މި އަހަރުވެސް ފިތުރު އީދާއި ގުޅިގެން ހުޅުމާލޭގައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަނީ

މި އަހަރުވެސް ފިތުރު އީދާއި ގުޅިގެން ހުޅުމާލޭގައި އީދު ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީގެ ސީނިއަރ ކޮމިއުނިޓީ އެންގޭޖްމެންޓް އޮފިސަރ، ހަސަން ޝަހީދު ވިދާޅުވީ އެހެން އަހަރުތަކަށް ވުރެ މިއަހަރުގެ އިންތިޒާމްތައް ފުރިހަމަ ވާނެ ކަމަށާއި މި އަހަރުގެ ފިތުރު ޢީދު ވަރަށް ފޯރިގަދަކޮށް ކުރިއަށް ގެންދިޔުމަށް ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ.


ފިތުރު އީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހެނދުނު އީދު ނަމާދަށްފަހު ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. ބޮޑު ޖަމާޢަތުގައި އީދު ނަމާދު ކުރުމުގެ ހުރިހާ އިންތިޒާމްތައް ހަމަޖެހިފައިވަނީ ސެންޓްރަލް ޕާކްގައެވެ. އީދު ނަމާދުގެ ހުރިހާ އިންތިޒާމްތައް ކުރިއަށް ގެންދަނީ އެޗްޑީސީން، އަމިއްލަ ޖަމާޢަތެއް ކަމަށްވާ އަލްހިޖްރައާއި އިސްލާމިކް މިނިސްޓްރީއާއި އަދި އެކި ޖަމާޢަތްތަކާއި ސަރުކާރުގެ އިދާރާތަކާއި ގުޅިގެންނެވެ.


އީދު ނަމާދަށްފަހު، އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ލަޔަރ އިން ހުޅުމާލޭގެ ޔޫތު ޕާކުގައި ލަޔަރ އީދު ކުޅިވަރުގެ ނަމުގައި ވަރަށް ފޯރިގަދަ ހަރަކާތްތަކެއް އީދު ދުވަހު ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. އޮފިޝަލް ޕާޓްނަރ އެއްގެ ގޮތުގައި އެޗްޑީސީއާއި އުރީދޫ ހަރަކާތްތެރިވާ މި ކުޅިވަރުތައް ކުރިއަށްގެންދާނީ ހެނދުނު ނުވަޔަކުން އެގާރައަށް އަދި މެންދުރުފަހު ދެއަކުން އިރު އޮއްސި ހަޔަކަށެވެ. މި ވަގުތުތަކުގައި ކުރިއަށްދާނެ ހަރަކާތްތަކުގެ ތެރޭގައި ފެންކުޅިއާއި، ވާދެމުމާއި، ކުރީބައިގައި ކަނޑައެޅިފައިވާ އެކި ހިސާބުތަކުގައި ކުރިއަށް ގެންދެވޭ ސެލްފީ ޗެލެންޗް ކަމަށް އެޗްޑީސީ އިން ބުނެއެވެ. މީގެ އިތުރުން ހަބޭސް ބޮޑުބެރު ގްރޫޕުން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ބާއްވާ އީދު ޝޯގައި ތަފާތު މިއުޒިކްގެ ހަރަކާތްތައް ފެނިގެން ދާނެ ކަމަށް އެޗްޑީސީ އިން މައުލޫމާތުދެއެވެ. އަދި ދިވެހިންގެ މެދުގައި ބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ ޓްރެފިކް ޖޭމް އިން މި ޝޯގައި ބައިވެރިވާނެ ކަމަށްވެސް އެޗްޑީސީ އިން ބުނެއެވެ. މި ޝޯވ އޮންނާނީ ޖޫން ސޯޅަވާ ހޮނިހިރު ދުވަހުގެ ރޭ އަށްގަޑި ސުންމިނެޓްގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...