މިފްކޯ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް 100 މުވައްޒަފުން ހޯދުމަށް އޯޕަން ޑޭ ހަރަކާތްތަކެއް ބާއްވަނީ

މިފްކޯއިން އައްޑޫ ސިޓީގައި ތަރައްޤީކުރާ ފިޝަރީޒް ކޮމްޕެލްކްސްއަށް މުވައްޒަފުން ހޯދުމަށްޓަކައި އެ ސިޓީއާއި ފުވައްމުލަކަށް އަމާޒުކޮށްގެން އޯޕަން ޑޭ ހަރަކާތްތަކެއް ބާއްވާން ތައްޔާރުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން މިފްކޯގެ ހެޑް އޮފް ހިއުމަން ރިސޯސް ސަލާހު ޝަރީފް ވިދާޅުވީ، އައްޑޫ ކޮމްޕްލެކްސްގައި މަސް ގަތުމުގެ އޮޕަރޭޝަންތައް ވީ އެންމެ އަވަހަކަށް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސަލާހު ވިދާޅުވީ މި އޮޕަރޭޝަން ފެށުމަށްޓަކައި ބޭނުންވާ 100 މުވައްޒަފުން ހޯދުމުގެ ގޮތުން މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި އޯޕަން ޑޭ ހަރަކާތްތަކެއް ބޭއްވުމަށް ރާވާފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ 20 ވަނަ ދުވަހު ހުޅުމީދޫގެ މިފްކޯ ކާރުހާނާ ހުންނަ ސަރަހައްދުގައި އޯޕަން ޑޭ ހަރަކާތް ފަށާއިރު، 21 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫގެ ޝަރަފުއްދީން ސްކޫލްގައި އެ ހަރަކާތްތައް ބޭއްވުމަށް ވަނީ ރާވާފައެވެ. އަދި 22 ވަނަ ދުވަހު އޯޕަން ޑޭގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީގެ ހާފިޒް އަހްމަދު ސްކޫލްގައެވެ.

މިފްކޯ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސް ގަތުމުގެ އޮޕަރޭޝަންތައް ފެށުމަށްޓަކައި އާ ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާއިރު، އެ ކޮމްޕްލެކްސްގައި ތަރައްޤީކުރާ 25 ޓަނުގެ ޕައުޗް ޕްލާންޓުގެ މަސައްކަތް ނިމުމުން އިތުރު 250 ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

ސަލާހު ވިދާޅުވީ މިއަހަރުގެ ކުރީކޮޅު ތަރައްޤީ ކުރަން ފެށި އެ ޕްލާންޓުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި މިހާރު ކުރިއަށްދާ މައިގަނޑު މަސައްކަތަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބޭނުންވާ ހުއްދަތައް ނެގުމުގެ މަސައްކަތް ކަމަށެވެ.

އަންނަ ޖުލައި މަސް ނިމުމުގެ ކުރިން މިފްކޯ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުވަން މަސައްކަތް ކުރަމުންދާއިރު، އެތަނަކީ 100 އިންސައްތަ ދިވެހި މުވައްޒަފުން މަސައްކަތް ކުރާ ތަނަކަށް ހެދުމަކީ މިފްކޯއިން ވަރަށް ޚާއްސަ އަހަމިއްޔަތު ކަމެއް ދެއެވެ. އެގޮތުން އަލަށް ހުޅުވިގެންދާ ފުރުސަތުތަކަކީ އައްޑޫ ސިޓީއާއި ފުވައްމަލު ސިޓީގައި ވަޒީފާ ބޭނުންވެފައި ތިބި ދިވެހިންނަށް ހުޅުވިގެންދާ ރަނުގެ ފުރުސަތުތަކެއް ކަމަށް އެކުންފުނިން ސިފަކުރެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޢީސަ 18 ޖޫން 2018 - 14:24

    ކުރިން ބުނީ އެތަނައް ބޭނުންވަނީ ދިވެހި 80 މުވައްޒިފުންކަމަށް؟

ގުޅުން ހުރި
Loading...