އީދަށް މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

އީދަށް ބޭނުންވާ މުދާ ހިފައިގެން ދ. މީދޫއަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ފަރަށް އެރި ދޯންޏަކީ މާލެއިން ފުރައިގެން ދ.މީދޫއަށް ދަތުރުކުރަމުން ދިޔަ "ގެލެކްސީ" ނަމަކަށް ކިޔާ ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއް ކަމަށެވެ.

މާލެ އަތޮޅު އިތާފުށީގެ އިރު ދެކުނުން 1.5 ނޯޓިކަލް މޭލުގައި އޮންނަ ފަރަކަށް މި އޮޑި އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ ރޭ ފަތިހު 4:15 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް ވަނީ ޑައިވަރުންނާއެކު ހަރަކާތްތެރިވާން ފަށާފައެވެ.

މި ދޯނި ފަރަށް އެރުމާ ގުޅިގެން ދޯނީގެ ހަލްގަނޑަށް ގެއްލުން ލިބި ދިޔަ ވަމުންދާތީ ދޯނީގައި ހުރި މުދާ ހުސްކުރުމަށްޓަކައި ދޯނީގެ ވެރިފަރާތުން ހަމަޖެއްސެވި އިތުރު ދޯންޏެއް ވަނީ ގެލެކްސީ ދޯނި އޮތް ސަރަޙައްދަށް ގޮސް މުދާ ހުސް ކުރުމުގެ މަސައްކަތް ފަށާފައެވެ. މި ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ވަނީ ކޮށްފައެވެ.

މި ހާދިސާ ހިނގި އިރު ދޯނީގައި ހަ މީހުން ތިބި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ދެ ދިވެހިންނާއި ހަތަރު ބިދޭސީން ހިމެނޭއިރު، އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މިއަދު ހެނދުނު 9:45 ހާއިރު ދޯނީގެ ވެރި ފަރާތުން އެހެން ދޯންޏެއްގެ އެހީތެރިކަމާއިއެކު ކުރި މަސައްކަތުން މި ދޯނި ވަނީ ފުންކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...