ވިންޓަރ ތީމް ޕާކް ތަރައްޤީކުރަނީ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން: މިނިސްޓަރ މުއިއްޒު

ރަސްރަނި ބަގީޗާގައި ތަރައްޤީކުރާ ވިންޓަރ ތީމް ޕާކަކީ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތަރައްޤީކުރާ ޕާކެއް ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވިންޓަރ ތީމް ޕާކު ހަދާފައިވަނީ ބޮޑުު ގެއެއް ސިފަވާ ގޮތަށް ޓިނުން ކަމަށްބުނެ ފަތުރަމުންދާ ދޮގު ވާހަކަތަކަށް ރައްދު ދެއްވާ، ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވިންޓަރ ތީމް ޕާކު ތަރައްޤީކޮށްފައިވަނީ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ވަރަށް ފެންވަރު ރަނގަޅުކޮށް ކަމަށެވެ. އެގޮތުން ވަރަށް ހާއްސަ ފްރޭމިން އެއް ޕާކުގެ ފާރުތަކުގައި ބޭނުންކޮށްފައިވާކަން މިނިސްޓަރ ގެ ޓްވީޓްގައި ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެ ފާރުތަކުގައި އައިބީފޯރ ވޯޓަރޕްރޫފިން ހުންނާނެ ކަމަށްވެސް މިނިސްޓަރގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.


ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތަރައްޤީކުރާ މި ޕާކު ހުޅުވުމަށް ހަމަޖެހިފައިވަނީ ފިތުރު އީދު ދުވަހުއެވެ. މި ޕާކް ތަރައްގީކުރާއިރު އެތަނުގައި ކެފޭއެއްވެސް ހުޅުވުމަށް ވަނީ ނިންމާފައެވެ. އަދި ޕާކު މެނޭޖްކޮށް ބެލެހެއްޓުން ހަވާލުކުރާނީ ކެފޭ ހިންގާ ފަރާތާކަމަށް މިނިސްޓަރ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.


ފަތުރުވެރިކަމުގެ ދާއިރާގައި ސީ.އެސް.އާރުން ހަރަދުކޮށްގެން ވިންޓަރ ތީމް ކޮންސެޕްޓަށް ރާއްޖޭގައި އަލަށް އަޅާ މި ޕާކަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ޕާކެކެވެ. ފިނި މޫސުމުގެ އިހުސާސްތައް ކުރައްވަން ބޭނުންވެފައިވާ ކުދި ބޮޑު އެންމެނަށް މި ޕާކުގެ ސަބަބުން އެ ހުވަފެން ހަގީގަތަކަށް ވެގެންދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ މީގެކުރިން ވިދާޅުވެފައެވެ.


މި ޕާކަށް ބޭނުންވާ އިމާރާތުގެ ޑިޒައިން ހަދާފައިވަނީ ފްރާންސްއާއި ސްވިޒަރލެންޑްގެ ދެ ކުންފުންޏަކުން ރާއްޖެ އައިސް ގިނަ މައުލޫމާތުތަކެއް އެއްކޮށް ދިރާސާތަކެއް ކުރުމަށްފަހުއެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު ތޮއްޖެހިފައިވާ މާލޭގައި އާންމުންނަށް ހިތްހަމެޖެހުން ގެނުވައިދިނުމަށްޓަކައި މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކުތައް ވަނީ ތަރައްގީކޮށްފައެވެ. އެގޮތުން ރަސްރަނީ ބަގީޗާއަކީ އެމަނިކުފާނުގެ ވެރިކަމުގައި ތަރައްގީ ކޮށްފައިވާ އެންމެ ފެންވަރު ރަނގަޅު އެއް ޕާކުކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...