ދިވެހި ޤައުމު އެދިގޮވަނީ ފަހި މާދަމާއެއް ދިވެހިންނަށް ހޯއްދަވާ ދެއްވާނެ ވެރިއަކަށް

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް. ފޮޓޯ: ޗެނަލް13

ޤައުމެއްގެ ޙަޔާތުގައި އެ ޤައުމަކަށް އަންނަ އެންމެ މުހިންމު އިންތިޚާބަކީ ރިޔާސީ ދައުރެއްނިމި އާ ދައުރަކަށް ރައީސަކު ހޮވުމުގެ އިންތިޚާބެވެ.

ރިޔާސީ އިންތިޚާބަކަށް ޤައުމު ތައްޔާރުވަނީ ހިނގަމުންދާ ރިޔާސީ ދައުރުގައި ރައްޔިތުންނަށް ކޮށްދީފައިވާ ޚިދުމަތްތަކަށް މާކްސް ދިނުމުގެ ގޮތުންނެވެ. ރިޔާސީ އާ ރޭހަށް ނިކުންނަ ބަޔަކު ހުށަހަޅާ މެނިފެސްޓޯ ބަލާ އެއަށްވެސް މާކްސް ދިނުމުގެ ގޮތުންނެވެ. އަދި ހިނގަމުންދާ ރިޔާސީ ދައުރުގެ ރައީސް އަންނަން އޮތް ދައުރަށް ހުށަހަޅާ މެނިފެސްޓޯއާއި މެދު ގޮތެއް ނިންމުމުގެ ގޮތުންނެވެ.

ރިޔާސީ އިންތޚާބަށް މިއަދު ދިވެހިން މިވަނީ ތައްޔާރުވެފައެވެ. އިންތިޚާބު ބޯމަތިވެ ވޯޓުލާ ދުވަސް ކަނޑައަޅައިފިއެވެ. 23 ސެޕްޓެމްބަރ ގައި ރައްޔިތުން ނިކުމެ ވޯޓުލުމުގެ ކުރިން ވިސްނާލަން ޖެހޭ މުހިންމު ކަންކަން އެބަހުއްޓެވެ.

ދިވެހި ޤައުމުގެ މުސްތަޤުބަލް ހަވާލުކުރުމަށް އަޅުގަނޑުމެން ވޯޓުލާން ތައްޔާރުވާއިރު، ހިނގަމުންދާ ވެރިކަމުން ދިވެހި ޤައުމަށާއި، ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވީ ކިހާ ވަރަކަށްތޯ ބަލާލަން އެބަ ޖެހެއެވެ. ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ކަމުގެ މަޤާމަށް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އިންތިޚާބު ކުރީ އެ މަނިކުފާނުގެ ފުރިހަމަ މެނިފެސްޓޯއާއި އެކީގައެވެ. އެ މެނިފެސްޓޯގެ ހުވަފެންތައް ދިވެހިންވެސް ދިޔައީ ދެކެމުންނެވެ. އެމަނިކުފާނު އެދުނީ "އުންމީދު" ކުރެއްވުމަށެވެ. އަދި "އިތުބާރު" ކުރެއްވުމަށެވެ.

އެމަނިކުފާނު ހުށަހެޅި މެނިފެސްޓޯއަށް އިދިކޮޅު ފަރާތްތަކުން ހަޖޫ ޖަހާ ޖޯކު ޖަހާ ހެދިއެވެ. އަދި އެއީ ހުވަފެނީ ބިލާހެއްކަން ދިވެހިންނަށް ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް އެ ހަޖޫތަކުގެ ތެރެއިން ދިވެހިން ސަލާމަތްވެ ރައީސް ޔާމީނަށް ވޯޓުދެއްވާ ރިޔާސީ ދައުރެއް އެމަނިކުފާނާއި ހަވާލުކުރެއްވިއެވެ. 


އެމަނިކުފާނާއި ހަވާލުކުރި ޒިންމާއަށް މިއަދު ދިވެހިން މާކްސް ދޭން ތައްޔާރުވާއިރު، އެމަނިކުފާނު މިވަނީ ދިވެހިން ކުރި އިތުބާރާއިއެކު އެކު، ދިވެހިން ކުރި އުންމީދު ތަކުގައި ކުލަޖައްސާދެއްވާފައެވެ. މިހާތަނަށް ދިވެހިން ހުވަފެނުގައިވެސް ދެކެފައިނުވާ ފަދަ ބޮޑެތި ބިޔަ މަޝްރޫޢުތަކެއް ހިންގަވައިގެން މަދަނިއްޔަތާއި ތަހުޒީބު ލިބިގެންވާ ތަރައްޤީއެއް އެމަނިކުފާނު މިވަނީ ދިވެހިރާއްޖެއަށް ގެނެސްދެއްވާފައެވެ. ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ހުޅުމާލޭ ޔޫތު ސިޓީއާއި، ދަރުމަވަންތަ ހޮސްޕިޓަލުގެ މަޝްރޫޢަކީ، މިހާތަނަށް ރާއްޖޭގައި ހިންގާފައި ނުވާފަދަ އާދަޔާ ޚިލާފު ބިޔަ ބޮޑެތި މަޝްރޫޢުތަކެވެ.

