ރެއާލްގެ ހެޑް ކޯޗުގެ މަޤާމަށް ލޮޕެޓެގީ ހަމަޖައްސައިފި

ރެއާލްގެ ހެޑް ކޯޗުގެ މަޤާމަށް ހަމަޖައްސާފައިވާ ލޮޕެޓެގީ

ވޯލްޑް ކަޕަށްފަހު ސްޕެއިން ޤައުމީ ޓީމުގެ ކޯޗް ހުލެން ލޮޕެޓެގީ ރެއާލް މެޑްރިޑްގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވާނެ ކަމަށް އެ ކްލަބުން ބުނެފިއެވެ.

މިދިޔަ ދެ ސީޒަނުގައި ސްޕެއިންގެ ޤައުމީ ޓީމުގެ ކޯޗުކަން ކޮށްދީފައިވާ ލޮޕެޓެގީ ރެއާލް މެޑްރިޑްގެ ހެޑް ކޯޗު ކަމާ ހަވާލުވަނީ ތިން އަހަރުގެ ދުވަހުގެ މުއްދަތަކަށެވެ.

މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ޗެމަޕިއަން ކަން ރެއާލް މެޑްރިޑުން ހޯދާފައިވާއިރު، އެ މުބާރާތް ނިިމިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭރުގެ ހެޑް ކޯޗު އަދި ފްރާންސްގެ ކުރީގެ ފުޓުބޯޅަ ތަރި ޒައިނުއްދީން ޒިދާން ވަނީ އެ މަޤާމުން އިސްތިއުފާ ދީފައެވެ. އެއާއެކު ދުނިޔޭގެ މަޝްހޫރު ބައެއް ކޯޗުން ގެނައުމަށް ރެއާލްއިން ފެށި މަސައްކަތުގައި އެ މަޤާމަށް ލޮޕެޓެގީ ހަމަޖެއްސީ މި ހަފްތާގެ އަންގާރަ ދުވަހުގައެވެ.

މީގެ ކުރިން ސްޕެއިންގެ ޤައުމީ ޓީމުގެ އިތުރުން ލަ ލީގާގެ އެންމެ ބޮޑު ދެ ކްލަބު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާއަށް ގޯލްކީޕަރުކަން ކޮށްދީފައިވާ ލޮޕެޓެގީ ކޯޗިންގް ކެރިއަރ ފަށާފައިވަނީ 2003 ވަނަ އަހަރުގައެވެ. ކޯޗް ކަމުގެ ހަޔާތުގައި ރެއާލް މެޑްރިޑްގެ ބީ ޓީމުގެ އިތުރުން ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމާއި 20 އަހަރުން ދަށުގެ ޓީމުގެ އިތުރުން 19 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަޤާމު ވެސް އޭނާ ވަނީ ފުރާފައެވެ.

ސްޕެއިންގެ ޤައުމީ ޓީމުގެ ކޯޗުގެ މަޤާމާއި ލޮޕެޓެގީ ހަވާލުވީ 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ނިމުމާއެކު، އޭރު އެ މަޤާމުގައި ހުރި ވިސެންޓޭ ޑެލް ބޮސްކޭ މަޤާމުން އިސްތިއުފާ ދިނުމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...