އީދުގެ މުނާސަބާތަށް ފަހު ތާލިބާނުން އަނެއްކާވެސް ހަނގުރާމަ އިއުލާންކޮށްފި

ފިޠުރު ޢީދުގެ މުނާސަބާތަށް ފަހު އަފްގާނިސްތާނުގެ ހަނގުރާމަވެރި ޖަމާޢަތް ތާލިބާނުން ސަރުކާރާ ދެކޮޅަށް އަނެއްކާވެސް ހަނގުރާމަ އިޢުލާންކޮށްފި އެވެ.

ޖުމްލަ ތިން ދުވަހުގެ މުއްދަތަކަށް އަފްގާނިސްތާނުގައި ސަރުކާރާއި ތާލިބާނުންނާ ދެމެދު ސުލްހަ ގާއިމްކުރުމަށް ފަހު އަލުން ހަނގުރާމަ އިއުލާންކުރި އިރު، އެ ގައުމުގެ ސަރުކާރުން ބުނީ ހަމަލާ ބަދަލު ނުކުރާނަމަ، އިތުރު 10 ދުވަހުގެ މުއްދަތަކަށް ސަރުކާރުގެ ފަރާތުން ހަމަލާ ބަދަލުކުރަން ދެކޮޅު ހަދާ ކަމަށެވެ. ނަމަވެސް، ހަމަލާއެއް އަތުވެއްޖެ ނަމަ، އޭގެ ބަދަލު ހިފާނެ ކަމަށް އަފްގާނިސްތާނުގެ ސަރުކާރުން ބުނެ އެވެ.

ތާލިބާނާއި އަފްގާނިސްތާނުގެ ސަރުކާރުގެ ދެމެދުގައި އީދަށް ގާއިމްކުރެވުނު ސުލްހައިގެ މުއްދަތުގައި ދާޚިލީ ހަނގުރާމައިގެ ދެ ފަރާތުގައިވާ ހަނގުރާމަވެރިންގެ ފަރާތުން އެކުވެރިކަން ފެނިގެން ދިޔައިރު، ތާލިބާނާއި އަފްގާނިސްތާނުގެ ސިފައިން ބެއްދި މަންޒަރުވެސް ވަނީ ބްރޯޑްކާސްޓް ކޮށްފަ އެވެ. ނަމަވެސް، އަލުން ހަނގުރާމަ އިއުލާންކުރުމާ އެކު އަފްގާނިސްތާނުގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތަށް ވަނީ އިތުރު ބޮޅެއް އެޅިފަ އެވެ.

ނަންގަހާރު ޕްރޮވިންސްގައި ތާލިބާނާއި ސަރުކާރުގެ އޮފިޝަލުން ބައްދަލުވުމެއް ކުރިއަށް ގެންދަނިކޮށް ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި 18 މީހަކު މަރުވި އިރު، މިފަހުން ހޮނިހިރު ދުވަހު ހަމަ އެ ޕްރޮވިންސްގައި ދިން ހަމަލާއެއްގައި ތާލިބާނާއި އާންމު އޮފިޝަލުން ހިމެނުނު ސަރަހައްދަކުން 36 މީހަކު މަރާލާފައިވެ އެވެ. އެ ހަމަލާގެ ޒިންމާ ނަގާފައިވަނީ އައި އެސް ޖަމާއަތުންނެވެ.

ތާލިބާނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އީދުގެ މުނާސަބާތަށް ސުލްހަ ގާއިމްކުރުމަށް ނިންމީ އާންމު ފަރާތްތަކަށް ސުލްހަވެރި ދުވަސްކޮޅެއް ގެނައުމުގެ ބޭނުމުގައި ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން އެ މުއްދަތު އިތުރުކުރުމަށް ބާރު އެޅި ނަމަވެސް، ތާލިބާނުން ވަނީ އެ މުއްދަތު އިތުރުކުރަން ފަހުން ދެކޮޅު ހަދާފަ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...