައްދާ ނިޒާމުވެސް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން 91 ކިލޯމީޓަރުގެ ހޮޅި އެޅުމަށް ހަމަޖެހިފައިވާއިރު މިއީ މިހާތަނަށް ރާއްޖޭގައި މާލެ ސިޓީ ފިޔަވައި ރާއްޖޭގެ ރަށެއްގައި އަޅާ އެންމެ ދިގު ނަރުދަމާ ނެޓްވާކް ކަން ފާހަގަކޮށްލެވެއެވެ. އަދި އެންމެ ބޮޑު ސްވަރޭޖް ޓްރީޓްމަންޓް ސިސްޓަމްވެސް ބެހެއްޓުމަށް ހަމަޖެހިފައިވަނީ މި މަޝްރޫޢުގެ ދަށުން. އެގޮތުން ދުވާލަކަށް 2،212 ކިއުބިކް މީޓަރުގެ ކެޕޭސިޓީގެ ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ.

12،000 މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކުގެ ރައްޔިތުން ދެކެމުން އައި މި ހުވަފެނުގައި ކުލަޖެހި ޚިދުމަތް ފެށިގެން ދިޔުމަކީ އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދެވެ. މި މަޝްރޫޢޫއަކީ ފުވައްމުލަކު ރައްޔިތުން މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވާ އަސާސީ ޙިދުމަތަށްވާއިރު މި މަސައްކަތުގައި މިހާރު ކުރިއަށްދާ ކަރަންޓުގެ މަސައްކަތްތަކާއި ޕްލާންޓްތައް ބެހެއްޓުމުގެ މަސައްކަތް ނިންމައި އޮގަސްޓް މަހުގެ ތެރޭގައި ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި މިހާރު މި މަޝްރޫޢުގެ 88 އިންސައްތަ މަސައްކަތްވަނީ ނިންމާލާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...