ކުރީގެ ރައީސް މައުމޫނާއި ދެ ފަނޑިޔާރުން އެއް އަހަރާއި ހަތް މަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު. މިތިން ބޭފުޅޫންގެ މައްޗަށް ވެސް ހުކުމްކޮށްފައިވަނީ އެއް އަހަރާއި ހަތް މަހާ ހަ ދުވަހަށް ޖަލަށްލުމަށް.

އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅިކަން ސާބިތުވެ، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ކުރީގެ ރައީސް މައުމޫންގެ އިތުރުން އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް ވަނީ އެއް އަހަރާއި ހަތް މަހާއި، ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމް އެ ތިން ބޭފުޅުންގެ މައްޗަށް ކޮށްފައި ވަނީ ދައުލަތުން އުފުލި އަދުލުއިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.

އެ ދައުވާ އުފުލާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެ ތިން ބޭފުޅުން ހައްޔަރުކުރުމަށްފަހު ފޯނު ދޭން ފުލުހުން އެންގުމުން ފޯނު ދީފައިނުވާތީއެވެ. އެ މައްސަލާގައި ހެކިބަސް ދިން ފުލުހުން ބުނީ ފޯނު ދޭން އެ ބޭފުޅުންނަށް އެންގުމުން ފޯނު ނެތް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން އެންދެރިމާގޭގެ ތެރޭގައި ރައީސް މައުމޫން ހުންނަވަނިކޮށް ހައްޔަރުކޮށް އެގެ ބަލައި ފާސްކުރުމުން ވެސް އެމަނިކުފާނުގެ ފޯނު ފެނިފައިނުވާ ކަމަށް ހެކިބަސް ދިން ފުލުހުން ބުނެފައިވެއެވެ.

އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ސުޕްރީމް ކޯޓުގެ ތެރެއިން ހައްޔަރުކޮށް އެ ކޯޓު ތެރެ ބަލައިފާސްކުރުމުން ވެސް ފޯނު ފެނިފައި ނުވާ ކަމަށް ހެކިބަސް ދިން ފުލުހުން ވަނީ ބުނެފައެވެ. ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެ ދައުވާ އެ ތިން ބޭފުޅުންގެ މައްޗަށް ސާބިތުވާ ކަމަށެވެ.

މިފަދަ މައްސަލަތަކުގެ ދަރަޖައިގެ ގޮތުން ދެވޭ އެންމެ ބޮޑު އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއްކަން ގާޒީ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެހުކުމުގައި ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަށް ދޫކޮށްފައިވާ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް ވަނީ ބާތިލުކޮށްފައެވެ. އަދި ތިން ބޭފުޅުންނަށް ވެސް ގާނޫނީ ވަކީލުކަން ކުރެއްވުމަށް ދީފައިވާ ހުއްދަވެސް މިހުކުމުގައި ބާތިލުކޮށްފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...