މީގެ އިތުރުން، މާލެއާއި އަތޮޅުތަކުގެ ރައްޔިތުންނަށް އުފާފާގަތިކަން ހޯދައިދިނުމަށްޓަކައި ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތައް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ޤާއިމުކޮށްދީ ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމެއް އުޅެވޭނޭ މަގު ފަހިކޮށްދީ، އަމިއްލަ ފައިމައްޗަށް ތެދުވެ އުޅެވޭނެ ފަދަ ދިރިއުޅުމެއް ދިވެހިންނަށް ދަނީ ހޯއްދަވާދެއްވަމުނެވެ. 


 

ވައުދުތަކާއި އަހުދުތަކުގެ ބޮޑު ބައެއް އަދާކޮށްދެއްވާފައިވާއިރު ހަމަހަމަ ކަމާއިއެކު ޤާނޫނުތައް ދަނީ ތަންފީޒުކުރައްވަމުނެވެ. ޤައުމުގެ އެތެރެއިން ކުރާ ޖެއްސުންތަކާއި ޣައްދާރުން ރާވާ ބަޣާވާތްތަކުން ޤައުމު ސަލާމަތްކޮށްދީ، ޤައުމުގެ ބޭރުން އަންނަ އިންޒާރުތަކުން ޤައުމު ސަލާމަތްކުރައްވާ ހަމަ އިސްކޮޅަށް ތެދުވެ ޤައުމު ދަނީ ބާރަށް ކުރިޔަށެވެ. ޤައުމުގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ދޭން ގޮވާލާ އެންމެންނަށް ރައްދު ދެއްވާ މި ޤައުމުގައި އިސްލާމް ދީން ނޫން އެހެން ދީނަށް ފުރުސަތު ނުލިބޭނެކަން ދަނީ ފާޅުގަ އިއުލާނު ކުރައްވަމުންނެވެ. 


 

ރައީސް ޔާމީންއަށް ދެވަނަ ދައުރެއް ދޭން ފެނޭތޯ މާކްސް ދޭން ބަލާލާއިރު ޤައުމުގައި މަދުވެގެން ހައެއްކަ ޕްރޮޖެކްޓް ނުހިނގާ އެއްވެސް ރަށެއް ނެތެވެ. ބައެއް ރަށްރަށުގައި ފަންސާހުން ގުނާލެވޭ ޕްރޮޖެކްޓްތައް ވަނީ ހިންގާފައެވެ. އެމަނިކުފާނުގެ ވައުދުތައް ފުއްދަވަމުން ދާއިރުވެސް އިދިކޮޅު ފަރާތްތަކުން ކުރަމުން ދަނީ އެންމެ ކަމެކެވެ. ކަށީގައި ހިފާފައިވާ ހަޖޫޖެހުމާއި ޖޯކް ޖެހުމެވެ. އިންތިހާބުގައި ވޯޓު ލާން ދާއިރު މި ޤައުމަށް ބޭނުންވަނީ، އަބަދު ޖޯކު ޖަހާ، ހަޖޫ ޖެހުމުގެ އިތުރުން ދިވެހިން ވިއްކާލައިގެން ނުވަތަ ދިވެހިން ނީލަން ކިޔައިގެންވިޔަސް ވެރިކަމަށް އަންނަން ބޭނުންވާ ބަޔަކުތޯ މިއީ ކޮށްލަން ޖެހޭ ސުވާލެކެވެ. އަދި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލުމުން އެކަން ކުށްވެރިކޮށްލަންވެސް ނުކެރުނު، ދީނާއި ބީރައްޓެހި ބަޔަކާތޯވެސް މިއީ ކޮށްލަން ޖެހޭ ސުވާލެކެވެ. ޤައުމު އަޅުވެތިކޮށްލާ ޤައުމަށް ޣައްދާރުވެފައި ތިބޭ މުޖުރިމުންނަށްތޯ މިއީވެސް ކޮށްލަންޖެހޭ ސުވާލެކެވެ. 


ދިވެހި ޤައުމު އެދި ގޮވަނީ ތަރައްޤީއާއި ތަހުޒީބުގައި ހެސްކިޔާފަ ކުރިހޯދާފައިވާ ވެރިއަކަށެވެ. ތަރައްޤީގެ ބަހާރު މޫސުމެއް ދިވެހިންނަށް ގެނެސްދެއްވި ހީވާގި ވެރިއަކަށެވެ. ހަމަހަމަކަމާއި އެކު ޤާނޫނު ތަންފީޒުކޮށްދޭނެ  އަދުލްވެރި ވެރިއަކަށެވެ. ހަމައިސްކޮޅަށް ތެދުވެ، އެހެން ބަޔަކަށް ބަރޯސާނުވާ ދިރިއުޅުމެއް ދިވެހިންނަށް ހޯއްދަވާދެއްވި ވެރިއަކަށެވެ. ފަހި މާދަމާއެއް ދިވެހިންނަށް ހޯއްދަވާ ދެއްވާނެ އުންމީދީ ވެރިއަކަށެވެ. ދިވެހި ޤައުމު އެދި ގޮވަނީ އަދިވެސް ރައީސް ޔާމީނަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...