މެކްސިކޯ އަތުން ޖަރުމަނު ބަލިވި އިރު ބްރެޒިލް އަށް ހަމަހަމަ ނިމުމެއް

ފީފާ ވޯލްޑް ކަޕްގައި ޗެމްޕިއަން ޖަރުމަނުވިލާތް އަތުން މެކްސިކޯ މޮޅެއް ހޯދި އިރު، އެ މުބާރާތުގެ އެންމެ ކާމިޔާބު ގައުމު ކަމަށްވާ ބްރެޒިލް ރޭ ސްވިޓްޒަލެންޑް އަތުން އެއްވަރުވެއްޖެ އެވެ.

މެކްސިކޯ އަތުން ގަދަފަދަ ޖަރުމަނު ބަލިވުމާ އެކު، ވޯލްޑް ކަޕްގައި އެ ގައުމުން ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ ލޮޅުމެއް އައިސްފައެވެ.

އެގޮތުން، ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ފަހުން ކުޅުނު ހަތް މުބާރާތުގެ ވެސް އޯޕަނިންގް މެޗުން ޖަރުމަނު މޮޅުވެފައިވާ އިރު، އެންމެ ފަހުން ވެސް، މޮޅަކާ ނުލާ ނިންމާލަން ޖެހުނީ 1986 ވަނަ އަހަރު އުރުގުއޭ އާ ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމާ އެކުގަ އެވެ.

ޖަރުމަނު އަތުން މޮޅުވުމާ އެކު، އެކަން ވެގެން ގޮސްފައިވަނީ މެކްސިކޯގެ ފުޓްބޯޅަ ތާރީޚުގައި، މުޅިއަކު 33 އަހަރުގެ ދިގު މުއްދަތަކަށް ފަހު ޖަރުމަނު އަތުން އެ ޓީމަށް ހޯދުނު ފުރަތަމަ މޮޅަށެވެ. ޖަރުމަނު އަތުން މެކްސިކޯ އަށް މީގެ ކުރިން މޮޅުވެވުނީ 1985 ވަނަ އަހަރު އެކަނިކަން ވެސް ފާހަގަކޮށްލެވެ އެވެ.

މެޗުގެ ކުޅުން ފެށިގެން މެކްސިކޯ އިން ޖަރުމަނުގެ ގޯލަށް ބާރުބޮޑުކުރަމުން ގެންދިޔަ އިރު، މެކްސިކޯ އިން ވަނީ ކައުންޓަރ އެޓޭކުތަކުގައި ޖަރުމަނުގެ ޑިފެންސް ލައިނަށް ބާރުބޮޑުކޮށްފަ އެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ހާވިން ލޮޒާނޯ ފުރަތަމަ ހާފުގައި ކާމިޔާބުކުރީ ވެސް، މެކްސިކޯ އިން ކުރިއަށް ފޮނުވާލި ކައުންޓާ އެޓޭކެއްގައެވެ. އަދި މެޗުގެ ފަހުކޮޅުގައި ޖަރުމަނަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި އެ ޓީމަށް ހިފޭ ގޮތް ވަނީ ނުވެފަ އެވެ.

ނަމަވެސް، ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗަށް ވެފައި، ކުރިއަށް ސްވިޑަން އާއި ދެކުނު ކޮރެއާ އާ ދެކޮޅަށް މެޗުތަކެއް ހުރުމާ އެކު، ޖަރުމަނުގެ ފޯމު އަނބުރާލުމުގެ ފުރުސަތު އެ ޓީމަށް އަދި އެބައޮތެވެ. މުޅި މެޗުގައި މެކްސިކޯގެ ގޯލަށް އަމާޒުކޮށް ޖަރުމަނުން 26 ޝޮޓު ފޮނުވާލާފައިވާ އިރު، އެ އަދަދުތައް ވެފައިވަނީ 2006 ވަނަ އަހަރު ޕޯޗުގަލް އާއި އިނގިރޭސިން ބައްދަލުކުރި މެޗަށް ފަހު ލަނޑެއް ނުޖެހި އެންމެ ގިނައިން ހަމަލާ ބަދަލުކުރެވުނު ފަހަރަށެވެ.

ޖުމްލަ ފަސް ވޯލްޑް ކަޕް ޓްރޮފީ ހިޞާރުކޮށް ދުނިޔޭގެ އެންމެ ކާމިޔާބު ގައުމުގެ ގޮތުގައި އޮތް ބްރެޒިލް، ސްވިޓްޒަލެންޑް އަތުން ޕޮއިންޓަކާ އެކު ފަރުޖައްސާލަން ޖެހުމާ އެކު، އެކަން ވެގެން ގޮސްފައިވަނީ 1978 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތަށް ފަހު އެ މުބާރާތުގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗަކުން އެ ޓީމަށް މޮޅު ނުވެވުނު ފުރަތަމަ ފަހަރަށެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ބްރެޒިލްގެ ބާސެލޯނާ މިޑްފީލްޑަރު ފިލިއްޕޭ ކޫޓިނިއޯ ވައްދާލި ހިތްގައިމު ލަނޑަށް ފަހު ބްރެޒިލްގެ "މޮޅު" ކުޅުން ދެއްކުމަށް އެ ޓީމް ނުކުޅެދުނީ ސްވިޓްޒަލެންޑްގެ ސުޕީރިއާ ގޭމް ޕްލޭނުގެ ސަބަބުންނެވެ.

ސްވިޓްޒަލެންޑުން ވަނީ ފަހު ހާފުގައި ބްރެޒިލަށް ކުޅެން ފުރުސަތު ނުދީ ކައުންޓާ އެޓޭކުތަކުގައި ބްރެޒިލްގެ ކުޅުންތެރިން ވަރުބަލިކޮށްލާފަ އެވެ. އަދި އެހާމެ ހުށިޔާރުކަމާ އެކު، އެ ޓީމުން ވަނީ ދެވަނަ ހާފުގައި ބްރެޒިލްގެ މައްޗަށް ޑޮމިނޭޓްކޮށް ބްރެޒިލްގެ އެންމެ މޮޅު ކުޅުންތެރިން ހަރުދަނާ ސިފައަކުން ބައްދާލާފަ އެވެ.

ނަތީޖާއެއްގެ ގޮތުން 50 ވަނަ މިނެޓުގައި ޒޫބާ ސްވިޓްޒަލެންޑަށް އެއްވަރުކޮށްދިން އިރު، ބްރެޒިލްގެ މޮޅު ކުޅުން ފިއްތުމާއެކު ސްވިޓްޒަލެންޑް ވަނީ އެ ޓީމް ހިމެނޭ ގްރޫޕްގެ އެންމެ އުނދަގޫ މެޗުން ޕޮއިންޓަކާ އެކު ސަލާމަތުގެ އައްސޭރިއަށް ވާސިލްވެފަ އެވެ.

ސްވިޓްޒަލަންޑުން މުޅި މެޗުގައި ވެސް ބްރެޒިލް ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާ ކަމަށްވާ އިރު، އެ ޓީމްގެ ފުރަތަމަ ލަނޑަކީ، މުޅި މެޗުގައިވެސް އުފެއްދި ފުރަތަމަ ހަމަލާކަން ފާހަގަކޮށްލެވެ އެވެ. އެއާ ޚިލާފަށް ބްރެޒިލުން ވަނީ ސްވިޓްޒަލެންޑް ގޯލަށް ފަސް ހަމަލާއެއް ފޮނުވާލާފަ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...